August 19, 2014
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲ ގެއްލުނުރޭ އޭނާ އުޅޭ ފްލެޓު ކައިރިން، ބަޔަކު ގަދަ ކަމުން ކާރަކަށް މީހަކު އެރުވި ކަމަށް ބުނާ ވާހަކައަށް ފުލުހުން ކޮމެންޓެއް ނުކުރިއެވެ.
މިނިވަން ނޫހުންވަނީ ރިލްވާން ގެއްލުނު ރޭ އޭނާ އުޅެމުން ގެންދިޔަ ފްލެޓު ކައިރިން ބަޔަކު ގަދަކަމުން މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބުނެފައެވެ. މަންޒަރު ދުށް ދެމީހަކާއި ހަވާލާދީ މިނިވަން ނޫހުން ބުނެފައިވާ ގޮތުގައި ރިލްވާން ގެއްލުނު ރޭ ދޭއް ޖަހާ އެހާކަށްހާއިރު، އެ ހިސާބުން ގަދަކަމުން މީހަކު އަރުވާފައިވަނީ ރަތް ކުލައިގެ ކާރަކަށެވެ. އަދި އެމީހުންގެ އަތުން އެތަނަށް ވަޅިއެއް ވެސް ވެއްޓިފައިވެއެވެ.
ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެވާހަކަތަކަށް ކޮމެންޓު ކުރެވެން ނެތް ކަމަށެވެ. އަދި އެމައްސަލައާއި ގުޅިގެން ފުލުހުން މީޑިއާގައި މައުލޫމާތު ހިއްސާ ކުރާނީ ހުރިހާ މީޑީއާތަކެއްގެ ހާޒިރުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ރިލްވާން ގެއްލިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. ރިލްވާން އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލޭ ފެރީޓާމިނަލް ތެރެއަށް ވަދެ އުޅެނިކޮށެވެ.
ރިލްވާން ހޯދުމަށް ހުޅުމާލޭގެ ބޮޑުބައެއް ބަލައި، އޭނާގެ ފޯނާއި ޑޭޓާ އެންމެ ފަހުން ބޭނުންކޮށްފައިވާ ސަރަހައްދު ވެސް ވަނީ ހޯދައިގަނެފައެވެ.