September 25, 2014
މިނިވަން ނިއުސްގެ އޮފީހުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައި، އެ އިމާރާތަށް ވަންނަން ހުންނަ ދޮރަށް މިއަދު ކަތިވަޅިއެއް ޖަހައިފި އެވެ.
މިނިވަން ނިއުސްގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވީ ސޯޝަލް މީޑިއާ އިން އިންޒާރުތަކެއް ދިނުމަށް ފަހު އެ އޮފީހުގެ ސީސީޓީވީ މިއަދު ހަލާލުކޮށްލީ، މާލޭގެ މަޝްހޫރު ގޭންގެއްގެ ލީޑަރު ކަމަށެވެ. އެއީ މިނިވަން ނޫހުގެ ގެއްލިފައިވާ ރިޕޯޓަރު އަހްމަދު ރިލުވާނާ ގުޅޭ ގޮތުން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ނެރުނު ތަހުގީގީ ރިޕޯޓުގައި ތުހުމަތުތަކެއް ކޮށްފައިވާ މީހުންގެ ތެރެއިން މީހެކެވެ. އޭނާ ސީސީޓީވީ ކެމެރާ ހަލާކުކޮށްލާފައި ދިޔަ ފަހުން، ސައިކަލެއްގައި އައި ދެ މީހަކު، މިނިވަން ނިއުސް ހުންނަ އިމާރާތަށް ވަންނަން ހުންނަ ދޮރަށް ކަތިވަޅި ޖަހާފައި ދިޔައީ ކަމަށް ވެސް ޒަހީނާ ވިދާޅުވި އެވެ.
“….. އައިސް ސީސީޓިވީ ]ކެމެރާ[ ފުނޑާލާފައި ދިޔަ ފަހުން ދެ މީހަކު އައިސް ދޮރަށް ކަތިވަޅި ޖެހީ. އަޅުގަނޑުމެންގެ އަތުގައި ހެކި ވެސް އެބަހުރި،” އޭނާ ވިދާޅުވި އެވެ.
ޒަހީނާ ވިދާޅުވީ މިނިވަން ނިއުސް އަށް ބިރުދެއްކުމުގެ ގޮތުން ގޭންގަކުން ހިންގި އެ އަމަލު ކުށްވެރިކުރާ ކަމަށެވެ. ބިރު ދައްކައި މާރާމާރީ ހިންގުމަކީ ކުށަކަށްވާއިރު ފުލުހުން އެ މައްސަލަ ބަލައި ވީހާ ވެސް އަވަހަށް ފިޔަވަޅު އެޅުމަށް އޭނާ ގޮވާލެއްވި އެވެ.
“މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިން. މިކަން ކުރީ ކޮން ބައެއްކަން އެބަ އެނގޭ. ވަގުތުން ފިޔަވަޅު އަޅަންޖެހޭ. މިގޮތަށް ހިންގާ ކަންކަމުގައި ފިޔަވަޅު ނޭޅި ދިއުމަކީ މިހާރު ވެސް ކަންބޮޑުވާ ކަމެއް،” ޒަހީނާ ވިދާޅުވި އެވެ.
މިނިވަން ނިއުސްގެ އޮފީހަށް ގޭންގަކުން ހަމަލާދީފައިވާ އިރު، އެތަނުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމާ ގުޅޭ ގޮތުން މޯލްޑިވިއަން ޑިމޮރެސީ ނެޓްވޯކުން ބޭރުގެ އިންވެސްޓިގޭޓަރަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި، ރިލްވާން ގެއްލުމުގައި ގޭންގަކާ ގުޅުން އޮވެދާނެ ކަމަށް ބުނެފައިވެ އެވެ.