#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ނޫސްވެރިޔާ ރިލްވާނު ގެއްލުނު މައްސަލައާ ގުޅުން ހުރި އެއްވެސް ހެއްކެއް ނެތް: ޕޮލިސް

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ (28) ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި އެހާދިސާއާ ގުޅުން ހުރި އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތު ދެމުންބުނީ ރިލްވާން ވީނުވީތަނެއް ނޭނގި ގެއްލުނު ހާދިސާ އާއި 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އޭނާ ދިރިއުޅުނު ފްލެޓް ސަރަޙައްދުގައި ހިނގައިދިޔަ ހާދިސާއާ ގުޅުންހުރިކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައެއް ނުވާ ކަމަށެވެ.

މީގެ އިތުރުން 2014 އޮގަސްޓް 15 ވަނަދުވަހު ހުޅުމާލޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ރިލްވާން ގެއްލުނު ހާދިސާއާ ގުޅުމެއް ނެތްކަން ތަހުގީގުތަކުން މިހާތަނަށް ލިބުނު މައުލޫމާތުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރިލްވާން ހޯދުމަށް، ހުޅުމާލޭ ކައިރި ސަރަހައްދުތަކުގެ 521 މިނިޓްގެ ޑައިވް ކުރެވިފައިވާކަމަށެވެ. މިޑައިވްތަކާއި ފީނުންތަކުގައި ޖުމްލަ 267197.5 އަކަމީޓަރުގެ މޫދުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި މިމައްސަލައާ ގުޅިގެން 84 އުޅަނދެއް މިހާތަނަށް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ރިލްވާން ދަތުރު ކޮށްފައިވާކަމަށް ބެލެވޭ މަގުތަކުގައި ހުރި ސެލް ޓަވަރުތަކަށް ހިޓްވެފައިވާ 6،38000 އަށްވުރެ ގިނަ ފޯނުނަންބަރުތައް އެނަލައިޒް ކުރެވެމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ރިލްވާން ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި މިހާތަނަށް ހޯދުނު މައުލޫމާތަށް ބަލާއިރު 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭގެ 00:00 މިނިޓުގެ ފަހުން ރިލްވާން ހުޅުމާލެއިން އެއްވެސް މީހަކަށް ފެނި އެއްވެސް މީހަކާ މުއާމަލާތް ކުރިކަން މިހާތަނަށް ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށާއި އެހެން ނަމަވެސް 2014 އޮގަސްޓް 08 ވަނަދުވަހުގެ 00:55 ހާއިރު އޭނާ ހުޅުމާލެ، މާލޭ ފެރީ ޓާމިނަލަށް ވަންނަތަން މިހާތަނަށް ދިރާސާކުރި ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހަމައެހެންމެ އޭގެފަހުން މާލެއިން ހުޅުމާލެއަށް ދަތުރުކުރި ފެރީއަކުން ރިލްވާން އާއި ވާހަކަ ދެއްކިކަމުގެ މައުލޫމާތު އަމިއްލަ ފަރާތަކުން ފުލުހުންނަށް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަޙްމަދު ރިލްވާން ޢަބްދުﷲ ވީނުވީތަނެއް ނޭނގި ގެއްލުނު ޙާދިސާ އާއި 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އޭނާ ދިރިއުޅުނު ފްލެޓް ސަރަޙައްދުގައި ހިނގައިދިޔަ ޙާދިސާއާ ގުޅުންހުރިކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން 2014 އޮގަސްޓް 15 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އަލިފާނުގެ ޙާދިސާއާ އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުނު ޙާދިސާއާ ގުޅުމެއް ނެތްކަން ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުން ވަނީ އެނގިފައެވެ.

މީގެ އިތުރުން 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ މާލެ، ހުޅުމާލެ ފެރީޓާމިނަލްގައި ރިލްވާން ހަރަކާތްތެރިވަނިކޮށް ފެންނަ ސީސީ ޓީވީ ފުޓޭޖު ބަލައި ދިރާސާކޮށް، އެ ފުޓޭޖުން ފެންނަ ބައެއް މީހުން ހާޒިރުކޮށް މައުލޫމާތު ސާފު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ރިލްވާން ހޯދުމަށް މިހާތަނަށް 79 ތަނަކުން 157 ކެމެރާއިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް އެތަކެތި ދިރާސާ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލާގައި މިހާތަނަށް މާލެއިން 9 ގެއެއް ބަލައި ފާސްކުރެވިފައިވާ ކަމަށެވެ. ހުޅުމާލޭގެ ގޭގެއާއި ގުދަންތަކާއި ގަރާޖްތައް ހިމެނޭގޮތުން 139 އަށް ވުރެ ގިނަ ތަން ބަލައި ފާސްކުރެވިފައިވާ ކަމަށާއި މިމައްސަލައާ ގުޅިގެން ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކާއި ގޭގެ މިހާރުވެސް ބަލައި ފާސްކުރެވެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރިލްވާން ހޯދުމަށް ކުރެވޭ ތަހުގީގުގެ މަސައްކަތުގައި މިހާތަނަށް 128 މީހުންނާ ސުވާލުކޮށް ބަޔާން ނެގިފައިވާއިރު 387 މީހަކާ ސުވާލުކޮށް މައުލޫމާތު ނެގިފައިވާ ކަމަށާއި ހުޅުމާލޭގައި މީހުން ދިރިއުޅޭ 77 އެޕާޓްމަންޓަކުން 192 މީހުންނާ ސުވާލުކުރެވި މައުލޫމާތު އެއްކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.