#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާންގެ އެކައުންޓްތަކުން އޮންލައިންވުން: އާދައިގެ ކަމެއް ނޫން

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ހަތަރު މަސް ވެފައިވާއިރު އެންމެ ފަހުން އެންމެ ހައިރާންވި ކަމަކަށް ވެފައި ވަނީ އޭނާގެ ފޭސްބުކް އެކައުންޓާއި ވައިބާ އެކައުންޓުން ކުޑައިރުކޮޅަކަށް ނަމަވެސް އޮންލައިން ވުމެވެ. ރިލްވާން ގެއްލިގެން އެތައް ބަޔަކު ކަންބޮޑުވެގެން އުޅޭއިރު ކުއްލި ގޮތަކަށް އޭނާގެ ފޭސްބުކް އަދި ވައިބާ އެކައުންޓް “އެކްޓިވް” ވުމަކީ ވަރަށް ބައިވަރު ސުވާލު އުފެދޭ ކަމެކެވެ. މިހާރު ވެސް އެތައް ބަޔަކު ގެންދަނީ ސުވާލުތައް އުފައްދަމުންނެވެ.

ރިލްވާންގެ ފޭސްބުކް އަދި ވައިބާ އެކައުންޓް ބަޔަކު ހެކް ކުރީ ހެއްޔެވެ؟ ނުވަތަ އޭނާ “ފޮރުވައިގެން” ނުވަރަ “މަރާލި” ބަޔަކު ރިލްވާންގެ ވައިބާ އާއި ފޭސްބުކް އެކައުންޓް ހަމަ ހަގީގަތުގައި ވެސް ބޭނުން ކުރަނީ ހެއްޔެވެ؟ ނުވަތަ އޭނާގެ ދެ އެކައުންޓުން އެއް ހަފުތާއެއްގެ ތެރޭގައި އޮންލައިން ވުމަކީ ރިލްވާން ދިރިހުރި ކަމުގެ ހެއްކެއް ހެއްޔެވެ؟ މިހުރީ ހައްތާ ވެސް ޖަވާބު ނުލިބި ހުރި ސުވާލުތަކެވެ.

ރިލްވާންގެ ފޭސްބުކް އެކައުންޓުން އޮންލައިން ވެފައި ހުއްޓާ ފެނުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 7:30 ހާއިރު އެވެ. އޮންލައިންވީ 10 ވަރަކަށް މިނިޓަށް ކަމަށް ފާހަގަ ކުރެވޭއިރު ރިލުވާންގެ ރައްޓެހިން ކުރި މެސެޖުތަކަށް ޖަވާބެއް ނުދޭ ކަމަށްވެ އެވެ. އޭގެ ދެ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހުގެ ރޭ އަދި ޖެހިގެން އައި ހޮނިހިރު ދުވަހު ހެނދުނު ވަނީ ރިލްވާންގެ ވައިބާ އެކައުންޓުން އޮންލައިން ވެފަ އެވެ. އެކަމަކު މިއިން އެއްވެސް ފަހަރަކު އެ އެކައުންޓުން އެއްވެސް މީހަކާ ވާހަކަ ދެއްކި ކަމެއް އެނގިފައެއް ނުވެ އެވެ.

މި އެކައުންޓްތަކުން އޮންލައިން ވަނީ ކާކު ކަމެއް ނޭނގެ އެވެ. އެކަމަކު ރިލްވާންގެ އެކައުންޓްތަކުން ކުއްލި ގޮތަކަށް އޮންލައިން ވުމަކީ ކޮންމެވެސް ބަޔަކު “ފޮރުވިގެން” ހިންގާ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރިލްވާން ގެއްލިގެން އުޅޭތާ ހަތަރު މަސް ވީއިރު އޭނާގެ އެއްވެސް ހިލަމެއް ނެތި އުޅުމަށް ފަހު އޭނާގެ ވައިބާ އާއި ފޭސްބުކް އެކައުންޓް އެކްޓިވް ވުމަކީ ވަރަށް ރަނގަޅަށް ބަލައި ތަހުގީގު ކުރަންޖެހޭ ކަމެކެވެ.

އައިޓީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ރިލްވާންގެ ފޭސްބުކުން އޮންލައިންވީ ކޮން ތަނަކުން ކަން ކަމާބެހޭ ފަރާތްތަކަށް ބެލޭނެ އެވެ. ރިލްވާނަކީ ގެއްލިގެން ހޯދާ މީހެއް ކަމަށް ވާއިރު، އޭނާގެ އެކައުންޓުން އޮންލައިންވީ ކާކުގެ އައިޕީ އަކުން ނުވަތަ ކޮން ތަނަކުންތޯ ބެލުމަށް، ފޭސްބުކް ހިންގާ ފަރާތުގައި އެދިގެން ދިވެހި ފުލުހުންނަށް ޖަވާބު ހޯދޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އިއްޔެ ރެ އާއި އިއްޔެ ރިލްވާންގެ ވައިބާ އެކައުންޓުން އޮންލައިން ވެފައިވާއިރު ވައިބާ އެކައުންޓް ރެޖިސްޓާ ކޮށްފައިވާ ނަމްބަރު އޮންނަނީ ނިވާލައިފަ އެވެ.

“ވައިބާ އެކައުންޓް ރެޖިސްޓާ ކޮށްފައިވާ ފޯން ނަމްބަރު ނިވާލާފައި އޮތަސް ވައިބާ އެކައުންޓުން އޮންލައިން ވެވޭނެ. އެކަމަކު އެ ހާލަތުގައި ވެސް އޮންލައިން ވެވޭނީ އޭނާ ބޭނުންކުރާ ލެޕްޓޮޕުން. އެހެން ލެޕްޓޮޕަކުން ރިލްވާންގެ އެކައުންޓުން ވައިބާ އަށް ވަންނަން ރެޖިސްޓްރީ ކުރިޔަސް ވައިބާ ކޯޑް ލިބޭނީ، ރިލްވާންގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ ސިމަށް. އެހެންވީމާ މި އޮޕްޝަނާ މެދު ވެސް އެބަ ސުވާލު އުފެދޭ. ދެން އޮތް ގޮތަކީ އޭނާގެ ލެޕް ނުވަތަ ފޯނު ކޮންމެވެސް މީހެއްގެ އަތުގައި ހުރުން،” އޭނާ ވިދާޅުވި އެވެ.

ރިލްވާންގެ ފޭސްބުކް އެކައުންޓުން މިދިޔަ ބުދަ ދުވަހުގެ ރޭ އޮންލައިން ވެފައި.
ރިލްވާންގެ ފޭސްބުކް އެކައުންޓުން މިދިޔަ ބުދަ ދުވަހުގެ ރޭ އޮންލައިން ވެފައި.
ޓެލެކޮމް ކުންފުންޏެއްގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ފޭސްބުކް ނުވަތަ ވައިބާ އެކައުންޓަކުން އޮންލައިންވާ ސަރަހައްދެއް ދެނެގަތުމުގެ މައިގަނޑު އެއްޗަކީ އައިޕީ އެޑްރެސް ކަމަށް ވާއިރު އެކަން ބެލުމުގެ ކުޅަދާނަކަން ދިވެހި ފުލުހުންގެ ކިބައިގައި ހުރިތޯ ބަލަން ޖެހެ އެވެ.

“ދިވެހި ފުލުހުންގެ ތެރޭގައި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓެއް ހުންނައިރު، މިކަހަލަ ކަންކަން ހޯދުމުގެ ކޭޕެބިލިޓީ ހުރި މިންވަރު އަޅުގަނޑުމެންނަކަށް ނޭނގޭ. ޓެލެކޮމް އޮޕަރޭޓަރަކަށް ވެސް އެ ހުރިހާ މައުލޫމާތެއް ނޭނގޭނެ. މިސާލަކަށް އަޅުގަނޑުމެން މި ދައްކަނީ ރިލްވާން އޮންލައިންވީ ކޮން ލޮކޭޝަނަކުންތޯ ބަލާ ވާހަކަ. މިފަދަ ހާލަތްތަކުގައި ދުނިޔޭގައި އެބަހުރި މިފަދަ ކޭސްތައް ކާމިޔާބު ކޮށްފައި. ހެކަރުން ހެކް ކުރާ ލޮކޭޝަން ވެސް ބަލާފައި އެބަހުރި،” އޭނާ ވިދާޅުވި އެވެ.

ރިލްވާންގެ އެކައުންޓްތަކުން އޮންލައިން ވެފައިވާއިރު އެކަން ކުރި ބަޔަކު ހޯދަން އެންމެ ބޮޑަށް މަގުފަހިވާނެ އެއް ކަމަކީ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމީހަކު އެ ބޭނުންކުރި ޑިވައިސްއެއްގެ ލޮކޭޝަން އޮން ކޮށްފައި ހުރުމެވެ. މީގެ އިތުރުން އެއްވެސް މީހަކަށް ރިލްވާންގެ އެކައުންޓުން މެސެޖެއް ކޮށްފައިވާ ނަމަ، އޮންލައިންވި މީހާ ހުރި ސަރަހައްދު އެނގޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ރިލްވާންގެ ވައިބާ އެކައުންޓުންނާއި ފޭސްބުކް އެކައުންޓުން އޮންލައިންވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރިލްވާންގެ އާއިލާ އިން ބުނީ ރިލްވާންގެ އެކައުންޓްތަކުން އޮންލައިންވި މައްސަލާގައި އަދި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު މިއަދު ބަޔާނެއް ނެރޭނެ ކަމަށް ބުންޏެވެ.

ރިލްވާނަށް ވީނުވީއެއް ނޭނގި، އަދި އޭނާ ހޯދުމުގައި ކުރިއެރުމެއް ނުލިބި ދިގުލައިގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެކަން އެހެން އޮއްވާ ރިލްވާންގެ ވައިބާ އާއި ފޭސްބުކް އެކައުންޓް އޮންލައިން ވުމަކީ ސީރިއަސް އަދި ހަގީގަތް ހޯދަން އެތައް ބަޔަކު ބޭނުންވާ ކަމެކެވެ.