August 21, 2014
މި މަހުގެ ހަތްވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގުގެ ދަށުން މާލޭގެ ގެއެއް މިރޭ ފުލުހުން ފާސްކޮށްފި އެވެ.
އެހެން ނަމަވެސް “ތަނެއް ފާސްކުރި” ކަމަށް ބުނުން ފިޔަވައި އޭގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މީޑިއާ އަށް ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ވަދެ ފާސްކުރީ މައްޗަންގޮޅީގައި ހުންނަ ގެއެކެވެ.
ރިލްވާން ގެއްލުނު މައްސަލާގައި ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވިދާޅުވީ ހުޅުމާލެ އާއި މާލޭގެ ވަރަށް ގިނަ ތަންތަން ފުލުހުން މިހާރު ބަލާ ހޯދާފައިވާ އިރު، އެ މައްސަލައާ ގުޅުން ހުރި ބައެއް ތަންތަނަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ފާސްކޮށްފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ މި މައްސަލައާ ގުޅިގެން ސަރުކާރުގެ ފަރާތުން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ރިލްވާން ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ފުޅާކޮށް ހުޅުމާލޭގެ ކަނޑުގެ ސަރަހައްދު ވަނީ އިއްޔެ އިން ފެށިގެން ބަލަން ފަށައިފަ އެވެ. ރިލްވާން ހޯދުމާ ގުޅޭ ތަހުގީގުގައި 40 ފުލުހަކު ހަރަކާތްތެރިވާއިރު މިހާރު ސިފައިން ވެސް ދަނީ ރިލްވާން ހޯދަން މަސައްކަތް ކުރަމުން ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އޭނާ ގެއްލުނު ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލަށް ވަންނަނިކޮށް އެރޭ 12:45ގަ އެވެ. އެއީ ޓާމިނަލްގެ ސީސީޓީވީ ފުޓޭޖުންނެވެ. އެކަމަކު އޭނާ ހުޅުމާލޭ ފެރީ އަށް އެރި ކަމެއް ކަށަވަރު ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.