#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިޟްވާނަށް ވީކިހިނެއް؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ (މޮޔަމީހާ) ގެއްލިގެން ހޯދާތާ މިހާރު މިވަނީ މަސްދުވަސް ހަމަވެފައެވެ. ވީނުވީ އެއް ނޭންގި ރިޟްވާން ގެއްލުމަކީ އެތައް ބަޔަކަށް ފުން ހިތާމައާއި ކަންބޮޑުވުން ލިބިފައި ވާކަމެކެވެ. އަދި ހާއްސަކޮށް ރިޟްވާން ނުފެނި ގިނަ ދުވަސް ވަމުން ދިއުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އެކަމާއި ނިހާޔަތައް ދެރަވާ ކަމެކެވެ. އަޅުގަނޑުމެން އެންމެންގެ ހެޔޮދުޢާ ވަނީ ރިޟްވާނާއި އެކުއެވެ. އޭނާ ސަލާމަތުން ހުރެ ފެނުމަށް އެދި އަޅުގަނޑުމެން އެންމެން ދުޢާ ކުރަމެވެ.

ކޮންމެއަކަސް ރިޟްވާނަށް ވެގެން އުޅެނީ ކިހިނެއްތޯ އޭނާގެ އާއިލާ އަށް ވެސް ބަލާލެވޭ ވަރުވީ އޭނާގެ ޚަބަރެއް ނުވެ ހަފްތާއެއް ވީފަހުންނެވެ. އެކަމަކު މިހާރު ދެން އެއީ ކޮންމެހެން ދެއްކުން މުހިންމު ވާހަކައެއް ނޫންކަމަށް ވެދާނެއެވެ.

މިހާރު މުހިންމު ވެގެން މިއުޅެނީ ރިޟްވާން ހޯދަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތެވެ. ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރިޟްވާން ހޯދުމުގެ މަސައްކަތަކީ ފުލުހުން މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް އޮޕަރޭޝަންކަން ޔަގީން ވެއެވެ. ރިޟްވާން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސުވާލުކުރި މީހުންގެ އަދަދާއި ބަޔާންނެގި މީހުންގެ އަދަދުން އެކަން އެނގެއެވެ. މުޅި ހުޅުމާލެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. މޫދުގެ ބޮޑު ސަރަހައްދެއް ބަލައިފިއެވެ. ގެތަކާއި ގުދަންތަކާއި ފަޅު އޮޑިފަހަރު ބަލައިފިއެވެ. ނަމަވެސް އަޅުގަނޑުމެންގެ ހިތުގައި އުފެދިފައިވާ އެއްވެސް ސުވާލަކަށް އަދި ޖަވާބެއް ނުލިބެއެވެ.

ބަޔަކު ރިޟްވާން ވަގަށްނެތީތަ؟

ރިޟްވާން ހޯދުމަށް ފުލުހުން ކުރާ މަސައްކަތް ވެސް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ބަޔަކު ރިޟްވާން ވަގަށް ނެގީ ކަމަށް ލަފާކޮށްގެން ކަމަށް ބެލެވެއެވެ. އެއީ ފުލުހުން ބަލައި ފާސްކުރަމުންދާ ތަންތަނަށް ބަލާއިރު އެތަންތަން ބަލައި ފާސްކުރާނީ އެއިން ކޮންމެވެސް ތަނެއްގައި ރިޟްވާން ރަހީނު ކޮށްފައި ހުރި ކަމަށް ލަފާ ކުރެވިގެން ކަމަށްވާތީއެވެ.

ބަޔަކު ރިޟްވާން ވަގަށް ނެގީ ކަމަށް ބުނާ ބަހަށް ބާރު ލިބެނީ ރިޟްވާން ގެއްލުނު ކަމަށްބުނާރޭ ރިޟްވާން ދިރިއުޅޭ އެޕާޓްމަންޓް ކައިރިން މީހަކު ގަދަކަމުން ރަތް ކާރަކަށް އެރުވި ކަމަށް މީހަކު ބުނާތީއެވެ.

ރަތް ކާރާއި ރިޟްވާން

ރިޟްވާން ގެއްލުނުރޭ ރިޟްވާން ދިރިއުޅޭ އެޕާޓްމަންޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އެރުވިކަމަށް ބުނާ ރިޕޯޓެއް އެބައުޅެއެވެ. އެބުނާ ރަތް ކާރު ކަމަށް ބުނެ ކާރެއްގެ ފޮޓޯ އެއްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. އެކާރާކީ ޙަޤީޤަތުގައި ވެސް މީހަކު ގަދަކަމުން އެރުވި ދާނެ ކާރެއްތޯ ވިސްނާލަން ޖެހެއެވެ.

ކާރަށް ގަދަކަމުން އެރުވީ ރިޟްވާން ކަމަށް ބަލައިގެން ވާހަކަ ދައްކާނަމަ ޖަވާބު ނުލިބޭ ސުވާލުތައް އެބަހުއްޓެވެ.

އެކާރަކީ ދެދޮރުފަތްލީ ކާރެކެވެ. ކާރަށް ގަދަކަމުން މީހަކު އެރުވީ އެންމެ މީހަކު ވެގެން ކަމަށް އެމަންޒަރު ފެނުނު ކަމަށް ބުނާ މީހާ ބުނެއެވެ. އެހެންކަމަށްވާނަމަ އެމީހަކު ގަދަ ކަމުން ކާރަށް އަރުވާފައި ވާނީ ކާރުގެ ވާތް ފަރާތު ދޮރުންނެވެ. އެއަށްފަހު ކާރު ވަށާލާފައި އެނާ ގޮސް ޑްރައިވަރު އިންނަ ފަރާތައް އަރަންޖެހޭނެ އެވެ. ކާރު ވަށާލާފައި ގޮސް އޭނާ ޑްރައިވަރު ގެ ގޮނޑިއަށް އަރަން ހޭދަވާނެ ވަގުތަކީ ކާރަށް ގަދަކަމުން އެރުވި މީހާއަށް ސަލާމަތްވެވިގެން ދެވޭނެހާ ވަގުތެވެ.

އަނެއްކޮޅުން އެމީހަކީ ރިޟްވާން ކަމަށްވާނަމަ އެންމެ މީހެއްގެ އަތްދަށުން ސަލާމަތްވެގެން ރިޟްވާނަށް ނުދެވުނީ ކީއްވެތޯ މިއީ ވެސް އުފެދޭ ސުވާލެވެ. ރިޟްވާނަކީ ހަށިހެޔޮ ޒުވާނެކެވެ. މީހެއްގެ އަތުގައި ވަޅިއެއް އޮވެގެން ފަސްޖެހި ބިރު ގަންނަ ވަރަށް ވުރެ ރިޟްވާން އަކީ ބަސްމަގު ވަރުގަދަ ޒުވާނެކެވެ.

ކާރަށް ގަދަކަމުން އެރުވި މީހަކީ ރިޟްވާން ކަމަށްވެދާނެ ކަމަށް ބަލައި ފުލުހުން ވެސް ދަނީ ތަޙްޤީޤު ކުރަމުންނެވެ. ދެކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު ކާރުން ނެގި ސާމްޕަލްތައް ރާއްޖޭން ބޭރަށް ފޮނުވުމަށް ފުލުހުން ވަނީ ނިންމާފައެވެ.

ގަދަކަމުން ކާރަށް އެރުވީ ރިޟްވާންތޯ ކުރެވޭ ސުވާލަށް އެކަށީގެންވާ ޖަވާބެއް ދެވޭނީ ފުލުހުންގެ ތަޙްޤީޤަށް އިތުރު ކުރިއެރުންތަކެއް ލިބިގެންނެވެ.

ރިޟްވާން ވަގަށްނެގުމުގެ ފުރުސަތު އޮތީ ކިހާވަރަކަށް؟

ރިޟްވާން ވަގަށްނަގައިގެން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އެފަދަ މީހުންގެ ތުހުމަތުގެ އިނގިލި ދިއްކުރަނީ ދީނީ ގޮތުން ހަރުކަށި ހިޔާލުގެ މީހުންނަށެވެ. ރިޟްވާން އިސްލާމް ދީނާއި ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ހަރުކަށި ހިޔާލުގެ މީހުންގެ އަމާޒަކަށް ރިޟްވާން ވެދާނެ ކަމަށް ބައެއް މީހުން ލަފާ ކުރެއެވެ.

ހަރުކަށި ހިޔާލުގެ މީހުން ރާއްޖޭގައި ވަރަށް ގިނައެވެ. އެމީހުންގެ އިންޒާރުތައް ވެސް އެކި މީސްމީހުންނަށް ލިބެމުންދެއެވެ. ނަމަވެސް ރާއްޖޭގައި އުޅޭ ހަރުކަށި ހިޔާލުގެ މީހުންނަކީ އެމީހުންގެ ބަސްމަގު ހަރުކަށިވަރު އަމަލުން ދެއްކުމުގެ ގާބިލްކަން ހުރި ބައެއް ހެނެއް ހިޔެއް ނުވެއެވެ. ގައިމުވެސް މީގެ ކުރިން އެކަން އެމީހުން ދައްކާފައެއް ނުވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ދީނީ ހަރުކަށި ހިޔާލުގެ މީހުންގެ ކަންތައްތައް ދިރާސާ ކުރުމުން ވެސް އެނގޭ އެއްޗަކީ ދީނީ ހަރުކަށި ހިޔާލުގެ މީހުންނަކީ އެމީހުން ކުރާ ކަންތައްތައް ފާޅުކަން ބޮޑު ގޮތެއްގައި އާންމު ކުރަން ބޭނުންވާ ބައެކެވެ. އެމީހުން ކުރާ ކަމެއްގެ ޒިންމާ އުފުލަން އެމީހުން ފަހެއް ނުޖެހޭނެއެވެ. މީހަކު ރަހީނުކުރުމަށް ފަހު އެކަން އިއުލާން ކުރަން ހަރުކަށި ހިޔާލުގެ މީހުން ފަހެއް ނުޖެހޭނެއެވެ.

ރިޟްވާން ވަގަށް ނަގާފައި ވަނީ ދީނީ ގޮތުން ހަރުކަށި ހިޔާލުގެ ބައެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގައެއް ވެސް އަދި ނެތެވެ. ސަބަބަކީ ފުލުހުންގެ ތަޙްޤީޤުގައި ފުލުހުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތައް ބަލާއިރު އެކަމަށް ބާރުދޭ ހެއްކެއް ނެތުމުންނެވެ. އަދި އާންމު އުސޫލަށް ބާލާއިރު ވެސް ރިޟްވާން ވަނީ ދީނީ ހަރުކަށި ހިޔާލުގެ މީހުންގެ އަތްދަށުގައި ކަމަށް ބުނާނެ ހެއްކެއް ފެންނަން ނެތީތީއެވެ.

ރާއްޖޭގައި ކުރިން ހިނގާފައިވާ ހާދިސާތައް

މީހުން ރަހީނު ކުރުމަކީ ރާއްޖޭގައި މީގެ ކުރިން ވެސް ހިނގާފައި ހުރި ކަންތައްތަކެވެ. މީގެ ތެރެއިން ހުރިހާ ފަހަރެއްގައި ކަހަލަ ގޮތަކަށް މީހުން ރަހީނުކޮށްފައި ވަނީ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. މީގެ ކުރިން ދިވެހިން ރަހީނު ކުރި މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގައި އުޅޭ ބިދޭސީން، ބިދޭސީން ރަހީނު ކުރުމަށްފަހު މަރާލާފައި ވެސް އެބަހުއްޓެވެ.

ފައިސާ ހޯދުމަށް ބަޔަކު ނުވަތަ މީހަކު ރިޟްވާން ރަހީނު ކޮށްފާނެ ހެއްޔެވެ؟ ބިދޭސީއެއްގެ އަތް ދަށުގައި ރިޟްވާން ހައްޔަރުވެފައި ހުރެ ދާނެ ހެއްޔެވެ؟ ނުވަތަ ދިވެހިން ތަކެއް ވެސް ރިޟްވާން ރަހީނު ކޮށްފާނެ ހެއްޔެވެ؟

މިސުވާލު ތަކަށް ވެސް ސީދާ ޖަވާބެއް ދެވޭ ވަރުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.

ރިޟްވާން އަމިއްލައަށް ފިލީތަ؟

ރާއްޖޭގައި ހުރިހާ ކަމެއް މިވަނީ ސިޔާސީ ވެފައެވެ. ރިޟްވާން ގެއްލުން ވެސް އެއްބަޔަކު ސިފަ ކުރަނީ އެއީ ސިޔާސީ ކަމެއްގެ ގޮތުގައެވެ. ރިޟްވާން ހޯދުމުގެ މަސައްކަތް ވަރުގަދަ ކުރުމަށް ގޮވާލާ އަޅުގަނޑު ފޭސްބްކް ސްޓޭޓަސް އަޕްޑޭޓް ކުރުމުން “ކޮންމެވެސް ބޭފުޅަކު” އަޅުގަނޑަށް ކުރި މެސެޖެއްގައި އޮތީ ރިޟްވާން ވަނީ އަމިއްލައަށް ފިލާފައި ކަމަށެވެ. އަޅުގަނޑު އޭނާގެ ވާހަކަ ގަބޫލެއް ނުކުރަމެވެ. ނަމަވެސް އޭނާ އަޅުގަނޑާއި ދެއްކި ވާހަކަ މިތާންގައި ލިޔެލާ ހިތްވެއެވެ.

އޭނާ ސުވާލު ކުރިއެވެ. ރިޟްވާން އާއިލާއިންނާއި އޭނާ ވަޒީފާ އަދާކުރާ މިނިވަން ނޫހުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ފެށީ އާއިލާގެ މީހާކާއި ބައްދަލުނުވެ އަދި އޮފީހަށް ހާޒިރު ނުވެ ހަފްތާއެއް ވީފަހުންނެވެ. ރިޟްވާން އަކީ އެކަނި ދިރިއުޅޭ މީހެއް ކަމާއި އޭނާ އަށް ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ ކަމާއި ކަމެއް ދިމާވެއްޖެނަމަ އެހީތެރިވާނެ މީހަކު ރިޟްވާން ކައިރީގައި ނުހުންނާނެ ކަން ވެސް އެންމެ ބޮޑަށް އެނގޭނީ އާއިލާ މީހުންނާއި ގާތް އެކުވެރިންނަށް ކަމަށްވީއިރު ހަފްތާއެއް ވަންދެން އެމީހުން ރިޟްވާންގެ ޚަބަރެއް ބަލައިނުލައި ތިބީ ކީއްވެ ހެއްޔެވެ؟

އަޅުގަނޑު އޭނާ ކައިރީ އެހީމެވެ. ރިޟްވާން އަމިއްލައަށް ފިލަން ޖެހޭ އެއްވެސް ސަބަބެއް ނެތްތެއް ނޫން ހެއްޔެވެ؟ އޭނާ އަޅުގަނޑު ކައިރީގައި ބުނީ ރިޟްވާން އަކީ ނޫސްވެރިޔަކަށް ވުރެ ބޮޑަށް ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަކުރެވޭ މީހެއް ކަމަށާއި އެހެން ކަމުން ރިޟްވާން “ފިލުމާއި” ސިޔާސީ ކަމަކާއި ގުޅުން އޮވެދާނެ ކަމަށެވެ.

ރިޟްވާން ފެނުމުގެ އުންމީދު އެބައޮތްތަ؟

ކާމިޔާބަކީ އުންމީދު ގެއްލުވާ ނުލައި މަސައްކަތްކުރާ މީހުންގެ ޙައްޤެކެވެ. ރިޟްވާން ހޯދުމަށް ކުރަމުންދާ މަސައްކަތް ވެސް އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާއިރު އުންމީދުގެ ހުޅުކޮޅު އަދި ނުވެއް ނިވެއެވެ.

އެންމެ ބޮޑު އުންމީދެއް އާވަނީ ރިޟްވާން ދިރިހުއްޓާ ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަޙީދު އާއި ހޯމް މިނިސްޓަރ އުމަރު ނަސީރު އަދި ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ވިދާޅުވެފައި ވާތީއެވެ.

މީޑިއާ އަށް ހާމަނުވާ އެތައް މައުލޫމާތެއް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމުން އެބޭފުޅުން ވިދާޅުވާ ވާހަކަފުޅެއް ވިދާޅުވާނީކީ ވެސް ތޯތޯ ލަފާކުރުން ތަކެއްގެ މައްޗަށް ބިނާކޮށްފައި ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ރިޟްވާންގެ ޚަބަރެއް ނުވެ އިތުރުވަމުންދާ ކޮންމެ ދުވަހަކީ ވެސް ތޯތޯ އެތައް ވާހަކަތަކެއް ފެތުރިގެން ދާނެ ދުވަހެކެވެ. އެތައް ބަޔަކު އަމިއްލަ ފަލްސަފާ ތަކެއް އުފަން ކުރުވައިގެން އެފަލްސަފާ ތަކަށް ބަހުސްކުރަމުން ދިއުމަކީ އެކަމުގައި އަދި ޙަޤީޤަތެއް އެކުލެވިދާނެ އޭ ބުނަންޖެހޭ ސަބަބެއް ނޫނެވެ.

ނިންމުން

ރިޟްވާން ގެއްލިގެން ހޯދަމުންދާތާ އެތައް ދުވަހެއް ވީއިރުވެސް ރިޟްވާންގެ ޚަބަރެއް ވެފައި ނުވާތީ ރިޟްވާން މަންމަގެ ހުޅުވާލާފައިވާ ސިޓީއެއް ވަނީ މީޑިއާ ތަކަށް ފޮނުވާފައެވެ. އެސިޓީގައި ރިޟްވާންގެ މަންމަ ވިދާޅުވެފައި ވަނީ ރިޟްވާން އަކީ ދީނީ ކަންތައްތަކަށް ވަރަށް ލޯބިކުރާ މީހެއް ކަމަށެވެ. ހިތްހެޔޮ އަދި މަޔަކު ދަރިއެއްގެ ކިބައިން ބޭނުންވާނެ ހުރިހާ ސިފައެއް ހުރި ދަރިއެއް ކަމަށެވެ.

ރިޟްވާންގެ ޓްވީޓްތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް ފަރުވާލެއް ނެތެވެ. އެޓްވީޓް ތަކަކީ ދީނާއި ނުކިއްސަރު ވާހަކަތަކެއް ހުރި ޓްވީޓްތަކެއް ކަމަށް ބުނެ ރިޟްވާންގެ އަޤީދާއާއި މެދު އަޅުގަނޑު ސުވާލެއް ނުއުފައްދާނަމެވެ. މީހެއްގެ އަޤީދާ އަކީ އޭނާގެ ހިތުގައި އޮންނަ އެއްޗެކެވެ.

ނަމަވެސް އަޤީދާގައި ހުރި ތެދުވެރި ކަމެއް އެހެން މީހުން ވަޒަން ކުރާނީ އޭނާގެ އަމަލުތަކުންނެވެ.

އަޅުގަނޑު އިސްވެ ފާހަގަކުރި ވާހަކަތަކަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލެވެ. މިއީކީ ރިޟްވާންގެ މައްސަލަ ވަކިގޮތަކަށް ފްރޭމް ކުރުވަން ލިޔުނު ލިޔުމެއް ނޫނެވެ. އަޅުގަނޑުގެ ހަމައެކަނި މަޤުޞަދަކީ ރިޟްވާން ގެއްލުމާއި ގުޅިގެން ދެކެވޭ ވާހަކަތަކާއި މެދު ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނާލުމެވެ.

ރިޟްވާން ހޯދުމަށް އާއިލާ އިންނާއި އެކުވެރިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މަންޒަރު އެބަފެނެއެވެ. އެމީހުންގެ މަސައްކަތައް އަވަސް ކާމިޔާބެއް ލިބި ހެޔޮހާލުގައި ހުރެ ރިޟްވާން ފެނުމަކީ އަޅުގަނޑުގެ ވެސް އުންމީދެވެ. އަދި އަޅުގަނޑުގެ ދުޢާއެވެ.