September 1, 2014
ގެއްލިގެން ހޯދަމުންދާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން: އިންސާފު ހޯދަން ތެދުވުމަށް ރިލްވާންގެ އާއިލާ އިން ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައި –ހަވީރު ފައިލް ފޮޓޯ
އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް ތެދުވުމަށް، ގެއްލިފައިވާ އަހުމަދު ރިލްވާންގެ އާއިލާ އިން ގޮވާލައި އެކަމާ ބެހޭ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ މީޑިއާތަކަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ ކޯޓުތަކާއި ފުލުހުންނަކީ އެންމެނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިންސާފު ގާއިމްކުރަން ތިބޭ ފަރާތްތައް ކަމަށާއި އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި އެންމެން ވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
އެހެންވެ އަނިޔާގެ ޝިކާރައަކަށް ވެ، މަރުވެފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ފަށާ މަސައްކަތުގައި ބައިވެރިވާން އެދޭ މައިންބަފައިންގެ ފުރަތަމަ ބައްދަލުވުން އަންނަ ބުދަ ދުވަހުގެ ރޭ މާލޭ ސިޓީ ހޯލްގައި އޮންނާނެ ކަމަށް އެ ސިޓީގައިވެ އެވެ. އަދި އެ ބައްދަލުވުމުގައި އެންމެން އެކުގައި ބައިވެރިވުމަށް ރިލްވާންގެ މަންމަ އެދިފައިވެ އެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އެންމެ ފަހުން ރިލްވާން ފެނިފައި ވަނީ ހުޅުމާލެ އަށް ދިއުމަށްޓަކައި ފެރީ ޓާމިނަލް ތެރޭގައި އުޅެނިކޮށެވެ. އޭގެ ފަހުން މިއަދާ ހަމައަށް ރިލްވާނަށް ވީނުވީއެއް ނޭނގި 24 ދުވަސްވެފައިވާއިރު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.