October 2, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައި ވާތީ، އޭނާ ވީ ތަނެއް ބުނެދިނުމަށް އޭނާގެ އާއިލާ އިން ބުރާސްފަތި ދުވަހު ފުލުހުންނަށް ގޮވާލައިފި އެވެ.
ރިލްވާންގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ރިލްވާން ގެއްލުނުތާ 55 ދުވަސް ވެފައިވާއިރު، އެ މައްސަލާގައި ބަޔަކު ހައްޔަރުކުރުމަކީ ތަހުގީގަށް ލިބުނު ކުރިއެރުމެއް ކަމަށް ދެކޭ ކަމަށެވެ. މައްސަލައިގެ ހަގީގަތް ހާމަނުވެ، ހިނގާ ކޮންމެ ދުވަހަކީ އެ އާއިލާ އަށް ހާސްކަމާއި ސުވާލުތަކުން ފުރިގެންވާ ފުން ހިތާމަތަކެއް ލިބިގެންދާ ދުވަހެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ މައްސަލައިގެ ހަގީގަތް ހާމަނުވެ ދިގުދެމިގެން ދިއުމަކީ މުޖުތަމައުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދާ ރައްޔިތުންގެ ސަލާމަތްތެރިކަން ގެއްލިގެންދާ ކަމުގެ ނާއުއްމީދު ވެސް ބޮޑުވަމުން ދިއުމެވެ.
“އެހެންކަމުން ރިލްވާން މައްސަލައިގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބާއި ރިލްވާން މިހާރު ވީ ކޮން ތަނެއްގައި ކަން އަޅުގަނޑުމެންނަށާއި ރިލްވާންގެ ރަހުމަތްތެރިންނަށާއި އާއްމުންނަށް ސާފުކޮށް ހާމަކޮށްދެއްވާ މި މައްސަލައާ މެދު ޖަވާބުދާރީވެލެއްވުމަށް ފުލުހުންގެ އޮފީހަށް އަދަބުވެރިކަމާ އެކު ގޮވާލަމެވެ،” އެ ބަޔާނުގައިވެ އެވެ.
އާއިލާ އިން ބުނީ ހިނގަމުން މިދާ ހައްޖުގެ މާތް އަޅުކަމުގެ ދުވަސްވަރާއި އީދު ދުވަސްތަކުގައި ވެސް ރިލްވާން ހޯދަން ކުރާ މަސައްކަތުގައި އާއިލާ އިން ސާބިތުވެ ތިބޭނެ ކަމަށެވެ.
އޮގަސްޓް 8 ވަނަ ދުވަހުގެ ރޭ ރިލްވާން ގެއްލުނީ މިނިވަން ނިސްގައި އޭނާ ލިޔާ ލިޔުންތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން ތަކުރާރުކޮށް މަރުގެ އިންޒާރު ދީފައި ވަނިކޮށެވެ. އޭނާ އެންމެ ފަހުން ފެނުނީ އެ ރޭ ދަންވަރު ހުޅުމާލެ އަށް ދާން ޓިކެޓް ގަންނަން ފެރީ ޓާމިނަލްގައި ހުއްޓަ އެވެ.