September 11, 2014
މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދަން ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އޭނާ ހޯދަން ސަމާލުކަމެއް ނުދީ، ބޯހިމެނުން ކުރިއަށް ގެންދާނަމަ ބޮއިކޮޓްކުރަން ޖެހިދާނެ ކަމުގެ އިންޒާރު އެމްޑީޕީން ބުރާސްފަތި ދުވަހު ދީފި އެވެ.
އެމްޑީޕީގެ ލީޑަޝިޕުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ރިލްވާނާ ނުލައި ބޯހިމެނުމުގައި އެމްޑީޕީން ބައިވެރިނުވާން ނިންމުމަށް، އެކަން ގައުމީ މަޖިލީހަށް ހުށަހަޅަން ވިސްނަމުންދާ ކަމަށެވެ. އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެ ޕާޓީގެ ގައުމީ މަޖިލީހުގައި، ރިލްވާން ހޯދަން ކުރާ މަސައްކަތުގައި ސަރުކާރު ޒިންމާދާރީކުރުވަން ގޮތްތަކެއް ނިންމުން ގާތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“ދިވެހި ރައްޔިތަކަށް ރައީސް ޔާމީންގެ ސަރުކާރުން މި އުޅެނީ އިހުމާލުވެގެން. އެ އިހުމާލުވުމާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެގޮތުން މި ވަގުތަށް އަޅުގަނޑުމެން ދެކެނީ ރިލްވާނާ ނުލައި ބޯހިމެނުމުގައި ބައިވެރިވުން މުހިއްމު ނޫން ކަމަށް ފާސްކުރަން. މި ނޭވޭގައި އަޅުގަނޑު ފާހަގަކުރަން ބޯހިމެނުމަކީ ވެސް މުހިއްމު ކަމެއް ކަން. އެކަމަކު ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ވާނުވާ ނޭނގޭއިރު، ރައްޔިތުން ގެއްލުވާލައިގެން ނަގަން ޖެހޭ ބޯ ހިމެނުމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ،” ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝިފާޒު ވިދާޅުވި އެވެ.
ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ވިދާޅުވީ ދިވެހި ރައްޔިތަކު ގެއްލިގެން އުޅޭއިރު އެކަމަށް ސަމާލުކަން ނުދީ ބޯހިމެނުމުގައި ބައިވެރިވުން މުހިއްމު ނޫން ކަމަށް ބައެއް މެމްބަރުން ހިޔާލު ހުށަހަޅަމުންދާ ކަމަށެވެ. ރިލްވާން ހޯދުމަށް ސަރުކާރު ޒިންމާދާރުކުރުވަން ގިނަ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑުމެންގެ ބައެއް މެމްބަރުންގެ ހިޔާލު އެބަހުރި ސްޓޭޓް ސްޕޮންސަޑް ޓެރަރިޒަމަށް މިކަން [ރިލްވާން ގެއްލުން] ވެދާނެ ކަމަށް. މި މައްސަލާގައި ބައެއް މައުލޫމާތު ހޯދަން އަޅުގަނޑުމެންގެ ބައިނަލްއަގުވާމީ ކޮމެޓީއާ ވަނީ ހަވާލުކުރެވިފައި،” އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ރިލްވާން ގެއްލިގެން އުޅޭ މައްސަލާގައި އެ ޕާޓީގެ ގައުމީ މަޖިލީހުގައި މަޝްވަރާކޮށް ނިންމުންތަކެއް ނިންމާނެ އެވެ. މިހާތަނަށް އެ ޕާޓީން މަޑުން ތިބީ، ރިލްވާން ހޯދުމުގެ މަސައްކަތުގައި ސިޔާސީ ކުލަ ޖެހޭ ފަދަ ކަމެއް ނުކުރަން އާއިލާ އިން އެދިފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިލްވާން: އޭނާ ގެއްލުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެންމެ ފަހުން ފެނުނީ ހުޅުމާލެ އަށް ދިއުމަށް ފެރީ ޓާމިނަލްގައި ހުއްޓައި. –ފޮޓޯ: ޕޮލިސް
ރިލްވާން: އޭނާ ގެއްލުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެންމެ ފަހުން ފެނުނީ ހުޅުމާލެ އަށް ދިއުމަށް ފެރީ ޓާމިނަލްގައި ހުއްޓައި. –ފޮޓޯ: ޕޮލިސް
“އެއީ އަޅުގަނޑުމެން ކަހަލަ ދިވެހި ރައްޔިތެއް، އެހެންވީމަ އެމްޑީޕީ އަށް މިކަން ދޫކޮށްލައިގެން ނުތިބެވޭނެ. ދުނިޔޭގެ އެއްވެސް ތަނެއްގައި މީހަކު ގެއްލުނީމަ އަމަލުކުރާ ގޮތަކަށް ނޫން ސަރުކާރުން އަމަލުކުރަމުން އަންނަނީ. ސަރުކާރު އިސްވެރިންގެ ނިއުސް ކޮންފަރެންސްތަކުން ވަރަށް ބޮޑަށް ހީވޭ ރިލްވާން ވަގަށް ނަގާފައިވާ ކަމަށް. އެހެން ސީދާ ވިދާޅު ނުވި ނަމަވެސް ކޮންމެ ބޭފުޅަކު ވެސް މި ވިދާޅުވަނީ ދިރިހުއްޓައި ފެންނާނެ ކަމަށް،” އަލީ ވަހީދު ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް އިސްވެރިންގެ ބަސްމޮށުންތެރިކަން ހުރި ގޮތުން، ރިލްވާން “ވަގަށް ނަގާފައިވާ ނަމަ” އެ ބަޔަކާ ސަރުކާރާ ގުޅުން އޮންނަނީތޯ ވެސް އެ ވާހަކަތަކުން އެމްޑީޕީ ވިސްނަން ޖެހިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
“އޭނަ ގެއްލިފައިވާ މީހަކަށް ވުރެ ބޮޑަށް ގެއްލުވާލާފައިވާ މީހެއްގެ ގޮތުގައި ބެލޭނެ ޖާގަ ބޮޑު. އެހެންވީމަ އަޅުގަނޑު ސަރުކާރުގައި އެދެން މިކަން ސާފުކޮށްދޭން،” އަލީ ވަހީދު ވިދާޅުވި އެވެ.
މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިނިވަން މުއައްސަސާ ކޮމެޓީން ރިލްވާނާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނުބަލަން ނިންމި މައްސަލަ މިހާރު އަލުން ވަނީ އެ ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ރިލްވާން ހޯދުމަށް އެޗްއާރުސީއެމާއި ޕޮލިސް އިންޓަގްރެޓީ ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތުގައި ސަރުކާރު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރުން އެއްބާރުލުން ދެއްވުމަށް ރޮޒެއިނާ އެދިވަޑައިގެންނެވި އެވެ.