#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިޟްވާން ގެއްލުނުމައްސަލައާ، ހުޅުމާލެއިން މީހަކު ރަހީނުކުރި މައްސަލައާ، ގުދަން އަންދާލި މައްސަލައާ ގުޅުމެއްނެތް: ފުލުހުން

ރިޟްވާން ގެއްލުނުރޭ އޭނާ ދިރިއުޅޭ ފްލެޓްކައިރިން މީހަކު ރަހީނުކޮށްގެން ގެންދަނިކޮށް ބަޔަކަށް ފެނިގެން ރިޕޯޓު ކުރި މައްސަލައާ، ރިޟްވާނު ގެއްލިފައިވާކަން ފުލުހުން ހާމަކޮށްފައިވަނިކޮށް ހުޅުމާލޭ ގުދަނެއްގައި އިލިފާންރޯވި ހާދިސާއާއި، ރިޟްވާން ގެއްލުނު މައްސަލައާއި ގުޅުމެއް ނެތްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ، “ރިޟްވާން ޢަބްދުﷲ ވީނުވީތަނެއް ނޭނގި ގެއްލުނު ޙާދިސާ އާއި 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އޭނާ ދިރިއުޅުނު ފްލެޓް ސަރަޙައްދުގައި ހިނގައިދިޔަ ޙާދިސާއާ ގުޅުންހުރިކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުންގެ ތަޙުޤީޤަށް ލިބިފައެއް ނުވޭ. މީގެ އިތުރުން 2014 އޮގަސްޓް 15 ވަނަދުވަހު ހުޅުމާލޭގައި ހިނގި އަލިފާނުގެ ޙާދިސާއާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުނު ޙާދިސާއާ ގުޅުމެއް ނެތްކަން ތަޙުޤީޤަށް މިހާތަނަށް ލިބުނު މަޢުލޫމާތުން ވަނީ އެނގިފައި،” ކަމަށެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ރިޟްވާނު ގެއްލުނު ރޭގައި އޭނާ ދިރިއުޅޭ އެޕާޓުމަންޓުކައިރިން މީހަކު ރަހީނުކޮށް ކާރަކަށް ލައިގެން ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ދިރިިއުޅޭ މީހުންނަށް ފެނިގެން ރިޕޯޓުކޮށްފައިވެއެވެ. އެރޭ އެ ސަރަހައްދަށް ވެއްޓިފައި އޮތް ވަޅިއެއް ފުލުހުންގެންދިޔަ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި ހުޅުމާލޭގައި އަލިފާން ހިފި ގުދަނުގައި ބަޔަކު ރޯކޮށްލީ ކަމަށް ވެސް މީޑިއާތަކުގައި ރިޕޯޓުކުރިއެވެ.

މިހާތަނަށް ހޯދުނު މަޢުލޫމާތަށް ބަލާއިރު އޮގަސްޓް 7 ވަނަ ދުވަހުގެރޭގެ 00:00 މިނިޓުގެ ފަހުން ރިޟުވާން ހުޅުމާލެއިން އެއްވެސް މީހަކަށް ފެނި އެއްވެސް މީހަކާ މުޢާމަލާތް ކުރިކަން މިހާތަނަށް ކަށަވަރުކޮށްދެވިފައެއް ނުވާކަމަށްވެސް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް އެރޭ 00:55 ހާއިރު އޭނާ ހުޅުމާލެ، މާލޭ ފެރީ ޓާމިނަލަށް ވަތްތަން މިހާތަނަށް ދިރާސާކުރި ސީސީޓީވީ ފުޓޭޖުން ފެނިފައި ވާކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އޭގެފަހުން މާލެއިން ހުޅުމާލެއަށް ދަތުރުކުރި ފެރީއަކުން ރިޟްވާނާ ވާހަކަދެއްކިކަމުގެ މަޢުލޫމާތު އަމިއްލަ ފަރާތަކުން ފުލުހުންނަށް ދީފައިވާކަމަށް ވެސް ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ރިޟުވާން ޢަބްދުﷲ ހޯދުމަށް މިހާތަނަށް 79 ތަނަކުން 157 ކެމެރާއިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް އެތަކެތި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރެއެވެ. އަދި ހުޅުމާލޭ ކައިރި ސަރަހައްދުތަކުގެ 521 މިނިޓްގެ ޑައިވް ކުރެވިފައިވެއެވެ. މިޑައިވްތަކާއި ފީނުންތަކުގައި ޖުމްލަ 267197.5 އަކަމީޓަރުގެ މޫދުގެ ސަރަހައްދެއް ވަނީ ބެލިފައިވާކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައާ ގުޅިގެން 84 އުޅަނދެއްމިހާތަނަށް ވަނީ ބަލައި ފާސްކުރެވިފައިވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މިމައްސަލާގައި މިހާތަނަށް މާލެއިން 9 ގެއެއް ބަލައި ފާސްކުރެވިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. ހުޅުމާލޭގެ ގޭގެއާއި ގުދަންތަކާއި ގަރާޖްތައް ހިމެނޭގޮތުން 139 އަށް ވުރެ ގިނަ ތަން ބަލައި ފާސްކުރެވިފައިވާކަމަށްވެސް ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ. ހަމައެއާއެކު މިމައްސަލައާ ގުޅިގެން ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކާއި ގޭގެ މިހާރުވެސް ބަލައި ފާސްކުރެވެމުންއަންނަކަމަށް ފުލުހުން ބުނެއެވެ. ރިޟްވާން ޢަބްދުﷲ ހޯދުމަށް ކުރެވޭ ތަޙުޤީޤުގެ މަސައްކަތުގައި މިހާތަނަށް 128 މީހުންނާ ސުވާލުކޮށް ބަޔާން ނެގިފައިވާއިރު 387 މީހަކާ ސުވާލުކޮށް މަޢުލޫމާތު ނެގިފައިވާކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.. އަދި ހުޅުމާލޭގައި މީހުން ދިރިއުޅޭ 77 އެޕަޓްމަންޓަކުން 192 މީހުންނާ ސުވާލުކުރެވި މަޢުލޫމާތު އެއްކުރެވިފައި ވާކަމަށް ފުލުހުންގެ ވެބްސައިޓުގައި މިއަދު ޢަންމުކުރި މައުލޫމާތުގައި ބުނެފައިވެއެވެ.