August 9, 2017
އަޅުގަނޑުގެ ދަރިފުޅު އަޙްމަދު ރިލްވާން ގެއްލުވާލިތާ 3 އަހަރުވެ، އޭނާ ބަޔަކު ގަސްދުގައި ގެއްލުވާލާފައިވާތީ އެކަމާ ގުޅިގެން ހިތާމަ ފާޅުކޮށް ދައުލަތުގެ މުވައްސަސާތަކުގެ ސަމާލުކަމަށް ގެނެސް އަވަސް ޖަވާބެއް ހޯދުމަށް ބާރު އެޅުމުގެ ގޮތުން އަންގާރަ ދުވަހު ބޭއްވި ޞުލްޙަވެރި ހިނގާލުމަށް ފުލުހުން ޤާނޫނާ ޚިލާފަށް ހުރަސް އަޅައި އަނިޔާވެރިކަން އިސްކޮށްފައިވާތީ އަޅުގަނޑުގެ ޢާއިލާގެ ފަރާތުން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމެވެ.
އަޅުގަނޑުގެ ޢާއިލާ އިސްނަގައިގެން އިންތިޒާމް ކުރި މި ހިނގާލުމުގައި ރިލްވާންގެ ގާތް އެކުވެރިންނާއި، ނޫސްވެރިންނާއި އާންމުންގެ އެތައް ބަޔަކު ބައިވެރިވީ ހަމަ އެންމެ ނިޔަތެއްގައެވެ. ރިލްވާނަށް ވީ ގޮތް ހާމަކުރުމަށް އެދި އާދޭސްކުރަމުންނެވެ. އަޅުގަނޑުމެންގެ އަމާޒަކީ ފުލުހުންނާ ޖަދަލުކުރުމެއް ނޫނެވެ. އަޅުގަނޑުމެންގެ ސުވާލުތަކަށް ޖަވާބު ހޯދުމެވެ. އަޅުގަނޑުގެ ދަރިފުޅަށް ވީ ގޮތެއް ހޯދުމުގެ ބާރާއި، ޤާބިލިއްޔަތުކަން ލިބިފައިވަނީ ފުލުހުންނަށާއި ދައުލަތުގެ މުވައްސަސާތަކަށެވެ.
ދަރިފުޅަށް ވީނުވީއެއް ނޭނގި މި ހޭދަކުރި 3 އަހަރަކީ ހިތާމައިން ފުރި އަޅުގަނޑުގެ ޢާއިލާއަށް ބިރުވެރިކަމާ ހިތްދަތިކަން ކުރިމަތިކުރުވި އަހަރުތަކެކެވެ. ދަރިފުޅަށް ވީ ގޮތެއް ނޭނގޭތީވެ، އޭނާގެ ތަކެތި އަދިވެސް މި ގެންދަނީ ބަލަހައްޓަމުންނެވެ.
މިފަދަ ހިތާމަވެރިކަމެއްގައި އަޅުގަނޑުގެ ޢާއިލާ ވަނިކޮށް، ތަކުރާރުކޮށް ދަރިފުޅަށް ވީ ގޮތެއް ހޯދައިދިނުމަށް ދައުލަތުގެ އެކި މުވައްސަސާތަކުގައި އެދުނު ކަމުގައިވީނަމަވެސް އެއިން އެއްވެސް މުވައްސަސާއަކުން ޖަވާބު ނުލިބޭތީވެ، އެކަމަށް އިތުރަށް ސަމާލުކަން ހޯދުމަކީ އަޅުގަނޑުމެން ކުރަމުން ގެންދާނެ ކަމެކެވެ. އެހެންނަމަވެސް ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމަށް ހުރަސް އެޅުމަކީ ފުލުހުން އަޅުގަނޑުމެންގެ އާދޭސްތަކަށް ބީރުކަންފަތެއްދިނުމުގެ އިތުރުން އަޅުގަނޑުގެ ދަރިފުޅު ހޯދުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅުން ކަމުގައި ދެކެމެވެ.
އަންގާރަ ދުވަހުގެ ޞުލްޙަވެރި ހިނގާލުމުގައި އަޅުގަނޑުގެ ދަރިންނަށާ އެތަނުގައި އެއްވެތިބި އާންމު ރައްޔިތުންނަށް ޓާގެޓްކޮށްގެން ޕެޕާސްޕްރޭ ޖަހައި، ކޮއްޕާ، އެކަށީގެންނުވާ މިންވަރަށް ފުލުހުން ބާރުގެ ބޭނުންކޮށް، 9 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މުޅި މަގުމަތި ހަލަބޮލިކޮށްފައިވަނީ އެއްވެސް ބޭނުމެއް ނެތިއެވެ. މިފަދަ ބިރުދެއްކުންތަކަށް އަޅުގަނޑުގެ ޢާއިލާއިން ފަހަތަކަށް ނުޖެހޭނަމެވެ. އަދި ދަރިފުޅު ރިލްވާނަށް ވީގޮތް ހޯދުމުގައި އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ދެމިތިބޭނަމެވެ. 3 އަހަރުވީއިރު، އެކަމުގައި ބައިވެރިވި މީހުން ޤައުމު ދޫކޮށް، އެކަމާ ގުޅޭ ހަމަ އެއްވެސް މަޢުލޫމާތެއް ދައުލަތުން އަޅުގަނޑާ ހިއްސާކޮށްފައިނުވުމަކީ މުޅި ދައުލަތް އިހުމާލުވުމެވެ.