November 5, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ހުރި 25 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިއްޔެ އިތުރުކޮށްފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ރޭ ރިލްވާން ގެއްލުނު މައްސަލާގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ތިން މީހަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައި ކަމަށެވެ.
މިނިވަން ނޫހުގައި ލިޔާ ލިޔުންތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން ތަކުރާރުކޮށް މަރުގެ އިންޒާރުދީފައި ވަނިކޮށް، ރިލްވާން ގެއްލުމާއި ގޭންގްތަކާ ގުޅުން އޮތް ކަމަށް ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ ހޯދުމަށް ނުފޮރުޅާ އެންމެ ގާކޮޅެއް ވެސް ނެތް ކަމަށާއި އޭނާ ސަލާމަތުން އާއިލާ ހަމައަށް ގެނެސްދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އޯގަސްޓް 8 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލުންނެވެ.