November 26, 2014
މި އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން، ގެއްލުނުތާ 109 ދުވަސް ފަހުން، މިރޭ އޭނާގެ ފޭސްބުކް އެކައުންޓުން އޮންލައިން ވެފައި ހުއްޓާ ފެނިއްޖެ އެވެ.
ރިލްވާންގެ ބައެއް ރައްޓެހިން “ހަވީރަ”ށް ކަށަވަރުކޮށްދިން ގޮތުގައި ރިލްވާންގެ ފޭސްބުކް އެކައުންޓް އޮންލައިން ވީ މީގެ ދެ ގަޑިއިރު ކުރިން (މިރޭ 9:00 ހާއިރު) އެވެ. ނަމަވެސް އެ އެކައުންޓުން އޮންލައިންވީ ރިލްވާން ކަމެއް ނުވަތަ އެހެން މީހެއް ކަމެއް ޔަގީނެއް ނުވެ އެވެ.
ރިލްވާންގެ ފޭސްބުކްގެ ބައެއް ރަހުމަތްތެރިން ބުނާގޮތުގައި މިރޭ 7.30 ހާއިރު އޭނާގެ އެކައުންޓުން ވަނީ އޮންލައިން ވެފަ އެވެ. ނަމަވެސް އެއްވެސް މެސެޖަކަށް އޭނާ ޖަވާބު ދިން ކަމަކަށް ނުވެ އެވެ.
“އަޅުގަނޑަށް އޭނާ އޮންލައިން ވެފައި ހުއްޓާ ފެނުނީ 7.30 ހާއިރު. މެސެޖް ކުރީމަ ރިޕްލައި އެއްވެސް ނުކުރޭ. ގާތްގަނޑަަކަށް ދިހަ މިނިޓް ފަހުން އޮފްލައިން ވެއްޖެ،” ރިލްވާންގެ ފޭސްބުކް ރަހުމަތްތެރިއަކު ބުންޏެވެ.
ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު، އެ މައްސަލާގައި މައުލޫމާތު ހޯދުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހޯމް މިނސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޕޮލިސް ކޮމިޝަނަރު ވަނީ ހާޒިރުކޮށްފަ އެވެ.
ރިލްވާން އެންމެ ފަހުން ފެނިފައިވަނީ މި އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހުގެ ރޭ ހުޅުމާލެ އަށް ދިއުމަށް، މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއަށް ވަދެ އުޅެނިކޮށެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެވެ.