#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

އަދީބަށް ކުރި ތުހުމަތުތަކާއި ރިލްވާން ގެއްލުމާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައިވާ ބައެއް ވާހަކަ ދިމާވޭ: ޝަހިންދާ

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަން މައްސަލަތަކާއި މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ހުރި ބައެއް ވާހަކަތައް ދިމާވާތީ އެ ރިޕޯޓުގައިވާ ކަންކަން ތަހުގީގުކުރުން މުހިއްމު ކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްއެންޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރިލްވާން ގެއްލުމާ ގުޅޭގޮތުން ބޭރުގެ އިންވެސްޓިގޭޓަރަކު ލައްވައި ތަހުގީގެއް ހިންގުމަށް ފަހު އެމްޑީއެން އިން ރިޕޯޓެއް ނެރުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޝަހިންދާ ވިދާޅުވީ އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، އެ ވާހަކަ ނޫހުގައި ލިއުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އެދިވަޑައިގެންނެވި ކަމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އަދީބު ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކު އޭގެ ކުރިން އެ ވާހަކަ ރިލްވާން ގެއްލުމާ ގުޅޭގޮތުން ނެރުނު ރިޕޯޓުގައި އިންވެސްޓިގޭޓަރު ފާހަގަކޮށްފައިވާ ކަމަށާއި އެހެންކަމުން އެއީ ރިލްވާން ހޯދުމަށް ކުރާ ތަހުގީގު ތެރޭގައި ހިމަނައިގެން ފުލުހުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

“އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓާއި އިހަށް ރޭ އަދީބު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވި ވާހަކަތަކަށް ބަލާއިރު އަޅުގަނޑުމެންގެ އިންވެސްޓިގޭޓަރުގެ ބައެއް ހޯދުންތަކާ އެ ވާހަކަތަކާ އެބަ ގުޅޭ،” ޝަހިންދާ ވިދާޅުވި އެވެ.

ރިލްވާން ގެއްލުނީ، ރިސޯޓެއް ހަދަން ދ. މާގައު ބަޔަކަށް ދިނުމުގައި އަދީބު ހިންގެވި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާ ގުޅުންހުރި ޑޮކިއުމެންޓްތައް ރިލްވާނަށް ލިބިފައިވަނިކޮށް ކަމަށް ދެކެވޭ ވާހަކަތައް އަދީބު ވަނީ ދޮގުކުރައްވައިފަ އެވެ. ރިލްވާން ގެއްލުމާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު (ކ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް: އޮޑިޓް ރިޕޯޓަކީ ނާޒިމް އަޑީގައި ހުންނަވައި ނެރުއްވި ދޮގު ތުހުމަތުތަކެއް ކަމަށް އަދީބު ވިދާޅުވި. –ހަވީރު ފައިލް ފޮޓޯ
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު (ކ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް. –ހަވީރު ފައިލް ފޮޓޯ
އެ ޕްރެސް ކޮންފަރެންސްފައި އޭނާ ވިދާޅުވެފައި ވަނީ “ރިލްވާން ގެއްލުވާލީ އަދީބު ކަމަށް ނޫހުގައި ލިޔުމަށް” ނޫސްވެރިއަކަށް ފޯނުކުރައްވައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް” ކަމަށެވެ. އަދި އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރީ ރިލްވާން ގެއްލުނު ފަހުން، ސިޔާސީ ގޮތުން ޖައްސާލައިގެން ކަމަށް ވެސް އަދީބު ވިދާޅުވެފައިވެ އެވެ.

އަދީބު މިހެން ވިދާޅުވުމުގެ ކުރިން، އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އޭނާ އަށް ފާޅުގައި ފާޑުކިޔަމުންދާ ނޫސްވެރިއަކަށް ކޮން ބައެއް ކަން ނޭނގޭ ބަޔަކު ވަނީ އެކި ފަހަރު މަތިން ފުރާނަ އަށް ނުރައްކާވާނެ ފަދަ އިންޒާރުތައް ދީފައި ކަމަށެވެ. ރިލްވާން ގެއްލުމާ ގުޅިގެން ނާޒިމް އެ ނޫސްވެރިއާ އަށް ގުޅުއްވައި ރިލްވާން ގެއްލުނުއިރު އަދީބުގެ ކޮރަޕްޝަނާ ގުޅޭ އާޓިކަލެއް ތައްޔާރުކުރަމުން ދިޔަ ކަމަށް ނާޒިމް ވިދާޅުވި ކަމަށް ބުނެފައިވެ އެވެ.

އަދި ރިލްވާން ގެއްލުމާ މިނިސްޓަރު އަދީބާ ގުޅުވާނަމަ، އެކަމަށް ބާރު ދިނުމުގެ ގޮތުން އަދީބުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަން އަމަލުތަކުގެ ހެކި އެ ނޫސްވެރިޔާ އަށް ދެއްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި ކަމަށް ރިޕޯޓުގައިވެ އެވެ.

ޝަހިންދާ ވިދާޅުވީ އެ ރިޕޯޓުގައިވާ އެއްވެސް ކަމެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމެއް ޔަގީންނުވާ ކަމަށާއި އޭގެ ބަދަލުގައި ފުލުހުންނާއި ހޯމް މިނިސްޓަރު ވެސް ވިދާޅުވަމުން ގެންދަވަނީ އެ ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިސްޓަރު އަދީބުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކެއްގެ ވާހަކަތަކެއް ނޫސްވެރިއަކަށް އެނގިފައި އޮތް ކަން ފުރަތަމަ ހާމަކޮށްފައި ވަނީ އިންވެސްޓިގޭޓަރުގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގަ އެވެ. އަދި އަދީބުގެ އަމިއްލަ ލެޕްޓޮޕެއް ގެއްލުނުއިރު، އެ ލެޕްޓޮޕްގައި “އަދީބާ ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް” ހުންނާނެ ކަމަށް ރިޕޯޓުގައި ލިއެފައިވާ ކަމަށް ވެސް ޝަހިންދާ ވިދާޅުވި އެވެ.

ޝަހިންދާ ނިއުސް ކޮންފަރެންސެއްގައި: ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ބައެއް ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިޔާލު ތަފާތު. –ހަވީރު ފައިލް ފޮޓޯ
ޝަހިންދާ ނިއުސް ކޮންފަރެންސެއްގައި: އަދީބު ދެއްކެވި ވާހަކަތަކަށް ބަލާއިރު އިންވެސްޓިގޭޓަރުގެ ބައެއް ހޯދުންތަކާ އެ ވާހަކަތަކާ ގުޅޭ ކަމަށް ޝަހިންދާ ވިދާޅުވި، –ހަވީރު ފައިލް ފޮޓޯ
“މި ހުރިހާ ކަމެއް މިހެން އޮއްވައި އޮޑިޓަ ޖެނެރަލް ރިޕޯޓުން ތުހުމަތުކުރައްވާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގަވާފައިވާ ކަމަށް،” ޝަހިންދާ ވިދާޅުވި އެވެ.

ރިލްވާން ގެއްލުނުތާ ތިން މަސްވާއިރު، އޭނާ ވީތަނެއް އަދި އޭނާ “ވަގަށް” ނެގީ ކޮން މަގްސަދަކާ ގުޅިގެން ކަމެއް ވެސް ސާފެއް ނުވެ އެވެ. އެކަމަކު އޭނާ ވަގަށް ނެގުމުގައި ސިޔާސީ ބައެއް ފަރާތްތަކާ ގުޅުން އޮވެދާނެ ކަމަށް ބޭރުގެ އިންވެސްޓިގޭޓަރަކު ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައިވެ އެވެ. އެ ރިޕޯޓުގައި އަދީބުގެ މައްޗަށް މިހާރު ތުހުމަތުކުރާ ދ. މާގައު މައްސަލަ އަށް ވެސް ބަލާފައިވެ އެވެ.

ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް ހަތަރު މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރީ އެންމެ މީހެކެވެ.