#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާނުގެ މައްސަލައިގެ ތަހުގީގަށް ބައެއް ސާމްޕަލްތައް ބޭރަށް ފޮނުވަނީ

ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގެ ތަހުގީގަށް ބޭނުންވާ މާއްދީ ހެކި ހޯދުމަށް ޓަކައި ބައެއް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ގެއްލުނު “މިނިވަން ނިއުސް”ގެ ނޫސްވެރިޔާ ރިލްވާން ގެއްލިގެން ހޯދާތާ މަހެއް ވާން ކައިރިވެފައިވާއިރު، އޭނާ ހޯދުމަށް ފުލުހުން ދަނީ އަތްފުނާ އަޅަމުންނެވެ. އެ ތަހުގީގާ ބެހޭ މައުލޫމާތު އާންމުކުރުމަށް ޓަކައި ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބައެއް ކާރުތައް ބަލައި ދެ ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ދެ ކާރުން ނަގާފައިވާ ސާމްޕަލްތައް ތަހުލީލު ކުރަމުންދާ ކަމަށެވެ.

“އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނުފަހުން، އޭނާއާ ގުޅުން ހުރިކަމަށް ތަޙްޤީޤަށް ބެލެވޭ އެއްވެސް ނިޝާނެއް ފެނޭތޯ ހުޅުމާލޭގެ ފަޅުތެރެއާއި، ހުޅުމާލޭ ކައިރި ސަރަހައްދުތަކުގެ 521 މިނިޓްގެ ޑައިވް ކުރެވިފައިވެއެވެ. މިޑައިވްތަކާއި ފީނުންތަކުގައި ޖުމްލަ 267197.5 އަކަމީޓަރުގެ މޫދުގެ ސަރަހައްދެއް ވަނީ ބެލިފައެވެ. މީގެ އިތުރުން މިހާތަނަށް ހުޅުމާލޭ ފަޅުގެ ސަރަހައްދުގައި އަޅާފައި އޮތް ސަފާރީތަކާއި އޮޑިދޯނިފަހަރު ބަލައި ފާސްކުރެވިފައި ވެއެވެ. މިމައްސަލައާއި ގުޅިގެން 18 އުޅަނދެއް ވަނީ ބަލައި ފާސްކުރެވިފައެވެ،” ބަޔާނުގައި ވެ އެވެ. “އަދި މިމައްސަލައިގެ ތަޙްޤީޤަށް ޙާޟިރުކުރަން ބޭނުންވާ 4 މީހަކު ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ކޯޓު އަމުރެއްގެ ދަށުން ވަނީ ފުރުން މަނާކުރެވިފައެވެ. މީގެ އިތުރުން އަޙްމަދު ރިޟްވާން ޢަބްދުﷲ ދަތުރުކޮށްފައިވާކަމަށް ބެލެވޭ މަގުތަކުގައި ހުރި ސެލް ޓަވަރުތަކަށް ހިޓްވެފައިވާ 638000 އަށްވުރެ ގިނަ ފޯނުނަންބަރުތައް އެނަލައިޒް ކުރެވެމުންދެއެވެ.”

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރިލްވާން ހޯދުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 111 މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށާއި 318 މީހަކާ ސުވާލުކޮށް މައުލޫމާތު ނަގާފައިވާ ކަމަށެވެ. އަދި އޭނާ ވަކިން ދިރިއުޅޭ އެޕާޓްމެންޓް ހުންނަ ހުޅުމާލޭގައި މީހުން އުޅޭ 77 އެޕާޓްމެންޓަށް ގޮސް އެތަންތަނުގައި އުޅޭ މީހުންނާ ވެސް ސުވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މާލެއިން އަށް ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި ހުޅުމާލޭގެ ގޭގެ އާއި ގުދަންތަކާއި ގަރާޖްތައް ހިމަނައިގެން 139 ތަނެއް ފާސްކޮށްފައިވާ ކަމަށެވެ. އަދި މުޅި ހުޅުމާލޭގެ ބީޗް ސަރަހައްދާއި ހުރިހާ ހުސް ބިންތަކާއި މޫދާއި ކަނޑުގެ ސަރަހައްދު ވެސް ޑައިވްކޮށްގެން ބަލައިފައިވާ ކަމަށެވެ. އަދި ހުޅުމާލޭ ކައިރީގައި އޮތް ފަރުކޮޅުފުށީގެ ހުރިހާ ސަރަހައްދެއް އެކި ފަހަރުމަތިން ބަލައިފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ. މީގެ އިތުރުން ވިލިނގިލީގެ ބައެއް ހުސް ބިންތަކާއި ގޮނޑުދޮށާއި ހަތަރު ގެއަކާއި ބައެއް އެހެން ރަށްރަށުގެ ގެސްޓް ހައުސްތަކާއި ގެތަކެއް ވެސް ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖް ނަގައި، ދިރާސާކޮށްފައިވާ ކަމަށާއި އޭނާ ހުޅުމާލޭ ފެރީ ޓާމިނަލަށް ދިޔަ ކަމަށް ބެލެވޭ ހުރިހާ މަގެއްގައި ލިބެން ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖް ނަގައި ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 48 ތަނެއްގައި ހުރި 101 ކެމެރާއަކުން 719 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް ބަލަމުންދާ ކަމަށް ބަޔާނުގައި ވެ އެވެ.

ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓް 8 ވަނަ ދުވަހުގެ ރޭ 00:55 ހާއިރު ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއިންނެވެ. އެއަށް ފަހު އޭނާގެ ޚަބަރެއް ނުވެގެން އާއިލާ އިން ވެސް އަންނަނީ ހޯދަމުންނެވެ.

ފުލުހުން ބުނީ 28 އަހަރުގެ ޒުވާނާ ހޯދުމަށް ފުލުހުންގެ ހާއްސަ ޓީމަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މައްސަލަ ތަހުގީގު ކުރުމުގައި ސްޕްޝަލް ކްރައިމް ކޮމާންޑްގެ ހާއްސަ ޓީމެއް ވެސް އެކުލަވާލައިފައިވާ ކަމަށެވެ. މީގެ އިތުރުން އިންޓެލިޖެންސާއި ފޮރެންސިކް ޑިޕާޓްމެންޓްގެ ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ބަޔާނުގައި ވެ އެވެ.