November 16, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ މިއަދަށް 100 ދުވަސްވީއިރު، އޭނާ އަށް ވީގޮތެއް ހޯދައި، “ގެއްލުވާލި” މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ސަރުކާރު ފެއިލްވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ރިލްވާން ގެއްލުނުތާ 100 ދުވަސްވުމާ ގުޅިގެން އާއިލާ އާއި ރައްޓެހިން މިއަދު ވަނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދާއި ލޮނުޒިޔާރަތްކޮޅާއި އެ ނޫން ވެސް ބައެއް ސަރަހައްދުތަކުގައި ޕޯސްޓަރު ހަރުކޮށްފަ އެވެ. ޕޯސްޓަރު ހަރުކުރުމުގައި ރިލްވާންގެ މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ އެހެން މެމްބަރުން ވެސް ބައިވެރިވި އެވެ.
އެ ހަރަކާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރިލްވާންގެ ބޭބެ މޫސާ ރިލްވާން ބުނީ ކޮއްކޮ ރިލްވާން ގެއްލުނު ކަމުގެ ތަހުގީގު ކުރިއަށްދާ ކަމާ މެދު އާއިލާ އަށް ޝައްކު އުފެދޭ ކަމަށެވެ. އޭނާ ގެއްލުނުތާ 100 ދުވަސްވިއިރު، އޭނާ އަށް ވީ ކިހިނެތް ކަމެއް ފުލުހުންގެ ފަރާތުން ސާފުވެފައި ނުވާއިރު ތަހުގީގަށް ކުރިއެރުމެއް ލިބިފައިވާ ކަން ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސަ ބުނިގޮތުގައި ރިލްވާން ގެއްލުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރު ދައްކަވާ ވާހަކަތައް ދިމައެއް ނުވެ އެވެ. ރިލްވާން ގެއްލުމާއި ގޭންގްތަކާ ގުޅުން އޮތް ކަމަށް ވިދާޅުވުމަށް ފަހު އެހެން ފޯރަމްތަކުގައި އެ ވާހަކައާ ތައާރަޒްވާ ވާހަކަ މިނިސްޓަރު ދައްކަވަމުން ގެންދިއުމަކީ މައްސަލަ އަށް ދޭ ސަމާލުކަން ކުޑަކަމުގެ ހެއްކެއް ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
ރިލްވާން ގެއްލުނުތާ 100 އަހަރު ފުރުން ފާހަގަ ކުރުމަށް އޭނާގެ އާއިލާ އިން މިއަދު ޕޯސްޓަރު ހަރުކުރުމަށް ބޭއްވި ހަރަކާތް.—ހަވީރު ފޮޓޯ: ނިޝާން އަލީ
ރިލްވާން ގެއްލުނުތާ 100 ދުވަސް ފުރުން ފާހަގަ ކުރުމަށް އޭނާގެ އާއިލާ އިން މިއަދު ޕޯސްޓަރު ހަރުކުރުމަށް ބޭއްވި ހަރަކާތް.—ހަވީރު ފޮޓޯ: ނިޝާން އަލީ
“ހޯމް މިނިސްޓަރު ދައްކަވާ ވާހަކަ އިން ގަބޫލުކުރަންވީ ކޮން ވާހަކައެއްތޯ، ނޫންތޯ ވެސް އާއިލާ އަކަށް މިހާރަކު ނޭނގެ،” އޭނާ ވިދާޅުވި އެވެ.
ރިލްވާން “ވަގަށް ނެގި” ކަމުގެ ގިނަ ޝައްކުތަކެއް ހުރިއިރު އެ މައްސަލާގައި ފުލުހުންގެ ތަހުގީގަށް މިހާތަނަށް ކުރިއެރުމެއް ނުހޯދިފައި ވުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
މިނިވަން ނިއުސްގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވި ގޮތުގައި ރިލްވާން “ގެއްލުވާލި” ފަހުން އެކަމާ ގުޅޭ ގޮތުން މަސައްކަތްކޮށް، ހަގީގަތް ހޯދާ މީހުންނަށް ތަފާތު އެކި އިންޒާރުތަކެއް ދަނީ ދެމުންނެވެ.
“ރިލްވާން ގެއްލުވާލި ހިސާބުން މިކަމެއް އަދި ނުއެއް ނިމޭ. އާއިލާގެ މީހުންނާއި ނޫސްވެރިންނާއި ޕޮލިޓީޝަނުންނާއި މަދަނީ ޖަމިއްޔާތަކުގެ މީހުންނަށް ވެސް އެހާ ތްރެޓް ބޮޑު. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،” ޒަހީނާ ވިދާޅުވި އެވެ.
މިނިވަން ނޫހުގައި ލިޔާ ލިޔުންތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން ތަކުރާރުކޮށް މަރުގެ އިންޒާރުދީފައި ވަނިކޮށް، ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އޯގަސްޓް އަށް ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލުންނެވެ.
ރިލްވާން “ގެއްލުނު” މައްސަލާގައި ހަތަރު މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ތިން މީހަކު ދޫކޮށްލާފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މިހާ އިއްޔެ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.