September 25, 2014
މިނިވަން ނިއުސް އަށް އިންޒާރުތަކެއް ދިނުމަށް ފަހު ސީސީޓީވީ ހަލާލުކޮށްލައި އެ އޮފީސް ހިންގާ އިމާރާތަށް ވަންނަ ހުނަން ދޮރަށް ކަތިވަޅި ޖެހި މައްސަލަ، އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަމާއި ބެހޭ އިދާރާތަކަށް މިއަދު ގޮވާލައިފި އެވެ.
އެމްޖޭ އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ނޫސްވެރިކަން ކުރަމުން އަންނަ މިނިވަން ނިއުސްގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައި، އެ ނޫސް ހިންގާ އިމާރާތުގެ ބައެއްގެ ދޮރަށް ކަތިވަޅިއެއް ޖަހައިފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ ނޫސްވެރިންނަށް ބިރުދެއްކުމުގެ އަމަލެއްކަމުގައި ވެސް އެމްޖޭއޭ އިން ބުންޏެވެ.
“މިނިވަން ނޫހަކީ ވެސް ރާއްޖޭގައި ނޫސް މަޖައްލާގެ ދަފްތަރުގައި ރަޖިސްޓަރީކޮށްގެން ނެރޭ ނޫހެއްގެ އިތުރުން، ނޫހަކުން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، ހިތްހަމަ ނުޖެހުމަކީ އެ ނޫހެއްގައި މަސައްކަތް ކުރާ ނޫސްވެރިންނާއި އެ ނޫހެއް ހިންގާ އިމާރާތަށާއި ތަކެއްޗަށް ގެއްލުން ދޭން ޖެހޭ ކަމެއް ނޫނެވެ،” ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނިގޮތުގައި ނޫހެއްގައި ފާޅުކުރާ ޚިޔާލަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެކަމަކާ ގުޅޭ ގޮތުން މައްސަލަ ޖެއްސުމަށްޓަކައި ކަމާއި ބެހޭ އިދާރާތައް ވަނީ ގާއިމުކޮށްފަ އެވެ.
މިނިވަން ނިއުސް އަށް މިއަދު ހަމަލާދިނީ، ގެއްލިފައިވާ އެ ނޫހުގެ ރިޕޯޓަރު އަހްމަދު ރިލުވާނާ ގުޅޭ ގޮތުން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް އިން ނެރުނު ތަހުގީގީ ރިޕޯޓުގައި ތުހުމަތުތަކެއް ކޮށްފައިވާ މީހުންގެ ތެރެއިން މީހެކެވެ. އޭނާ މިނިވަން ނިއުސްގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލާފައި ދިޔަ ފަހުން، އިމާރާތަށް ވަންނަން ހުންނަ ދޮރަށް ކަތިވަޅި ޖެހީ ސައިކަލެއްގައި އައި ދެ މީހަކު ކަމަށް މިނިވަން ނިއުސް އިން ބުންޏެވެ.