#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާން ގެއްލުނު މައްސަލަ ކާމިޔާބުކަމާ އެކު ނިމެން އެންމެ މުހިންމީ އަޅުގަނޑަށް: ސީޕީ

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ކުރާ ތަހުގީގު ކާމިޔާބު ކަމާއެކު ނިމެން މި ވަގުތު އެންމެ މުހިންމީ އޭނާ އަށް ކަމަށް ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

“ހަވީރަ”ށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސީޕީ ވިދާޅުވީ މިހާރު މުޖުތަމައުން ފެންނަމުންދާ ކަންކަން، ރިލްވާން ފެންނަ ހިސާބުން ބަދަލުވާނެ ކަމަށެވެ. އަދި މުޅި ސަރުކާރު ވެސް އުންމީދު ކުރަނީ ރިލްވާން ފެނުމަށް ކަމަށް ހުސެއިން ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް ވެސް މަސައްކަތުގެ ފަސޭހަތަކެއް ލިބިގެންދާނީ ރިލްވާން ފެނިގެން،” ސީޕީ ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުނީ ކީއްވެގެންކަން ނުވަތަ އެ މައްސަލައިގެ އަސްލު ސަބަބު އަދި ނުހޯދެ އެވެ.

ރިލްވާން ގެއްލުމާ ގޭންގްތަކާ ގުޅުން އޮތީ ކިހާ މިންވަރަކަށްތޯ ދެންނެވުމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެ މައްސަލައިގެ “މޯޓިވް ބަރާބަރަށް އަދި ނުހޯދޭ” ކަމަށެވެ. އެ ހާލަތުގައި، ރިލްވާން ގެއްލުމާ ގޭންގްތަކާ ގުޅުން އޮތީ ކިހާ މިންވަރަކަށް ކަން ވިދާޅުވަން ދަތި ކަމަށް ހުސެއިން ވިދާޅުވި އެވެ.

“އެކިއެކި އެނަލިސިސް ހުންނާނެ، އަޅުގަނޑަކީ ތަހުގީގުކުރާ ޓީމުތައް ގޮވައިގެން އުޅޭ މީހެއް ކަމުގައިވާތީއާ އެކު އަޅުގަނޑަށް 100 ޕަސެންޓް މިއަދަކު ދަންނަވާކަށް ނުކުރެނޭ، ގޭންގެއް ނުވަތަ ގްރޫޕެއްގެ ބައިވެރިވުމަކާ އެކުގައި ހިނގި ކަމެކޭ މިކަމަކީ، ތަހުގީގު މިހާރު ގޮސްފައި އޮތް ހިސާބަށް ބަލާއިރު،” ހުސެއިން ވިދާޅުވި އެވެ.

ރިލްވާން ގެއްލުނު ރޭ އޭނާ އަށް ފާރަލާފައިވާ ކަމަށް އާއިލާ އިން ތުހުމަތުކުރާއިރު، އޭނާ ގެއްލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.

ރިލްވާން ހޯދުމަށް ކުރާ މަސައްކަތުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާއިލާ އިން ބުނެފައިވީ ނަމަވެސް ޕޮލިސް ކޮމިޝަނަރު އެކަން ގަބޫލެއް ނުކުރައްވަ އެވެ.

ކޮމިޝަނަރު ވިދާޅުވީ ރިލްވާން ހޯދުމަށް ކުރާ ތަހުގީގުގައި “އެއްވެސް ހިސާބަކުން ފުލުހުންގެ އިހުމާލެއް ނެތް ކަން އެ މައްސަލައިގެ ޓައިމްލައިން ބަލާލުމުން އެނގޭނެ” ކަމަށެވެ. ފުލުހުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެ ތަހުގީގުގައި ކޮށް ނިންމާފައިވާއިރު، މަސައްކަތް ހުއްޓާނުލައި އަދިވެސް ކުރަމުން އަންނާނެ ކަމަށާއި ފުލުހުން އަދިވެސް ތިބީ “ރިލްވާން ފެންނާނެ ކަމުގެ އުއްމީދުގައި” ކަމަށް ވިދާޅުވި އެވެ.

“ފުލުހުން ކުރަމުން ދިޔަ މަސައްކަތުގެ އިހުމާލުން ނުވަތަ ފުލުހުންގެ އިހުމާލެއް އޮވެގެންނޭ ރިލްވާން ނުފެނި ހުރީ، މިހެން ބުނެވޭނެ ވަރުގެ ކަމެއް ތަހުގީގުގެ ތެރެއިން ދޫވެފައި އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެން ނަމަވެސް ކޮންމެ މައްސަލައެއްގެ ތެރެއިން ވެސް ހުންނާނެ މުސްތަގުބަލަށްޓަކައި އުނގެނެން ޖެހޭ ފިލާވަޅުތަކެއް، އެބައިބައި އަޅުގަނޑުމެން ދަނީ ދަސްކުރަމުން،” ހުސެއިން ވިދާޅުވި އެވެ.

ރިލްވާން ގެއްލުނު މައްސަލާގައި ފުލުހުން ދަސްކުރަން ޖެހުނު “އާ ފިލާވަޅަކީ ކޮބައިކަމެއް” ސީޕީ ވިދާޅެއް ނުވެ އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުނު މައްސަލާގައި ފުލުހުން ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި ރިލްވާން ފަހަތުން އުޅުނު ބަޔަކު ހޯދި ކަމާގުޅުން ހުރި ކަންތައްތަކެއް ވެސް ބަލާފައިވާ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ރިލްވާން ނުފެނި އޮތީ ބައެއްގެ މޮޅުކަމުންތޯ ނުވަތަ ފުލުހުންގެ ތަހުގީގު “ދޯދިޔާކަމުންތޯ” ދެންނެވުމުން ކޮމިޝަނަރު ވިދާޅުވީ “އޭގެ ތެރޭގައި ތި ވިދާޅުވި ދެ ސަބަބު ވެސް ނުހިމެނޭ” ކަމަށެވެ. މައްސަލަ ހުށަހެޅި ދުވަހުން ފެށިގެން، ރަށްތަކާއި މޫދާއި ގުދަންތަކާއި ގޭގެ އާއި އެ ނޫން ވެސް ތަންތަން ބަލާފައިވާނެ ކަމަށް ވިދާޅުވި އެވެ.

“އެއްވެސް ބޭފުޅަކު ހިތަށް އަރުވައިގެން ނުވާނެ ރިލްވާން ކޭހަކީ އަޅުގަނޑުމެންގެ ހަނދާނު ކައްސާލާފައި އޮތް ކޭހެކޭ،” ހުސެއިން ވިދާޅުވި އެވެ.

ރިލްވާން ގެއްލުނު މައްސަލަ ބަޔަކު އަމިއްލަ އަށް ތަހުގީގުކޮށްފައިވާ ކަމަށް ވިދާޅުވެ ކޮމިޝަނަރު ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ. މީޑިއާތަކާއި އަމިއްލަ ޖަމިއްޔާތަކުން މައްސަލަ ތަހުގީގު ނުކުރަން ފުލުހުން އެދުނީ މައްސަލައިގެ ކުރި މަރާލަން ބޭނުން ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

“މި ވާހަކަތައް މިހެން ދައްކަ ދައްކައި ހުއްޓައި [އަމިއްލަ ތަހުގީގު ހިންގުމުން] އަޅުގަނޑުމެންގެ ލީޑްތަކެއް ގެއްލުނީމަ އަޅުގަނޑުމެން އަނެއްކާވެސް ޖެހެނީ މައްސަލާގައި ދެން ފެންނަން ހުންނަނީ ކޮން ކަމެއްތޯ ހޯދަން. މިގޮތަށް ހޯދާ ހޯދުންތަކެއް މިހާރު ވެސް ބަލަމުން މި އަންނަނީ،” ސީޕީ ވިދާޅުވި އެވެ.

ރިލްވާން ދުނިޔޭގައި ހުރި ކަމަށް ފުލުހުންގެ ތަހުގީގަށް ކަށަވަރުވެފައިވޭތޯ ދެންނެވުމުން ކޮމިޝަނަރު ވިދާޅުވީ “ރިލްވާން ދުނިޔޭގައި ނެތް ކަމަށް އަޅުގަނޑުމެންނަށް އެއްވެސް ހެއްކެއް ލިބިފައި ނުވާ” ކަމަށެވެ.

ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން ގަދަކަމުން މީހަކު ކާރަށް އަރުވައިގެން ގެންދިޔަ ކަމަށް ހަމަ އެ ރޭ އެ ވަގުތު ރިޕޯޓްކޮށްފައިވާއިރު އެކަމަށް ފުލުހުން ސަމާލުކަން ދީގެން ވަގުތުން ތަހުގީގު ކުރިއަށް ނުގެންދިޔައީ ކީއްވެތޯ ދެންނެވުމުން ވިދާޅުވީ “އެ ކާރުގެ ތަހުގީގު ކުރިއަށް އެބަދާ” ކަމަށެވެ. އެކަމަކު ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ކާރާއި ރިލްވާން ގެއްލުމާ ގުޅުން އޮތް މިންވަރު ކުޑަ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.