September 12, 2014
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމުން، ކޮމިޓީއެއް ހެދުން ފިޔަވާ އިތުރު ކަމެއް ނޫސްވެރިން ނުކުރާ ކަމަށާއި، އެއީ ސިޔާސީ ގޮތުން ސަރުކާރުން ނޫސްވެރިންނަށް ބިރު ދައްކާތީ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު (ބަލަކް) ތުހުމަތު ކުރައްވައިފި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި އަލީ ވަހީދު ވިދާޅުވީ މިނިވަން ނިއުސްގެ ނޫސްވެރިޔާ، ރިލްވާން ގެއްލުމުން އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ނޫސްވެރިން ކޮމެޓީ ހެދުން ފިޔަވައި މިހާތަނަށް ކަމެއް ނުކުރާ ކަމަށާއި މީގެ ކުރިން ނޫސްވެރިންނަށް ހަމަލާތައް ދިނުމުން އެކަންކަމާއި ހަމަލާތަކުގެ ދިފާއުގައި ނޫސްވެރިން ނިކުމެ އަޑު އުފުލާ ހެދި ކަމަށެވެ.
“ބައެއް ނޫސްވެރިން ގައިގަ ކަޓަރު އެޅީމަ އެބަހުރި ހިނގާލަން ނިކުމެފަ، އަޅުގަނޑު ދެކުނިން ނޫސްވެރިން ގޮސް ފުލުސް އޮފީހަށްވަދެ މީޓިންތައް ބޭއްވިތަން ވެސް،” އަލީ ވިދާޅުވިއެވެ.
ކޮންމެ ނޫސްވެރިޔަކަށާއި ކޮންމެ ނޫސް އިދާރާއަކަށް ލިބޭ ގެއްލުމަކީ މުޅި ގައުމަށް ލިބޭ ގެއްލުމެއް ކަމަށް އިޝާރާތް ކުރައްވާ އަލީ ވިދާޅުވީ ނޫސްވެރިޔަކު ގެއްލިގެން މަހަކަށްވުރެ ގިނަދުވަސްވެފައި ވާއިރު، ރާއްޖޭގައި މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި އެކަން ކުރި ބަޔަކަށް މަގްސަދު ހާސިލްވެއްޖެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ އިސްވެރިން ރިލްވާން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އަލީ ތުހުމަތު ކުރި އެވެ. ވިދާޅުވީ ސަރުކާރުގެ އިސްވެރިން މީޑިއާއަށް ޖަވާބުދާރީ ވާގޮތުން ރިލްވާން ވަގަށް ނަގާފައިވާ ކަމަށް ސިފަކުރެވޭ ކަމަށެވެ.
“އެބޭފުޅުންގެ ބަސްމޮށުންތެރިކަމުގައި ވިދާޅުވަނީ، ރިލްވާން ދިރިހުއްޓަ ފެންނާނެ ކަމަށޭ ގަބޫލު ކުރައްވަނީ، އެހެންވީމަ އަޅުގަނޑުމެން ބަލަންޖެހޭ އޭނަ ވަގައް ނަގާފަ ތިބި ބަޔަކާ ސަރުކާރާ މުއާމަލާތްކުރޭތޯވެސް،” އަލީ ވިދާޅުވިއެވެ.
ރިލްވާން ގެއްލިގެން ހޯދަމުންދާތާ މިއަދަށް ވަނީ 35 ދުވަސް ހަމަވެފަ އެވެ.