September 3, 2014
ހިއުމަން ރައިސްޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ކުރީގެ މުވައްޒަފެއް ކަމަށްވާ، މިނިވަން ނިއުސްގެ ރިޕޯޓަރު އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ދައުލަތުން އަޅަމުންދާ ފިޔަވަޅުތަކާއި މިންވަރު އަންގައިދިނުމަށް އެޗްއާރްސީއެމް އިން ފޮރިން މިނިސްޓްރީ އާއި ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައި ވާނެ ކަމަށާއި އެކަމަކު މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އެޗްއާރްސީއެމް އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ރިލްވާން ގެއްލުނު ފަހުން އެކަމާ ގުޅިގެން ދައުލަތުން އަޅަމުންދާ ފިޔަވަޅުތައް މޮނިޓަކުރަމުން އަންނަ ކަމަށެވެ. އަދި ރިލްވާން ގެއްލުނު މައްސަލަ އދ.ގެ ވާކިން ގްރޫޕް އޮން އިންވޮލަންޓަރީ ޑިސެޕިއަރެންސްއާ ހިއްސާކޮށްފައިވާކަން ފާހަގަކުރަމުން ބުނެފައި ވަނީ ދައުލަތުން އަޅަމުންދާ ފިޔަވަޅުތައް ސާފުކުރުމަށް އެދިފައި ވާނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އދ. އިން ނެރުނު ބަޔާނަަށް ފަހުގައި ކަމަށެވެ.
އެޗްއާރްސީއެމް އިން ބުނީ ރިލްވާން ގެއްލުނުކަން ރިޕޯޓްކުރުމާ އެކު، އެ މައްސަލާގައި ކޮމިޝަނުން ފިޔަވަޅު އަޅާފައިިވާ ކަމަށާއި ރިލްވާންގެ އާއިލާއާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި ރިލްވާން ވަަގަށް ނަގާފައިވާ ކަމަށް ކުރެވޭ ތުހުމަތާ އެކު، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ބިދޭސީ މަސައްކަތު މީހުންގެ ތެރެއިން ވެސް މީހަކަށް ލިބިފައިވޭތޯ ބެލުމަށް ބެންގާލީ، ޓެމިލް، ހިންދީ އަދި މަލިޔާޅަމް ބަހުން ޕޯސްޓަރުތައް ހަދައި ބިދޭސީ މަސައްކަތްތެރިންނަށް ކޮމިޝަނުން ބަހާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
“އަހްމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާތާ 26 ދުވަސް މިއަދާ ހަމަޔަށް ވެފައި ވާތީ، މި މައްސަލާގައި ކޮމިޝަންގެ ކަންބޮޑުވުންތަކެއް ހުރުމާ އެކު، ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ހުއްޓާނުލައި މި ދަނީ ކުރަމުންނެވެ.” ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ޝައްކުކުރެވޭ ހަތަރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ. ރިލްވާން ގެއްލުނު ރޭ، ރިލްވާން ހުޅުމާލޭގައި އުޅޭ އެޕާޓްމަންޓް ހުންނަ އިމާރާތު ކައިރިން މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމުގެ ރިޕޯޓެއް ކޮށްފައި ވާތީ ތަހުގީގުގައި ފުލުހުން ވަނީ ކާރެއް ހިފަހައްޓައިފަ އެވެ.