September 25, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވީނުވީއެއް ނޭނގިގެން ހޯދަމުން ދާއިރު އެކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ބައެއް ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ރިލްވާން ނުފެނި ގިނަ ދުވަސް ވާތީ އާއި ރިލްވާން ހޯދަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށާއި އެކަމާ ބެހޭ މައުލޫމާތެއް ވެސް އާންމު ނުކުރާ ކަމަށް ބުނެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެ ފާޑުކިޔުންތަކުގެ ތެރެއިން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާކް (އެމްޑީއެން) އިން ނެރުނު “ތަހުގީގު ރިޕޯޓް” ވެފައި ވަނީ އަނެއް މައްސަލަށެވެ. އިތުރު ބަހުސަކަށް އެކަމުން ދޮރު ހުޅުވިއްޖެ އެވެ.
ޖިނާއީ ތަހުގީގު ކުރުމުގެ ބާރު ގާނޫނުތަކުން ދީފައިވާ މުއައްސަސާތަކެއް އެބަހުއްޓެވެ. އެއީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނެވެ. ނަމަވެސް ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ދީފައި އޮތުމަކީ އެމްއެންޑީއެން އަދި އެހެން ބަޔަކަށް ވެސް ތަހުގީގު ކުރެވިދާނެ ކަމަށް ގާނޫނީ ބޭފުޅުން ދައްކަވާ ހުއްޖަތެކެވެ. ނަމަވެސް ތަހުގީގެއް ހިންގާއިރު ކުރަންޖެހޭ ވަރަށް ގިނަ ކަންކަމަކީ ފަރުދުންގެ ޒާތާ ގުޅުން ހުރި ކަންކަމަށް ވާއިރު ފަރުދީ މިނިވަންކަން ގާނޫނީ ގޮތުން ހިމާޔަތްވާ ހިސާބެއް ވެސް އެބަ އޮތެވެ.
“އަމިއްލަ ބަޔަކަށް ވެސް ތަހުގީގެއް ކުރެވިދާނެ. އެކަމަކު އެމްޑީއެން އިން ބޭރު މީހަކު ލައްވާ އެ ކުރި ފަދަ ތަހުގީގެއްގައި ފަރުދުންގެ ޒާތީ ވަރަށް ގިނަ ކަންކަން ހިމެނޭ. މީހުން ފޯނުން ކޮށްފައިވާ މުއާމަލާތްތަކާއި ކުށުގެ ތުހުމަތުކޮށް އެ މީސްމީހުންގެ ނަމާއި ފޮޓޯ އާންމުކުރުން ފަދަ ކަންކަން ހިމެނޭ. އަނެއްކާ ތުހުމަތުކޮށްފައިވާ ބައެއް މީހުން ފޯނުކޮށް މެސެޖުކުރި ކަމަށް ބުނާ މީސްމީހުންގެ ވާހަކަ އެބަހުރި. އެއީ ކޯޓު އަމުރެއްގެ ދަށުން ނޫނީ ފުލުހުންނަށް ވެސް ހޯދުން މަނާ މައުލޫމާތަށް ވާއިރު އެއީ ކިހިނެއް ހޯދި މައުލޫމާތެއްތޯ ވެސް ސުވާލު އުފެދޭ،” ދައުލަތުގެ ކުރީގެ ވަކީލަކު ވިދާޅުވި އެވެ.
އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެމްޑީއެންގެ ތަހުގީގު ރިޕޯޓްގައި ފުލުހުންނަށް ނޭނގޭ މުހިންމު އެއްވެސް މައުލޫމާތެއް ނެތެވެ. އެހެންވެ މިއީ ފުލުސް އޮފީސް ތެރެއިން ލިބިފައިވާ މައުލޫމާތަށް ވެދާނެ ކަމަށް ބެލެވެ އެވެ. އެހެންވެ ވެއްޖެ ނަމަ މިއީ ވެސް ބޮޑު މައްސަލައަކަށް ވެދާނެ އެވެ.
އޭނާ ވިދާޅުވީ ޑިމޮކްރަސީއެއްގައި ފަރުދުންގެ ޒާތީ މިނިވަންކަމަށް ވަރަށް ބޮޑަށް އިސްކަން ދޭއިރު ޑިމޮކްރަސީއަށް ވަކާލާތުކުރާ ބަޔަކު ބައެއްގެ ޒާތީ މައުލޫމާތު އެގޮތަށް އާންމުކުރުމުން ނިޔަތާ މެދު ސުވާލު އުފެއްދުމަށް ޖާގަ އެބަ އޮތް ކަމަށެވެ. އަދި ޣައިރު ގާނޫނީ ގޮތަކަށް ހޯދާފައިވާ އެއްވެސް ހެއްކެއް ރާއްޖޭގެ ޝަރީއަތްތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެ އެވެ. އެހެންވެ އަމިއްލަ ބަޔަކު ހިންގާ ޖިނާއީ ތަހުގީގެއް ކޯޓު މަރުހަލާގައި ބޭނުންކުރެވުމަކީ ނާދިރު ކަމެކެވެ.
“އެ ކުރި ތަހުގީގެއްގެ ނަތީޖާ ނުވަތަ އެނގުނު ކަމެއް ފުލުހުންނާ ވެސް ހިއްސާކުރެވިދާނެ. އެ ފަދަ ރިޕޯޓެއް އާންމުންނާ ހަމަޔަށް އަންނައިރު މީހުންގެ ޒާތީ މައުލޫމާތު އުނިކޮށްފައި ހުރި ނަމަ ވަރަށް ރަނގަޅުވީސް. އޭރުން މިއީ ފުލުހުން އެ ބުނާ ފަދައިން ސިޔާސީ ނިޔަތެއްގައި ކުރި ކަމެކޭ ބުނަން ފުރުސަތެއް ވެސް ނޯންނާނެ،” ވަކީލް ވިދާޅުވި އެވެ.
ފުލުހުން ވަނީ އެމްޑީއެންގެ ރިޕޯޓަކީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ވަކި ބައެއްގެ އަގު ވައްޓާލަން ކޮށްފައިވާ މަސައްކަތެއް ކަމަށް ތުހުމަތުކޮށް އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެއީ ފުލުހުންނަށް އެހީވާން ކުރި މަސައްކަތެއް ނޫން ކަމަށް ބުނެފައިވެ އެވެ.
މިކަމާ ހިޔާލު ތަފާތުވާ ވަކީލަކު ވިދާޅުވީ މައްސަލައަކާ މެދު ކަންބޮޑުވާ ބަޔަކު އަމިއްލަ އަށް އެ ކަމެއްގެ ހަގީގަތް ހޯދަން މަސައްކަތް ކުރުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
“އެންމެ ބޮޑަށް ސުވާލު މި އުފައްދަނީ ކުށެއް ކުރިކަން ސާބިތުނުވާ ބައެއްގެ ޒާތީ މައުލޫމާތު އާންމުކުރުމާ މެދު. މިގޮތަށް ވިސްނާ ނަމަ ފުލުހުން ވެސް އެބަ އާންމުކުރޭ ތުހުމަކުރެވޭ މީސްމީހުންގެ މައުލޫމާތު. އަނެއްކާ ބައެއް މީހުންގެ މައުލޫމާތު އާންމުކުރުމަށް ފަހު އަނެއް ބައެއްގެ މައުލޫމާތު އާންމެއް ނުކުރޭ. މިއީ ވެސް ސުވާލު އުފެދޭ ގޮތަށް ކުރާ ކަމެއް،” ވަކީލް ވިދާޅުވި އެވެ.
މިއީ ފުލުހުން ކުރިން އަމަލުކުރަމުން ދިޔަ ގޮތެއް ނަމަވެސް މީގެ ދުވަސްތަކެއް ކުރިން ސުރެ ފުލުހުން، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތު އާންމުކުރަނީ އެ މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ ހިސާބުންނެވެ.
“މީގަ އަނެއްކޮޅު ވެސް އެބަ އޮތް. ފުލުހުން ކުރާތީއޭ ނުވަތަ އެހެން ބަޔަކު ކުރާތީއޭ ކިޔައިފަ އެހެން ބަޔަކު މީހުންގެ ޒާތަށް އަރައިގަނެގެން ވެސް ނުވާނެ،” އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަގީގަތަކީ ރާއްޖޭގައި އެއްވެސް ބަޔަކު ޒާތީ މައުލޫމާތަށް ހުރުމަތްތެރިކޮށް ނުހިތާކަން ކަމަށެވެ. މީހުންގެ އައިޑީކާޑް ނަންބަރާއި ފޯނު ނަންބަރާއި އެޑްރެސް ފަދަ ބައިވަރު މައުލޫމާތު ހުންނަނީ ހާމަޔަށް ކަމަށާއި އެކަންކަން ބޮޑު ކަމަކަށް ވެގެން ނޫޅޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
“އެކަމަކު މިއީ އެމްޑީއެންގެ ރިޕޯޓްގައި ހުރި މައުލޫމާތާ ގުޅިގެން ދައުވާ ނުކުރެވޭނެ ސަބަބެއް ވެސް ނޫން. މީގައި ބަހުސް ކުރެވިދާނެ،” ވަކީލް ވިދާޅުވި އެވެ.
ސަރުކާރުގެ އެކި އިދާރާތަކުން އާންމުކުރާ ލިޔެކިޔުންތަކުގައި މީހުންގެ އައިޑީ ކާޑް ނަންބަރާއި އެޑްރެހާއި ތައުލީމީ ފެންވަރު ފަދަ މައުލޫމާތު ވެސް އެއްވެސް ހަމައެއް ނެތި ހާމަކޮށްފައި ހުންނަ މައްސަލަ ގިނަ ބަޔަކު ފާހަގަކުރެ އެވެ. ގާނޫނީ ބޭފުޅުން ވެސް މިކަން ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެ އެވެ. އެކަމަކު ސުވާލަކަށް ވަނީ ޒާތީ މައުލޫމާތު ހިމާޔަތްކުރުމާ ބެހޭ ގާނޫނެއް ނެތް މައްސަލަ އެވެ.
“ޒާތީ އަދި ފަރުދީ މިނިވަންކަން ގާނޫނު އަސާސީން އެބަ ދޭ. އެކަންކަމާ މެދު ދެން އެހެން ގޮތަކަށް މާނަކުރެވޭނީ ގާނޫނެއް އޮވެގެން. ޒާތީ މިނިވަންކަމަށް އަރައިގަތުމުން ބަދަލު ހޯދަން ކުރެވޭނީ ކޮން ކަމެއް ކަމެއް ވެސް އެނގޭކަށް ނެތް. އެހެންވީމަ މިކަމުގައި ސުވާލު އުފެދޭނެ ކަންކަން ވަރަށް ގިނަ. ވާހަކަ ދައްކަން ދަތި،” މި މައްސަލާގައި މިހާރު އޮތް ގާނޫނީ އިމުގެ ތެރޭގައި ހުރީ ހުސް ސުވާލު ކަމަށް ވިދާޅުވެ ވާހަކަ ކުރުކޮށްލެއްވި ގާނޫނީ ބޭފުޅަކު ވިދާޅުވި އެވެ.
މީހަކާ މެދު އެހެން މީހަކަށް ކިތަންމެ ބޮޑު ތުހުމަތެއް ވެސް ކުރެވިދާނެ އެވެ. އެކަމަކު އެކަން ސާބިތު ނުކުރެވި ހަމަ އެކަނި ބެލެވޭ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކާ މެދު އަނެކާ ވާހަކަ ދެއްކުމަކީ އެކަކު ވެސް ރުހޭނެ ކަމެއް ނޫނެވެ.