#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ނޫސްބަޔާން

މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާ ހާދިސާ އާއި ގުޅިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އިން އާއްމު ކޮށްފައިވާ ލިޔުމާއި ގުޅޭ ގޮތުން ދަންނަވަމެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އިން ނެރެ އާއްމު ކޮށްފައިވާ ލިޔުމަކީ ފުލުހުންނަށް މި މައްސަލައިގެ ތަޙުޤީޤުގައި އެހީތެރިވުމުގެ މަޤްޞަދުގައި އާއްމު ކުރި ލިޔުމެއް ކަމަށް ބުނި ނަމަވެސް އެ ލިޔުމަކީ ޒިންމާދާރުކަމެއްނެތި، ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅޭގޮތަށް، ސާބިތުހިފޭފަދަ މަޢުލޫމާތެއްގެ މައްޗަށް ބިނާކުރުމެއް ނެތި، ސިޔާސީ ވަކި މަޤުޞަދުތަކެއް ޙާޞިލް ކުރުމަށް އާއްމުކޮށްފައިވާ ލިޔުމެއްކަމުގައި މި ސާރވިސްއިން ދެކެމެވެ. އަދި އެކަމަކީ ސިޔާސީ ވަކި ވަކިބައެއްގެ އަގު ވައްޓާލުމަށް ހިންގި ދަށުދަރަޖައިގެ ޢަމަލެއްކަމުގައިވެސް މިސަރވިސްއިން ދެކެމެވެ. ހަމައެހެންމެ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް ޚާއްޞަ ޓީމެއް އެކުލަވާލައި ފުލުހުން ތަޙުޤީޤު ކުރިއަށް ގެންދަނިކޮށް ރައްޔިތުންގެ ވިސްނުން ވަކިގޮތަކަށް ބައްޓަންކުރުމުގެ މަޤްޞަދުގައި އާއްމުކޮށްފައިވާ އެލިޔުމުގެ ސަބަބުން ފުލުހުން ކުރަމުންދާ ތަޙުޤީޤަށް ގިނަގުނަ ހުރަސްތަކެއް ކުރިމަތިވާނެއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އިން އާއްމު ކޮށްފައިވާ އެލިޔުމުގައި ވަކިބަޔަކު އަޙްމަދު ރިޟްވާން ޢަބްދުﷲ ފޮރުވިކަން ނުވަތަ ފޮރުވައިގެން ގެންގުޅޭކަން ރައްޔިތުންނަށް ވިސްނައިދިނުމަށް، އެކަން ކުރިކަމަށް ތުހުމަތުކޮށް ޢާއްމު ފަރުދުންގެ ފޮޓޯއާއި ވަނަވަރު އާއްމުކޮށްފައިވުމަކީ އެމީހުންގެ އިންސާނީ ޙައްޤުތައްގެއްލި، އިންސާނީ ކަރާމާތަށް އުނިކަންލިބި، އެފަރާތްތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދި، އެފަރާތްތަކުގެ ސަަލަމާތާއި ރައްކާތެރިކަމަށް ނުރައްކާވާނެ ކަމެއްކަމުގައި ދެކެމެވެ.
އަދި ދަންނަވަމެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އިން ޢާއްމުކުރި ރިޕޯޓުގައި ޒާތީ މަޢުލޫމާތު އާއްމުކުރި މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެފައިވާކަމަށް ބުނެ އެފަރާތްތަކުން މިހާރުވެސް ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޙްމަދު ރިޟްވާން ޢަބްދުﷲ އާއި ގުޅޭ މައްސަލައިގެ ތަހުޤީޤް ކުރިއަށް ގެންދާއިރު، ތަހުޤީޤާ ގުޅޭ މަޢުލޫމާތުތައް ހޯދުމަށް އަޙްމަދު ރިޟްވާން ޢަބްދުﷲގެ އާއިލާ މެދުވެރިކޮށްގެންނާއި އެހެނިހެން ފަރާތްތައް މެދުވެރިކޮށް ވަކި މަޤުޞަދެއް ޙާޞިލް ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން މި ސަރވިސްއަށް ވަނީ ފާހަގަކުރެވިފައެވެ.
މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާކަން 13 އޮގަސްޓް 2014 ވަނަ ދުވަހު 13:15 ހާއިރު ފުލުހުންނަށް ހުށަހެޅުމާއެކު އޭނާ ހޯދުމަށާއި މިމައްސަލަ ތަޙުޤީޤު ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފުލުހުންގެ މުއައްސަސާއިން މިދަނީ ކުރަމުންނެވެ. އެކަމަށްޓަކައި ޚާއްޞަ ޓީމެއް އެކުލަވާލައި ހޯދަން ޖެހޭ ހޯދުންތައް މިދަނީ ހޯދަމުންނެވެ. ބަލައި ފާސްކުރަންޖެހޭ ތަންތަން މިދަނީ ބަލައި ފާސްކުރަމުންނެވެ. ދިރާސާކުރަންޖެހޭ ސީސީޓީވީ ފުޓޭޖާއި އެހެނިހެން ތަކެތި މިދަނީ ދިރާސާކުރަމުންނެވެ. މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އޭނާ ހޯދުމަށާއި ފުރިހަމަ ތަޙުޤީޤެއް ކުރުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުންގެ ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެން މިދަނީ ކުރަމުންނެވެ.
މިދެންނެވިފަދަ އިސްކަމެއްދީގެން އަޙްމަދު ރިޟްވާން ޢަބްދުﷲގެ ތަހުޤީޤް ކުރަަމުންދަނިކޮށް އެމައްސަލަ އާއި ގުޅޭ ކަށަވަރުނުކުރެވޭ މަޢުލޫމާތުތައް ހާމަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢުއަށްކޮށް ބައެއްގެ މަސްލަޙަތު ގެއްލުމުގެ ފުރުޞަތު އޮތް އިރު މިފަދަ މަޢުލޫމާތުތަކަކީ ރައްޔިތުންނާ ޙިއްސާކޮށްގެންވާނެ މަޢުލޫމާތުތަކެއް ކަމުގައި މިސަރވިސްއިން ނުދެކެމެވެ.
ދަންނަވަމެވެ. ފުލުހުން ބަލަމުންދާ މައްސަލަތަކުގެ މަޢުލޫމާތާއި އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންނަށް ލިބޭ މަޢުލޫމާތުތައް ޢާއްމު ނުކޮށް ރައްކާތެރިކަމާއެކު ބަލަހައްޓަމުންގެންދަނީ އެފަދަ މަޢުލޫމާތު ތަކަކީ އެތައް ބައެއްގެ މަޞްލަޙަތުތައް އޭގައި ހިމެނޭ މަޢުލޫމާތު ތަކަކަށްވާތީއެވެ. އަދި އެފަދަ މަޢުލޫމާތުތައް ހާމަކުރުމުގެ ސަބަބުން އެތައް ބައެއްގެ އިންސާނީ ޙައްޤުތައް ގެއްލި މުޖުތަމަޢުގެ އަމާންކަމަށް އެކަމުގެ ނޭދެވޭ އަސަރުކޮށް އެކަމުގެ ސަބަބުން މުޖުތަމަޢުގެ ޢާއްމު މަޞްލަޙަތު ގެއްލިގެންދާނެތީއެވެ.
އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމުގެ ނަމުގައި ބަޔަކު އަޑީގައި ތިބެގެންނަމަވެސް ކޮށްފައިވާ މިމަސައްކަތަކީ މިއުޞޫލުން ކުރެވިދާނެ މަސައްކަތެއްކަމަށް މިމުއައްސަސާއިން ނުދެކެމެވެ. އަދި މިކަން ކުރެވިގެންދިޔަގޮތް މިމުއައްސަސާއިން ބަލައި މިކަމުގައި ޝާމިލްވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު މިމުއައްސަސާއިން އަޅާނެކަމުގައި ދަންނަވަމެވެ.
ދިވެހި ފުލުހުންގެ މުއްއްސަސާގައި މަސައްކަތްކުރާ ފުލުހުންނަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތައް ކަމަށްވާ އެމެރިކާ، އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާ ފަދަ ޤައުމު ތަކުން ތަޢުލީމާއި ތަމްރީނުގެ އިތުރުން ތަޖުރިބާލިބި ތިބެ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް މަސައްކަތް ކުރަމުންދާ ބައެއް ކަމުގައި ދަންނަވަމެވެ. އަދި ދިވެހި ފުލުހުންގެ މުއައްސަސާއަކީ އެންމެ ކުދި ކުށްތަކުގެ މައްސަލަތަކުން ފެށިގެންގޮސް ޓެރެރިޒަމްފަދަ ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރި މުއައްސަސާއެއްކަމުގައި ދަންނަވަމެވެ.
ވީމާ ދަންނަވަމެވެ. މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މައްސަލައަކީ ރައްޔިތުން ކަންބޮޑުވުންތައް ހުރި މައްސަލައަކަށްވާއިރު މިފަދަ މައްސަލައަކާ ގުޅުވައިގެން ކަމުގެ ހަޤީޤަތް އޮޅޭގޮތަށް، ސިޔާސީ ވަކި މަޤުޞަދެއް ހާސިލްކޮށް ވަކިބަޔަކު ބަދުނާމުވާފަދަ ލިޔުންތައް އާއްމު ނުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.
އަޙްމަދު ރިޟްވާން ޢަބްދުﷲ، ހޯދުމަށް ފުލުހުންނާ ޢާއިލާގެ ފަރާތުން އަދި ހެޔޮ އެދޭ ފަރާތްތަކުން ކުރާ މަސައްކަތުގައި ކާމިޔާބީ ލިބުމަކީ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ ޢާއިލާ އާއި ރަޙްމަތްތެރިން އެދޭފަދައިން ދިވެހި ކޮންމެ ފުލުހަކުވެސް އެދޭ ކަމެކެވެ. ހަމައެހެންމެ މިމަސައްކަތް ކިތަންމެ ގިނަ ދުވަސްތަކަކަށް ދިގުލައިގެންދިޔަސް މިކަމުގެ ޙަޤީޤަތާ ހަމައަށް ވާޞިލްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ފޫހިކަމެއްނެތި ފުލުހުން ކުރަމުންދާނެކަމުގެ ޔަޤީންކަން އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ ޢާއިލާއަށް މިފުރުޞަތުގައިވެސް އަރުވަމެވެ. އަދި މިޙާދިސާގައި އެއްވެސް ފަރާތެއްގެ ކުށެއް ނުވަތަ އިހުމާލެއް ވާނަމަ އެފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަސްނުޖެހޭނެކަމުގެ ޔަޤީންކަންވެސް ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.
މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މައްސަލައާއި ގުޅިގެން ލިބޭ ހުރިހާ މަޢުލޫމާތެއް ފުލުހުންނާ ޙިއްސާކޮށް މިމަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންގެ ތަޙުޤީޤަށް ދެއްވުމަށް މިރުޞަތުގައިވެސް އިލްތިމާސް ކުރަމެވެ. ހަމައެހެންމެ މިފަދަ މައްސަލަތަކުގެ ތަޙުޤީޤު ކުރިޔަށް ގެންދިއުމުގައިި ޢާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަމާ އެއްބާރުލެއްވުމަށް މިފުރުޞަތުގައިވެސް ޝުކުރު ދަންނަވަމެވެ.