September 2, 2014
މީގެ 25 ދުވަސް ކުރިން ގެއްލިފައިވާ ނޫސްވެރިޔާ، އަހުމަދު ރިލްވާން ހޯދަން ފުލުހުންގެ ފަރާތުން އެދޭވޭ މަސައްކަތެއް ކުރާތަން ނުފެންނާތީ ކަމަށް ބުނެ އެމްޑީޕީގެ ޒުވާނުންގެ ގޮފިން އިސް ނަަގއިގެން ސަރުކާރުގެ މުއައްސަސާ ތަކަށް ސިޓީއެއް ފޮނުވައިފި އެވެ.
އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކޮށް އެ ޕާޓީގެ “ޒުވާނުންގެ ހިތްވަރު” ގެ ރައީސް މުހަންމަދު އަޒްމީލް ވިދާޅުވީ ސަރުކާރަށް ސިޓީއެއް ފޮނުވަން ޖެހުނީ ރިލްވާން ހޯދަން މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ ކަމުގެ ތަހުގީގު ހިނގަނީ ކިހިނެއް ކަން ގައުމަށް ހާމަ ކޮށްދީފައި ނުވާތީ ކަމަށެވެ.
“ތަހުގީގު ކުރަމުންދާ ކަމަށް އެބަ ވިދާޅުވޭ. އެހެން ނަމަވެސް އޭގެ އިތުރުން މިކަން ހިނގަމުން ދަނީ ކިހނެއް ކަމެއް އެބޭފުޅުންނަށް ލިބިފައިވަނީ ކޮންކަހަލަ މައުލޫމާތު ތަކެއް ކަމެއް ނުވަތަ މި ކަމުގެ ތަހުގީގު އެއްވެސް ހިއްސާ ކޮށްފައި ނުވާތީ،” އަޒްމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސިޓީ ފޮނުވީ މިއީ ޒުވާނުންނަށް ދިމާވެފައި އޮތް ވަރަށް ނުރައްކާތެރި ކަމަކަށް ވުމުން އޭގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.
މި ބައްދަލުވުމުގައި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް ހުޒާމް ހުސެއިން ވިދާޅުވީ ސަރުކާރުން 24 ގަޑިއިރު ރައްޔިތުނަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭންޖެހޭ ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނުން ސަރުކާރަށް ލާޒިމް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ރިލްވާން ގެއްލުނުތާ 25 ދުވަސް ވެފައިވާއިރު ސަރުކާރުން މާބޮޑު އެއްޗެއް ހާމަ ކޮށްފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
އެމްޑީޕީގެ ސިޓީ ފޮނުވާފައިވާ މުއައްސަސާ ތަކަކީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ހޯމް މިނސްޓްރީ އާއި ޕޮލިހާއި އެމްއެންޑީއެފެވެ. ސިޓީގެ ކޮޕީއެއް ވީނިއުސްއަށް ލިބިފައިވާއިރު އެ ސިޓީގައި ރިލްވާން ގެއްލިފައިވާ މި ދަނޑިވަޅަކީ ގިނ ނޫސްވެރިންތަކަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގަމުންދާ ދުވަސްވަރަކަށް ވެފައި ގިނަ ޒުވާނުންތަކެއް މީގެ ކުރިން ވެސް ރަހީނު ކޮށްފައިވާ ކަމަށާއި މިކަންކަން ހުއްޓުވޭނީ ސަރުކާރުން ގާނޫނީ ޒިންމާ އަދާ ކޮށްގެން ކަމަށް ދެކޭ ކަމަށް ބުނެފައި ވެއެވެ.
އަދި ގާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިދޭ ސަލާމަތްތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ވެސް އެ މުއައްސަސާ ތަކުގެ ކިބައިން އެދިފައި ވެއެވެ.