September 11, 2014
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ނުލައި ރާއްޖޭގައި ބޯހިމެނުން ބޭއްވި ނުދޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރިލްވާން ހޯދުމުގައި ސަރުކާރުން އިހުމާލިވެފައިވާ ކަމަށާއި އެހެން ކަމުން ރިލްވާން ހޯދުމަށް ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން މި މަހުގެ 20 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ބޯހިމެނުން ބޮއިކަޓް ކުރަން ނިންމާފައިވާ ކަމަށެވެ.
“މިވަގުތު އަޅުގަނޑުމެންނަށް [ސަރުކާރަށް] ޕްރެޝަރެއް ދެވޭނެ ކަމަށް މި ބަލަނީ ރިލްވާނާއި ނުލާ މި ބޯހިމެނުމުގައި އަޅުގަނޑުމެން ބައިވެރި ވުމަކީ ރަނގަޅު ކަމެއް ނޫން ކަަމަށް ފާސް ކުރަން،” ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ ބޯހިމެނުމަކިީ މުހިންމު ކަމެއް ކަަމަށާއި އެހެން ނަމަވެސް ދިވެހި ރައްޔިތުން ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު އެފަދަ ބޯހިމެނުމެއްގައި ބައިވެރި ވުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު (ބަލަކު) ވިދާޅުވީ މިދިޔަ ހަފްތާ ތެރޭ އެމްޑީޕީގެ ގައުމީ އިންތިހާބީ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި މި ބައްދަލުވުމުގައި ބައެއް ފަރާތް ތަކުން ރިލްވާން ގެއްލުމަކީ ސަރުކާރުން ހިންގާ “ޓެރަރިޒަމް” ގެ އަމަލެއް ކަމަށް ސިފަ ކޮށްފައިވާ ކަަމަށެވެ.
“[ގައުމީ އިއްތިހާދު ކޮމެޓީގައި] ބައެއް ބޭފުޅުން އެބަ ތިއްބެވި މިއީ [ރިލްވާން މައްސަލައަކީ] ސްޓޭޓްސް ކޮންސާންޑް ޓެރަރިޒަމްގެ ގޮތުގައި މިކަން މާނަ ކުރައްވާ ބޭފުޅުން އެބަތިއްބެވި،” އަލީ ވަހީދު ވިދާޅުވިއެވެ.
އަދި ސަރުކާރުން ރިލްވާން “ވަގަށް” ނަގާފައިވާ ކަމަށް ތުހުމަތު ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ އިސްވެރިންގެ ބަސްމަގު ހުރި ގޮތުން މިއީ ގަސްތުގައި ރޭވިގެން ކޮށްފައިވާ މަސައްކަތްެއް ކަމަށް ބެލެވޭ ކަމަށެވެ.