August 26, 2014
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނިއުސްގެ ޖާނަލިސްޓް އަހުމަދު ރިލްވާން ހޯދުމަށް ސައްހަ މައުލޫމާތު ދޭ ފަރާތަކަށް ދޭ އިނާމު 200،000ރ. އަށް ބޮޑުކޮށްފި އެވެ.
ރިލްވާންގެ އާއިލާ އިން ކުރިން ނިންމާފައި އޮތީ އޭނާ ހޯދުމަށް މަގުފަހިވާ ފަދަ މައުލޫމާތެއް ދޭ މީހަކަށް 50،000ރ. ދިނުމަށެވެ.
ރިލްވާންގެ ބޭބެ މޫސާ ރިލްވާން މިއަދު ބުނިގޮތުގައި ރިލްވާން ހޯދުމަށް ބޭނުންވާނެ ސައްހަ މައުލޫމާތު ހުށަހަޅާ މީހަކަށް 200،000ރ. ދޭން ނިންމީ އާއިލާ އާއި ރަހުމަތްތެރިންގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުންނެވެ. އޭނާ ވީތަނެއް ހޯދޭނެ ފަދަ އެއްވެސް މައުލޫމެއް ހުށަހަޅައިފި ނަމަ ފުލުހުން މެދުވެރިކޮށް އެކަން ކަށަވަރުކުރުމަށް ފަހު ފައިސާ ހަވާލުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މޫސަ ބުނިގޮތުގައި ރިލްވާން ހޯދުމަށް އާއިލާ އާއި ރައްޓެހިން ކުރާ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަދެ އެވެ. ރިލްވާން ހޯދަން އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ޑައިވްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
“ހަމައެކަނި ފުލުހުންނަށް ދޫކޮށްނުލައި ރިލްވާން ހޯދަން ކުރެވެން އޮތް މަސައްކަތްތަކެއް އާއިލާ އާއި ރައްޓެހިން އަދި ހެޔޮއެދޭ ފަރާތްތަކުން މި އަންނަނީ ކުރަމުން،” އޭނާ ބުންޏެވެ.
ރިލްވާން ގެއްލުނީ ބޮޑެތި އިންޒާރުތަކެއް ލިބިފައި ވަނިކޮށެވެ. އަދި ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބުނާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.