November 16, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދަން ސަރުކާރަށް ނުކުޅެދިފައިވާ ކަމަށާއި އޭގެ ސަބަބަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިފައިވާ ގޭންގްތަކަކުން ސަރުކާރު ހިސޯރުކޮށްފައިވާތީ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިލްވާން ރަހީނުކުރިތާ 100 ދުވަސްވެފައިވާއިރު ވެސް އޭނާ ހޯދަން ސަރުކާރަށް ނުކުޅެދިފައިވާ ކަމަށެވެ.
ރިލްވާން ގެއްލުނީ އޭނާ ލިޔުންތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން ތަކުރާރުކޮށް މަރުގެ އިންޒާރުދީފައި ވަނިކޮށެވެ. އޭނާ ގެއްލުނު މައްސަލާގައި ހަތަރު މީހުން ހައްޔަރުކުރުމަށް ފަހު ތިން މީހަކު ދޫކޮށްލާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާ ވެސް އިއްޔެ ކޯޓުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ރިލްވާން ގެއްލުމާ ގޭންގްތަކާ ގުޅުން އޮތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން މިދިޔަ ހަފުތާގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ރިލްވާން “ގެއްލުނީތޯ، އަމިއްލަ އަށް ފިލީތޯ، ބަޔަކު ފިލުވީތޯ ނުވަތަ ވަގަށް ނެގީތޯ އެނގޭނީ އޭނާ ފެނުމުން” ކަމަށެވެ.
އުމަރު ވިދާޅުވެފައި ވަނީ ރިލްވާން ހޯދަން ކުރާ ތަހުގީގު ހުއްޓުމެއް ނެތި ކުރިއަށް އެބަދާ ކަމަށާއި އޭނާ ދިރިހުއްޓައި ފެންނާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އޯގަސްޓް 8 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލުންނެވެ.