November 1, 2014
މިނިވަން ނިއުސްގެ ޖާނަލިސްޓު، އަހުމަދު ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލުމާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ރޭ ވިދާޅުވެއްޖެ އެވެ.
ރިލްވާން ގެއްލުނީ، ދ. މާގައު ބަޔަކަށް ދިނުމުގައި އަދީބު ހިންގެވި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަން މައްސަލަތަކެއްގެ ޑޮކިއުމެންޓްތައް ރިލްވާނަށް ލިބިފައިވަނިކޮށް ކަމަށް ދެކެވޭ ވާހަކަތައް އަދީބު ވަނީ ދޮގުކުރައްވައިފަ އެވެ.
އަދީބުގެ މައްޗަށް އޮޑިޓަ ޖެނެރަލް ކުރައްވާފައިވާ ކޮރަޕްޝަން ތުހުމަތުތަކުގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ދިޓީވީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަދީބު ވިދާޅުވީ “ރިލްވާން ގެއްލުވާލީ އަދީބު ކަމަށް ނޫހުގައި ލިޔުމަށް” ނޫސްވެރިއަކަށް ފޯނުކުރައްވައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ކަމަށެވެ. އަދި އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރީ ރިލްވާން ގެއްލުނު ފަހުން، ސިޔާސީ ގޮތުން ޖައްސާލައިގެން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
“ރިލްވާން އަޅުގަނޑަށް ޓުވިޓާ އިން ފެނޭ. އެހެން ނަމަވެސް އަޅުގަނޑާ ދުވަހަކު ސުވާލެއް ވެސް އަދި ހަމަ އިންޓަވިއުއެއް ނުވަތަ އެ ކަހަލަ އެއްވެސް ގޮތަކަށް ދިމާވެފައެއް ނެތް. އަޅުގަނޑުގެ ހިތާމައަކީ ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށް އެ މައްސަލައިގެ ފޯކަސް ގެއްލުވާލުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އެކި ނޫސްވެރިންނަށް މި ރިޕޯޓް އަޅުގަނޑޭ ކިޔައިގެން ޖަހާދޭށޭ ކިޔައި ކުރެއްވި ކަމަކަށް ވާތީ،” އަދީބު ވިދާޅުވި އެވެ.
ރިލްވާން ގެއްލުނުތާ ތިން މަސްވާއިރު، އޭނާ ވީތަނެއް އަދި އޭނާ “ވަގަށް” ނެގީ ކޮން މަގްސަދަކާ ގުޅިގެން ކަމެއް ވެސް ސާފެއް ނުވެ އެވެ. އެކަމަކު އޭނާ ވަގަށް ނެގުމުގައި ސިޔާސީ ބައެއް ފަރާތްތަކާ ގުޅުން އޮވެދާނެ ކަމަށް ބޭރުގެ އިންވެސްޓިގޭޓަރަކު ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައިވެ އެވެ. އެ ރިޕޯޓުގައި އަދީބުގެ މައްޗަށް މިހާރު ތުހުމަތުކުރާ ދ. މާގައު މައްސަލަ އަށް ވެސް ބަލާފައިވެ އެވެ.
ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް ހަތަރު މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރީ އެންމެ މީހެކެވެ.