September 4, 2014
ގެއްލިފައިވާ ރިލްވާންގެ މަންމަގެ ގޮވާލުމަށް ސިޓީ ހޯލަށް މިރޭ ހާޒިރުވެ ތިބި އެތައް މަންމައިންނެއް ހިތާމައިގެ ކަރުނަ އޮހޮރާލައިފިއެވެ.
މިރޭ ގާތްގަނޑަކަށް 9 ޖެހިއިރު ފެށި މައިންގެ ޝުޢޫރު ފާޅުކުރުމުގެ މި ބައްދަލުވުން ފަށައިދިނީ ގެއްލިފައިވާ ރިލްވާންގެ ބޭބެއެވެ. އަދި އެއަށްފަހު އެކިއެކި މަންމައިންގެ އަސަރުން ފުރިގެންވާ ހިތާމަވެރި ޝުޢޫރުތައް ފާޅު ކޮށްފައިވެއެވެ.
އޭގެތެރެއިން އެއް މަންމަޔަކު ބުނީ މިމައްސަލައިގައި ޤައުމުގެ ވަލިއްޔުލް އަމްރު ދެއްވާފައިވާ ޖަވާބަކީ ވަރަށް ޒިންމާދާރު ކަން ކުޑަ ޖަވާބެއް ކަމަށެވެ. އަދި މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މިރެއިން މިރެއަށް މުޒާހަރާ ކުރުމަށް ނިކުތުމަށް އޭނާ ގޮވާލިއެވެ.
އެހެން މަންމަޔަކު ބުނީ ވަޅިހެރުމާއި މާރާމާރީ ހިންގުން އިންތިހާއަށް އިތުރުވެ މުޅިމާލެ ބިރުވެރިކަމެއްގެ ތެރޭގައިވާ އިރު ދެން ގެއްލޭނީ ކާކުގެ ދަރިއެއް ކަމާމެދު ސުވާލު އުފެދި އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހިފައިވާ ކަމަށެވެ.
އަދި މިއަދު ގެއްލިގެން ހޯދަމުންދާ ދިވެހި ދަރިއަކީ މިފަސްގަނޑަށް އުފަން ދަރިއަކަށްވާއިރު ސަރުކާރުން މިކަމަށްދޭ އަހަމިއްޔަތުކަން ކުޑަކަން ވަނީ ފާހަގަކޮށް ހިތް ހަމަނުޖެހުން ފާޅުކޮށްފައެވެ.
އެހެންކަމުން ރިލްވާން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ކުޑަ ކޮމިޓީއެއް ނަގައި މިކޮމިޓީން ކޮންމެ ވަގުތެއްގައިވެސް ރިލްވާންގެ އާއިލާއާއި އެކު ތިބުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ރިލްވާން ހޯދުމަށް ކަމާބެހޭ މުއައްސަސާތަކަށް ބާރު އެޅުމުގެ ގޮތުން އާންމުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނަށް މާދަމާ 9:00 ގައި ހުށަހެޅުމަށް ނިންމާފައިވާއިރު މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ބައިވެރިވާ ގޮތަށްވެސް ވަނީ ނިންމާފައެވެ.
ރިލްވާން ފެންނަންދެން މެދު ކެނޑުމެއް ނެތި މަސައްކަތް ކުރާނެ ކަމަށް އާއިލާއިން ބުނެފައިވާއިރު މިރޭގެ ބައްދަލުވުން ނިންމާލިއިރު ވަރަށް ގިނަ ޢަދަދެއްގެ މީހުން ވަނީ ރިލްވާން މަންމައާއި ބައްދަލުކޮށް ހިތްވަރުގެ ބަސްތައް ރައްދުކޮށްފައެވެ.