September 1, 2014
ރިލްވާންގެ މަންމަ އާމިނަތު އީސ (މ) މައިންނަށް އަމާޒުކޮށް ސިޓީއެއް އާންމު ކުރި — ފޮޓޯ: ވީނިއުސް
ރާއްޖޭގައި މާރާމާރީ ހިންގާ މީހުން މަރާ، މީހުން “ގެއްލުވާލަން” ފަށާފައިވާ ކަމަށާއި، އެފަދަ ހާދިސާތަކުގައި އިންސާފު ނުލިބިތިބި މަންމައިންނާއި އާއިލާތައް ތެދުވެ އިންސާފު ހޯދަން މަސައްކަތް ކުރަން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ އެދޭ ސިޓީއެއް އެ އާއިލާގެ ފަރާތުން އާންމުކޮށްފި އެވެ.
ރިލްވާންގެ މަންމަ އާމިނަތު އީސާގެ ސިޓީގައި ބުނަނީ އޭނާގެ ދަރިފުޅު، ރިލްވާން ގެއްލުނު ފަހުންވީ 24 ދުވަހުގެ ތެރޭ އޭނާއަށް އެނގުނުހާވެސް އެއްޗަކީ ރެއެއްގެ މެންދަމު ބަޔަކު މީހުން ގަދަކަމުން އޭނާގެ ދަރިފުޅު ކާރަކަށް އަރުވައިގެން ގެންދިޔަކަމުގެ މައުލޫމާތާއި ވެއްޓިފައިއޮތް ވަޅިއެއް އެތަނުން ފެނުމާއި ކޮންމެވެސް ބަޔަކާ ސުވާލު ކުރިކަމުގެ މައުލޫމާތު އެކަނި ކަމަށެވެ.
އަދި ބުނެފައި ވަނީ އިންސާފު ހޯދުމަށްޓަކައި ހުރިހާ މަންމައިން އެކުގައި ތެދުވަން އެދޭ ކަމަށާއި މިއަދު އޭނާގެ ދަރިފުޅު ގެއްލިފައިވާއިރު މާދަމާ ގެއްލޭނީ ކާކުގެ ދަރިއެއްކަމެއް ނޭނގޭ ކަމަށެވެ. އަދި “އަހަރުމެންނާއި އަހަރުމެންގެ ދަރިންނަށް ރައްކާތެރިކަންދޭން ތިބި ބަޔަކީ ދިވެހި ފުލުހުން” ކަމަށާއި ލިބޭ އަނިޔާއާއި ބޭއިންސާފުގައި އަހަރުމެން އިންސާފު ހޯދަންދާންޖެހެނީ ފަނޑިޔާރުގެތަކަށް ކަމަށެވެ.
ރިލްވާން ފަދައިން ގެއްލިފައިވާ އަދި އަނިޔާގެ ޝިކާރައަކަށްވެ، ދުނިޔެ ދޫކޮށް ގޮސްފައިވާ ކުދިންނާއި މީހުންނަށް އިންސާފު ހޯދުމަށް މާދަމާ ރޭ 9:00 ޖަހާއިރު މާލެ ސިޓީ ހޯލަށް ދިއުމަށް ވެސް ރިލްވާންގެ މަންމަގެ ސިޓީގައި ދައުވަތެއް ދީފައިވާއިރު އޭނާގެ ދަރިފުޅުގެ ހަނދާންތައް އާކޮށް ލިޔެ އެވެ:
“އަހަރެންގެ ދަރިފުޅު ރިލުވާނަކީ ދީނަށް ސަމާލުކަންކަން ދޭކުއްޖެކެވެ. ނަމާދުކޮށް، ރޯދަހިފާ، ޤުރުއާން ކިޔަވާ ދީނީ މަޢުލޫމާތު ހޯދާ ދުނިޔެވީ ކަންކަމާމެދު ސުވާލުކޮށް ޢާޚިރަތު ހަދުމަކުރާ ވެސް ކުއްޖެކެވެ. ހިތްހެޔޮ ރަނގަޅު މިޒާޖެއްގެ ކުއްޖެކެވެ. އާއިލާގެ އެންމެނާ ރަގަޅު ގުޅުމެއްބާއްވާ ބޭބެއެކެވެ. ބައްޕައާއެކު މަސައްކަތްތަކުގަ ބައިވެރިވާ ދަރިއެކެވެ. ކުޑަކުދިންނަށް އުފާގެނެސްދޭ ބޮޑުބޭބެއެކެވެ. މަންމައަށް އެހީތެރިކަން ފޯރުކޮށްދޭ އަހަރެންގެ ލޯބިވާ ދަރިއެކެވެ.”