September 16, 2014
ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
އިތުބާރު ހުރި ގޮތަކަށް ރާއްޖެއެމްވީއަށް މައުލޫމާތުލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ. އަދި މިކަން ފުލުހުންގެ އިދާރާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެހެންނަމަވެސް މިމައްސަލާގައި މީހަކު ހޯދަމުންދާ ކަމުގެ މައުލޫމާތު ރާއްޖެއެމްވީއަށް އިތުބާރު ހުރި ގޮތެއްގައި ލިބިފައިވެއެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި އެހާދިސާއާ ގުޅުން ހުރި އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން އެންމެ ފަހުން އާންމު ކުރި މައުލޫމާތުގައި ބުނެފައިިވެއެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތު ދެމުންބުނީ ރިލްވާން ވީނުވީތަނެއް ނޭނގި ގެއްލުނު ހާދިސާ އާއި 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އޭނާ ދިރިއުޅުނު ފްލެޓް ސަރަޙައްދުގައި ހިނގައިދިޔަ ހާދިސާއާ ގުޅުންހުރިކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައެއް ނުވާ ކަމަށެވެ.
އަދި ރިލުވާން ޢަބްދުﷲގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމުގެ ޔަޤީންކަން ހޯދުމަށް ރިލުވާނުގެ އާއިލާއިން މިއަދު ވަނީ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނާއި ވެސް ބައްދަލުކޮށްފައެވެ.