November 16, 2014
މިނިވަން ނިއުސް ވެބްސައިޓްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ މިއަދަށް 100 ދުވަސްވީ އެވެ. މިދިޔަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުން ފެށިގެން އޭނާ ހޯދުމަށް ޓަކައި ފުލުހުންނާއި އާއިލާއިން ވެސް އަންނަނީ އަތްފުނާ އަޅަމުންނެވެ. އެކަމަކު ހިތާމަވެރި ޚަބަރަކީ އޭނާ ނުފެނުނުތާނގައި، އޭނާ އަށް ވީ ކީއްކަން އެކަކަށް ވެސް ރޭކާ ނުލި ކަމެވެ.
ރާއްޖޭގައި މީހުން ގެއްލެ އެވެ. އެހެން ނަމަވެސް ރިލްވާންގެ މައްސަލަ ސީރިއަސް ވެފައި ވަނީ ސަބަބުތަކަކާ ހެދި އެވެ. އެހެން މީހުންނާ ހިލާފަށް ރިލްވާން ގެއްލުނު ގޮތް އެއީ އެންމެން ވެސް ބަލަން ބޭނުންވާ ކަމެކެވެ. ސަބަބަކީ، އޭނާ ގެއްލުނީ އާދަޔާހިލާފު ގޮތަކަށް ކަމަށް ވާތީ އެވެ. ބައެއް މީހުން ގަބޫލުކުރަނީ އޭނާ ކިޑްނެޕް ކުރީ ކަމަށެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އޭނާ ވަގަށް ނަގާފައި މަރާލީ އެވެ. ހަމައެއާ އެކު، އެފަދަ ޖަރީމާއެއް ހިންގައިފި ނަމަ، އެއީ ކީއްވެގެން ކުރި ކަމެއްތޯ، މިއީ ވެސް އާންމުން ބަލަން ކެތް މަދުވެފައިވާ ބޮޑު ސިއްރެކެވެ. ރިލްވާންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގަން ޖެހޭ އަނެއް ސަބަބަކީ އޭނާއަކީ ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ދީނީ މައްސަލަތަކުގައި ޚިޔާލުފާޅުކޮށް، އަދި ސަރުކާރާ ދެކޮޅަށް ވެސް ޚިޔާލު ފާޅުކުރާ މީހެކެވެ. މިއީ، ހިލާލުފާޅު ކުރުމާ ދެކޮޅަށް ބަޔަކު ދިން “ހަމަލާ”އެއްތޯ ނުވަތަ މިއީ “ދީނީ ގޮތުން އައި ހަރުކަށި ހަމަލާ”އެއްތޯ މިއީ ވެސް އާންމުން ބަލަން ބޭނުންވާ ކަމެކެވެ. މިއިން ކޮންމެ ސަބަބެއް އޮވެގެން ރިލްވާން “ގެއްލުވާލައިފި” ނަމަ އެއީ ރާއްޖޭގެ މުސްތަގުބަލަށް އޮތް ވަރަށް ބޮޑު ބަނަކަމަކަށް ނޫނީ ނުވާނެ އެވެ.
މި ހުރިހާ ސުވާލުތަކެއް ސިކުނޑީގައި ބާއްވައިގެން އާންމުން ތިބޭތާ 100 ދުވަސްވީއިރު ވެސް މިއިން އެއްވެސް ކަމަކަށް ޖަވާބެއް ނުލިބެ އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުން ހައްޔަރުކުރި ނަމަވެސް، އޭގެ ތެރެއިން އެކަކުގެ މައްޗަށް ވެސް ސާބިތު ހެއްކެއް އަދި ލިބިފައި ނެތް ކަމަށް ވެ އެވެ. އެއާއެކު އަދިވެސް އުފެދެނީ ސުވާލުތަކެކެވެ. ޝައްކުތަކާއި ވަހުމްތަކެކެވެ. އެއަކަށް ޖަވާބެއް ނުލިބެ އެވެ. ހަގީގަތަކީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ ތަހުގީގަށް ވެސް ކުރިއެރުންތަކެއް ނުލިބޭ ކަމެވެ.
ރައްޔިތު އެންމެންގެ އެޖެންޑާގެ އެންމެ ކުރީގައި ރިލްވާންގެ މައްސަލަ ހިމެނޭއިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގައި ވެސް މި ވާހަކައަކީ ވޭތުވެދިޔަ 100 ދުވަހުގެ ތެރޭގައި ދެކެވޭނެ އެންމެ ހޫނު ވާހަކަ އަށް ވާނެކަން ޔަގީނެވެ. މި މައްސަލަ އަށް އެއްވެސް އަލި މަގެއް ނުފެނުމުން ސަރުކާރަށާއި ފުލުހުންނަށް ކުރާ ތުހުމަތުތައް ވެސް އިންތިހާ އަށް މައްޗަށް ދަނީ އެވެ.
ރިލްވާން ގެއްލުނުތާ 100 ދުވަސް ފާހަގަކުރުމަށް ޓަކައި މިއަދު ވެސް ހަރަކާތެއް އެބައޮތެވެ. އެހެން ނަމަވެސް އޭނާގެ ހިލަމެއް ނެތެވެ. ދިރިހުރިތޯ، ނުވަތަ ނޫންތޯ ވެސް އެނގޭ މީހަކު ނެތެވެ. ތަހުގީގުން ލިބުނު ކުރިއެރުމެއް ވެސް ނެތެވެ. މަރުވި ކަމުގެ ހެއްކެއް ވެސް ނެތެވެ. މަރާލި ކަމުގެ ހެއްކެއް ވެސް ނެތެވެ. ކިޑްނެޕް ކުރި ކަމުގެ ހެއްކެއް ވެސް ނެތެވެ. ދުނިޔޭގައި ހުރި ކަމުގެ ހެއްކެއް ވެސް ނެތެވެ.