September 22, 2014
މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުގޮތާ ގުޅޭގޮތުން ގޭންގްތަކާއި ދީނީ ހަރުކަށި ޖަމާއަތްތަކުގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ ރިޕޯޓެއް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް އިން މިއަދު ނެރެފި އެވެ.
ޔޫކޭގެ ތަޖުރިބާކާރު އިންވެސްޓިގޭޓަރަކާ ހަވާލުކޮށްގެން ދެ ހަފުތާގެ މުއްދަތަށް ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި، ރިލްވާން ގެއްލުމާ ގުޅިގެން މިހާތަނަށް ފެތުރިފައިވާ އަޑުތައް ވަކިވަކިން ބަލައި މައުލޫމާތު އެއްކޮށްފައިވެ އެވެ. އެ ރިޕޯޓުގައިވާ މައުލޫމާތުތަކަށް ޖުމްލަކޮށް ބަލާއިރު، ރިލްވާން “ގެއްލުނީ” އޭނާ އަށް މަރުގެ އިންޒާރުތަކެއްދީފައި ވަނިކޮށެވެ.
އެ ރިޕޯޓްގައިވާ ގޮތުން، ރިލްވާން ގެއްލުނު ރޭ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން ކޮންބައެއް ކަން ނޭނގޭ ދެ މީހެއްގެ މެދުގައި ހަމަނުޖެހުން ހިނގައި އެތަނުން އެކަކު ގަދަކަމުން ކާރަށް އެރުވިތަން ބައެއް މީހުންނަށް ވަނީ ފެނިފަ އެވެ. އެ ކާރު ދުއްވަން މީހާ ވެސް ހިމެނޭގޮތަށް އެ ހާދިސާގައި ތިން މީހެއްގެ އަތެއްވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
“ހެކިން މިފަދަ އިން ބުނެފައިވީ ނަމަވެސް އެހެން ރިޕޯޓެއް ބުނާގޮތުން ކާރަށް އަރުވާފައި ވަނީ މަސްތުގެ ހާލަތުގައި ހުރި އަންހެނެކެވެ. އަދި އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރިލްވާން ކަމަށެވެ. ނަމަވެސް ރިލްވާންގެ މޮބައިލް ފޯން ރެކޯޑިން އިން އެ ކަމެއް ނުދައްކަ އެވެ،” އެ ރިޕޯޓުގައިވެ އެވެ.
ރިލްވާން އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން އަރުވައިގެން ގެންދިޔަ ކަމަށް ބެލެވޭ ކާރުގެ ތަފްސީލް ވެސް އެ ރިޕޯޓުގައި އާއްމުކޮށްފައިވެ އެވެ. އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވާ ގޮތުގައި މާލޭގެ މަޝްހޫރު ގޭންގަކަށް ނިސްބަތްވާ މީހެއްގެ އެ ކާރު، ވަނީ ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެހެން މީހަކަށް ވިއްކާލައިފަ އެވެ. އެކަމަކު އެ ހާދިސާގައި ތުހުމަތުކުރާ ކާރު ގަވާއިދާ ހިލާފަށް ހުޅުމާލެ އަށް ގެންދިޔަ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނާގޮތުގައި މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ރިލްވާނަށް ބަޔަކު ވަނީ ފާރަލައިފަ އެވެ. އޭނާ އަށް ފާރަލީ ކަމަށް ބެލެވޭ މީހުންގެ ނަންތައް ވެސް ރިޕޯޓުގައި އާއްމުކޮށްފައިވާއިރު، އެ މީހުން ފެރީ ޓާމިނަލްގައި ހަރަކާތްތެރިވި މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ރިޕޯޓުގައިވެ އެވެ.
“ތުހުމަތުކުރެވޭ ދެ މީހުންނަކީ ރަހުމަތްތެރިން ކަމުގައިވީ ނަމަވެސް ފެރީ ޓާމިނަލްގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތު ތުހުމަތުކުރެވޭ ދެ މީހުން ގަސްތުގައި، ދެ މީހުން އެކަކު އަނެކަކަށް ނުދަންނަ ކަމަށް ހެދިގެން އުޅުނުކަން ފާހަގަކުރެވުނެވެ،” ރިޕޯޓުގައިވެ އެވެ.
ރިލްވާނަށް ފާރަލީ މީހުން އެރޭ ފެރީ ޓާމިނަލްގައި ތިބެގެން އެކަކު އަނެކަކަށް ވާހަކަ ދައްކާފައިވާއިރު، ރިލްވާންގެ މައުލޫމާތު ހުޅުމާލޭގައި ތިބި ބަޔަކަށް ފޯރުކޮށްދިން ކަމަށް ރިޕޯޓުގައި ބުނެ އެވެ. އަދި ފެރީ ޓާމިނަލްގައި ތިބި ރިލްވާނަށް ފާރަލީ މީހުން މާލޭގައި ހުރި މީހަކަށް ވެސް މައުލޫމާތު ހާމަކުރިކަމަށް އިންވެސްޓިގޭޓަރުގެ ތަހުގީގަށް ފަހު ރިޕޯޓުގައި ބުނެފައިވެ އެވެ.
މާލޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ތިން ގްރޫޕެއްގެ މެދުގައި ދީނީ ހަރުކަށި ވިސްނުން އަށަގަންނަމުންދާ ކަމަށާއި ގޭންގްތަކުގެ މެމްބަރުންނާ ގުޅުން އުފެދެނީ ހަރުކަށި ވިސްނުމުގެ ސޯޝަލް ނެޓްވޯކްތައް ބޭނުންކޮށްގެން ކަމަށް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައި ސަރުކާރުގެ އިސް ބައެއް ފަރާތްތަކަށް ވެސް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވެ އެވެ. އެގޮތުން ސަރުކާރުގެ ބައެއް އިސް ވަޒީރުން މިނިވަން މީޑިއާގެ ކުރިއެރުމާއި ދީނީ ގޮތުން ހައްދުފަހަނާޅާފައިވާ މީހުންނަށް ފާޑުކިއުން ހުއްޓުވުމަށް ހަރުކަށި އިސްލާމީ އުސޫލްތަކުގެ ގްރޫޕްތަކާއި ކުށްކުރާ ގޭންގްތަކަށް ސިއްރިއްޔާތުގައި ވާގިވެރިވަމުންދާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނި ގޮތުގައި މިދިޔަ ޖުލައި މަހުގައި ގަވާއިދުން ރިލްވާނަށް ފާރަލަމުން ގޮސްފައިވެ އެވެ. އަދި އެ މީހުން ވައްތަރީ ދީނީ ހަރުކަށި މީހުންނާ ކަމަށް ރިލްވާން އޭނާގެ ރައްޓެހިން ގާތު ބުނެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އޭގެ ތެރޭގައި މީގެ ކުރިން ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ހިންގާފައިވާ ކަންކަމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ހިމެނެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިހާތަނަށް ބެލިބެލުން ރިލްވާންގެ ޕާސްޕޯޓް އޭނާގެ އެޕާޓްމެންޓުގައި ނެތް ނަމަވެސް އޭނާ ރާއްޖެ އިން ބޭރަށް ދިޔަ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި އޭނާ އަމިއްލަ އަށް ފިލައިގެން އުޅޭ ކަމަށް ބެލެވެން ނެތްއިރު، އަމިއްލަ އަށް މަރުވުން ފަދަ ކަމެއް ކުރުމުގެ ފުރުސަތު ވެސް ކުޑަ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓް ނެރުމަށް މިއަދު މޫކައި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން ވާހަކަ ދެއްކި ކުރީގެ ޕީއައިސީގެ ރައީސް ޝަހިންދާ އިސްމާއިލް ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު، ޔޫކޭގެ ތަޖުރިބާކާރު އިންވެސްޓިގޭޓަރަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔައީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. މީހުން ގެއްލުވާލުމާއި ވަގަށް ނެގުމަކީ ރާއްޖޭގައި މުޅިން އަލަށް ފާޅުވި ކުށުގެ އަމަލަކަށްވާތީ އެ ބާވަތުގެ މައްސަލަތައް ތަހުގީގުކުރުމުގެ ފުރިހަމަ ކުޅަދާނަކަމާއި ތަޖުރިބާ ފުލުހުންގެ ކިބައިގައި އަދި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް 19 ސޮފްހާގެ އެ ރިޕޯޓުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންވެސްޓިގޭޓަރަކާ ހަވާލުކޮށްގެން ނެރުނު އެ ރިޕޯޓުން ފުލުހުންގެ ތަހުގީގަށް ހުރަސްއެޅޭނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ.