#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާންގެ ތަހުގީގު ދާންވާނީ ސީދާ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން: ނަޝީދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ހޯދުމަށް އެކަށީގެންވާ ތަހުގީގެއް ހިނގަމުން ނުދާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސީދާ ބެއްލެވުމުގެ ދަށުން އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ ރިލްވާންގެ އާއިލާއާއި މިއަދު ބައްދަލުކުރެއްވުމަށްފަހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގެ ގާބިލް ކަން ހާއްސަކޮށް ފަންނީ ގާބިލްކަން ސިފައިންނާ ފުލުހުންނަށް ލިބިގެންވާ ކަމުގަ އެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު ފުލުހުން މައްސަލަތައް ތަހުގީގު ކުރާ ގޮތާއި ހެކި ހޯދާ ގޮތް އެނގިވަޑައިގެންފައިވާ ކަމަށާއި މިއަދު އެގޮތަށް ތަހުގީގުތައް ކުރިއަށް ނުދާ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ރިލްވާންގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުން ރިލްވާންގެ އާއިލާއާ ދިވެހި ރައްޔިތުން ކަންބޮޑުވެފައިވާ ކަމުގައި ވެސް ވިދާޅުވި އެވެ.

“ރިލްވާންގެ މައިންބަފައިންނަކަށް ގަބޫލެއް ނުކުރެވޭ ސަރުކާރުން މިކަމުގައި ރަގަޅު ތަހުގީގެއް ކުރިއަށް ގެންދަވާ ކަމަކަށް. އަޅުގަނޑުމެންނަކަށް ވެސް ނުފެނޭ ރަގަޅު ތަހުގީގެއް ކުރައްވަމުން ގެންދަވާ ކަމަކަށް،” އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރިލްވާން ގެއްލިގެން މިއަދަށް 40 ދުވަސްވެގެން ދިޔައިރު އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ މީހަކު ގެއްލިގެން ދިއުމުން ވަކި މުއްދަތުތަކެއްގައި ދީނީ ގޮތުން ކުރަން ޖެހޭ ކަންތައްތަކެއް ހުންނަ ކަމުގަ އެވެ. އެހެންކަމުން ރިލްވާންގެ އާއިލާއާ އޭނާގެ މަންމަ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމުގައި ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިލްވާން ހޯދުމަށް ކުރަމުންދާ މަސައްކަތް އެމަނިކުފާނާ އެމްޑީޕީން ހުއްޓުމެއް ނެތި ކުރާނެ ކަމުގަ އެވެ. އަދި ރާއްޖޭގެ ސިޔާސީ ޕާޓީ ތަކާއި އަމިއްލަ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނާ މީޑިއާ ތަކާއި ސަރުކާރާ އަދި މުޅި ދައުލަތުން ވެސް އެކަން ކުރަންޖެހޭނެ ކަމުގައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މީހުން ރަހީނުކުރުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ދެމުންގެންދާ އަނިޔާތައް ރާއްޖޭގައި އިތުރުވަމުންދާ ކަމަށެވެ. އެފަދަ މައްސަލަތަކުގެ އަސްލު ވެސް ނުހޯދި އެބަދާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަމުގައި ވިދާޅުވި އެވެ. އަދި މީހުން ރަހީނުކުރުމާއި މީހުން މެރުން ފަދަ މައްސަލަތަކުގެ އަސްލު ނުހޯދި ދަނީ ސިޔާސީ ފަރާތްތަކުން އެކަމުގެ އަޑީގައި ތިބުމުން ކަމަށް ރައްޔިތުންނަށް ވިސްނޭ ކަމަށާއި ނަމަވެސް އެމަނިކުފާނު އެގޮތަށް ދެކެވަޑައިނުގަންނަވާ ކަމުގައި ވެސް ނަޝީދު ވިދާޅުވި އެވެ.

“އެނގިވަޑައިގަންނަވާނެ ޑރ. އަފްރާޝިމް އަވަހާރަކޮށްލެވުނީ. އަދި އޭގެ ކުރީގައި ހިލްއަތް ރަޝީދަށް ހަމަލާއެއް ދެވުނު. މިބާވަތުގެ އެތައް ހަމަލާއެއް އެބަހުރި އަޅުގަނޑުމެންނަށް ގޮތް ސާފުނުވާ،” ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިލްވާން ހޯދުމުގެ މައްސަލާގައި ސަރުކާރުން މިހާރަށް ވުރެ ބޮޑެތި މަސައްކަތްތައް ކުރަންޖެހޭ ކަމަށާއި މިއީ މިވަގުތަށް ދިވެހި ދައުލަތަށާ ސަރުކާރަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމުގަ އެވެ. އެހެންކަމުން މިމައްސަލައިގެ ތަހުގީގު ސީދާ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންގޮސް ދިވެހި ހުރިހާ އާއިލާތަކަށް ފިނިކަމެއް އަދި ހައްލެއް ގެނެސްދެއްވުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ރިލްވާންގެ މައްސަލައިގައި ދިވެހި ގައުމުގެ ނަމަށް ވެސް ވަރަށް ބޮޑު ހުތުރެއް ލިބިގެންދާ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

“ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް ވެސް މިކަމުން އަސަރުކުރާނެ. މިވަގުތު މިކަމުގައި އަޅުގަނޑުމެންނަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ކަންތައްތައް ދާނީ ހަމަ ވަރަށް ބޮޑަށް ބޮއްސުންލަމުންނޭ،” ނަޝީދު ވިދާޅުވި އެވެ.

ރިލްވާންގެ ތަހުގީގު ދާންވާނީ ސީދާ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ކަމަށާއި އެމައްސަލައިގައި އެކަށީގެންވާ ތަހުގީގެއް ކުރިއަށް ނުދާ ކަމުގައި ނަޝީދު ވިދާޅުވާއިރު، އެމަނިކުފާނު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިލްވާން ހުރީ ރަހީނުކޮށްފައި ކަމުގަ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ރިލްވާން ގެއްލުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެވެ. ރިލްވާން ގެއްލުނުތާ މިއަދަށް 40 ދުވަސްވެފައިވާއިރު މިމައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުން ރިލްވާންގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އާއިލާ އިން ދަނީ ރިލްވާން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.