September 2, 2014
މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ހޯދުމަށާއި އޭނާގެ ތަހުގީގު ދިގުލައިގެންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޒުވާނުންގެ ގޮފިން، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މުހައްމަދު އަޒްމީލް ވިދާޅުވީ ރިލްވާން ގެއްލުނުތާ 25 ދުވަސްވީ އިރު، އޭނާ އަށް ވީ ގޮތެއް ފުލުހުންނަށް ހޯދިފައި ނެތުމަކީ މައްސަލައެއް ކަމަށެވެ.
“ރިލްވާން ގެއްލުމުގައި ތަހްގީގު ކުރަމުން ގެންދާކަން ވިދާޅުވުން ފިޔަވައި އިތުރު ކުރިއެރުމެއް [ފުލުހުންނަށް] ހޯދިފައެއް ނެތް،” އަޒްމީލް ވިދާޅުވި އެވެ.
އެހެންވެ މި ކަންބޮޑުވުން، އެމްޑީޕީގެ ޒުވާނުންގެ ގޮފިން ފުލުހުންނާއި ހޯމް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ.
އަޒްމީލް ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުމަކީ މުޅި މުޖުތަމައަށް ކުރިމަތިވި ބިރުވެރިކަމެއް އަދި ނުރައްކަލެކެވެ. އެކަމުގެ ސަބަބުން ގާނޫނު އަސާސީން ފަރުދުންނަށް ލިބިދީފައިވާ ހައްގުތައް ވެސް ގެއްލިގެން ދިއުމުގެ ބިރު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
“[އެހެންވެ] ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރަން ގޮވާލަން،” އަޒްމީލް ވިދާޅުވި އެވެ.
ރިލްވާން ހޯދުމަށް ބާރު އެޅުމުގެ ގޮތުން އިތުރު ހަރަކާތްތައް ވެސް ރާވާނެ ކަމަށާއި ރިލްވާން ގެއްލުމާ ގުޅޭ ޕެޓިޝަނަށް ސޮއި ހޯދުމަށް ވެސް އެމްޑީޕީން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.