August 18, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމިޓީއަކަށް މިއަދު އެމްޑީޕީން ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މި މައްސަލަ ހުށަހެޅުއްވާފައި ވަނީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި ގައުމީ ސަލާމަތު ކޮމިޓީ އަދި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށެވެ. މިއީ އެއް މައްސަލައެއް، ތިން ކޮމިޓީއަކަށް އެއް ފަހަރާ ހުށަހެޅި ފުރަތަމަ ފަހަރެވެ.
އުމުރުން 28 އަހަރުގެ ރިލްވާން މިމަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލުނު މައްސަލަ މަޖިލީހުގެ ތިން ކޮމިޓީއަށް ހުށަހެޅުއްވީ، އިމްތިޔާޒު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހްގީގު އެކަށީގެންވާ ގޮތެއްގައި ފުލުހުން ގެންދާ ކަމަށް ގަބޫލު ނުކުރެއްވޭތީ އެވެ. ރިލްވާން ގެއްލުނުތާ 10 ދުވަސްވެފައި ވާއިރު، އޭނާ ގެއްލުމާ ގުޅިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަން ފުލުހުންނަށް ހޯދިފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ.
“އެހެންވެ އަޅުގަނޑުމެންގެ މަގުސަދަކީ މި މައްސަލައިގެ ތަހްގީގު މިހާރަށް ވުރެ ރަނގަޅަށް ގެންދިއުމަށް ބާރު އެޅުން،” ރިލްވާން ވިދާޅުވި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 ހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލަށް ވަން މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނުނު ނަމަވެސް، ހުޅުމާލެއަށް ދިއުމަށް އޭނާ ފެރީއަށް އެރިކަން ނުވަތަ ހުޅުމާލެއަށް ފޭބިކަން ކަށަވަރު ނުކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މަރުގެ އިންޒާރުތައް ވެސް ލިބިފައިވަނިކޮށް ގެއްލުނު، ސޯޝަލް މީޑިއާގައި “މޮޔަމީހާ” ގެ ނަމުން މަޝްހޫރުވެފައިވާ ރިލްވާނު ގެއްލުނުގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ފުލުހުން ރޭ ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރު އަބްދުﷲ ޝަތީހު ވިދާޅުވި ގޮތުގައި ރިލްވާންގެ ފޯންގެ ސިގްނަލް އެންމެ ފަހުން ލިބުނީ ހަތް ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ގައި ހެންވޭރުގެ ސަރަހައްދަކުންނެވެ. އަދި އެންމެ ފަހުން ފޯން ކޯލެއް ކޮށްފައިވަނީ އެ ރޭ 10:19 ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ކޯލްކޮށްފައި ވަނީ ކާކަށް ކަމެއް ފުލުހުން ނުބުނެ އެވެ.