October 23, 2014
މިދިޔަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ކުރާ ތަހުގީގުގައި ފުލުހުން އިހުމާލުވެ، އެކަމާ ގުޅޭގޮތުން އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވާ “ޖިނާއީ ކުށްތައް” ފުލުހުން ފަރުދާކޮށްފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިލްވާން ގެއްލުނުތާ 77 ދުވަސްވެފައިވާއިރު، އޭނާ ހޯދުމުގެ ތަހުގީގަށް ލިބިފައިވާ އެއްވެސް ކުރިއެރުމެއްގެ ވާހަކަ އާއިލާ އަދި ރައްޔިތުންނާ ވެސް ފުލުހުން ހިއްސާކޮށްފައި ނުވާ ކަމަށެވެ. ރިލްވާނަށް ވީނުވީއެއް ނޭނގި ފާއިތުވާ ކޮންމެ ހިނދުކޮޅަކީ އޭނާގެ ފުރާނަ އަށް ގެއްލުން ބޮޑުވެ، އަމަންއަމާންކަން ގާއިމްކޮށްދޭން ފުލުހުން ކުރާ މަސައްކަތާ މެދު އިތުބާރު ކުޑަވެގެންދާނެ ހިނދުކޮޅެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ޑިމޮކްރެސީ ނެޓްވޯކުން ބުނިގޮތުގައި ރިލްވާން ގެއްލުމާ ގުޅޭގޮތުން އެކި ދުވަސްތަކުގައި ފުލުހުން އާއްމުކޮށްފައިވާ ބަޔާންތަކުގައި ދައްކާފައިވާ ވާހަކަތައް ތައާރަޒުވެ އެވެ. އަދި އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތެއް ވެސް ފުލުހުން މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށް އެމްޑީއެން އިން ބުންޏެވެ.
“އާއްމުންގެ ސަމާލުކަމަށް އައިސްފައި ހުންނަ މިބާވަތުގެ ޖިނާއީ ކުށުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތް އާއްމުންނާ ހަމައަށް ހިއްސާކުރުމަކީ ފުލުހުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް މި ޖަމިއްޔާ އިން ގަބޫލުކުރަމެވެ،” އެމްޑީއެންގެ ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ ރިލްވާން ގެއްލުމާ ގުޅޭގޮތުން ޕްރައިވެޓް އިންވެސްޓިގޭޓަރަކު ލައްވައި ނެރުނު ރިޕޯޓުގައި، ގޭންގްތަކަށް ނިސްބަތްކޮށް ވާހަކަތައް ލިއެފައި އޮތުމުން އެ ބަޔަކު ދިފާއުކުރަން، އިންސާނީ ހައްގުގެ ނަމުގައި ފުލުހުން ބަސް ބުނުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން ނުބަލައި، ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖިނާއީ ކުށްތައް ފުލުހުން ފޮރުވާފައިވާ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
އަދި އެމްޑީއެންގެ ރިޕޯޓަކީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ނެރުނު “ތާކުންތާކުނުޖެހޭ” އެއްޗެއް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކަ ވެސް އެ ޖަމިއްޔާ އިން ވަނީ ކުށްވެރިކޮށްފަ އެވެ.
ފުލުހުންގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށް، ބޭރުގެ އެހީ ހޯދައިގެން މިހާރަށް ވުރެ ޕްރޮފެޝަނަލްކޮށް އެ ތަހުގީގުގައި މަސައްކަތްކޮށް ރިލްވާނަށް ވީގޮތެއް ހޯދައިދިނުމަށް ވެސް ބަޔާނުގައި އެމްޑީއެން އިން ވަނީ ގޮވާލައިފަ އެވެ.