October 23, 2014
މާފުށީ ޖަލުން ފިލައިގެން އުޅުނު ދެ ކުށްވެރިން ހޯދުމުގެ އޮޕަރޭޝަން މި ހަފުތާގައި ކުރިއަށް ގެންދިޔަ ނަމަވެސް، ގެއްލިގެން އުޅޭ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމުގެ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނަ ކަމަށާއި އޭނާ ހޯދާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ޖަލުން ފިލައިގެން އުޅުނު ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި ގއ. މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް މުހައްމަދު ގއ. މާމެންދޫ ޖަވާހިރުވާދީ، ފަރިޔާޝް އަހުމަދު އަތުލައިގަތުމާ ގުޅިގެން ޓީވީއެމާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރިލްވާން ހޯދުމުގެ މަސައްކަތް ފުލުހުން ކެނޑިނޭޅި ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިލްވާނަކީ ގޭންގަކަށް ނިސްބަތްވާ އަދި ކުށްވެރިއެއް ވެސް ނޫން ކަމަށާއި ޖަލުން ފިލި ނުރައްކާތެރި ދެ ގައިދީން ހޯދުމުގެ ކޭހާއި ރިލްވާން ގެއްލުމުގެ މައްސަލަ ވަރަށް ތަފާތެވެ.
އުމަރު ވިދާޅުވީ ޝަހުމާއި ފަރިޔާޝް އަކީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމުން އެމީހުން ހޯދަން ފުލުހުންނަށް ފަސޭހަވާނެ ކަމަށެވެ.
“އޭނާ ]ރިލްވާން[ އަކީ އަމިއްލަ ފަރުދެއް. އެހެންވީމާ އަޅުގަނޑުމެންނަށް އެހާ ފަސޭހައެއް ނުވާނެ އޭނާ ހޯދައިގަންނާކަށް. ރިލްވާން ހޯދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަ ހުއްޓާނުލައި ދެވޭ ހުރިހާ އެއްބާރުލުމެއް ދެމުން އަދި ސަރުކާރުގެ ހުރިހާ ރިސޯސްއެއް ބޭނުންކޮށްގެން، ރިލްވާން ހޯދޭތޯ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް މިހާރު ވެސް މެދުނުކެނޑި ކުރިއަށް ދޭ،” އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރިލްވާން ހޯދުމުގެ މަސައްކަތް ފުލުހުން ކާމިޔާބު ކުރާނެ އެވެ.
“ދެ ކުށްވެރިން ފިލުމާ ގުޅިގެން، ރިލްވާން ހޯދުމަށް ކުރާ މަސައްކަތަށް އެއްވެސް ހުއްޓުމެއް އައިސް މަޑުޖެހިފައެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ ރިލްވާން ވެސް ހޯދައި މައިންބަފައިންނާ ހަމައަށް ގެނެސްދޭނަން،” އުމަރު ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓް 7 ގައި ރިލްވާން ގެއްލުނު ފަހުން އޭނާ ހޯދަން ފުލުހުން އެތައް މަސައްކަތެއް ކުރި ނަމަވެސް އަދި ކޮޅެއްގައި ނުޖެހެ އެވެ.
ރިލްވާން އެންމެ ފަހުން ފެނުނީ ހުޅުމާލެ ފެރީ ޓާމިނަލުގެ ތެރެއިންނެވެ. ރިލްވާން އެރޭ ހުޅުމާލެ އަށް ދަނިކޮށް ފެރީ ތެރެއިން ދިމާވި ކަމަށް އޭނާގެ ރައްޓެއްސަކު ބުނެފައިވެ އެވެ.