#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާން ހޯދުން ވެސް “ސިޔާސީ” ކަމަކަށް!؟

ރާއްޖޭގައި ސިޔާސީ ނުވަނީ ކޮން ކަމެއް ހެއްޔެވެ؟ ދެމަފިރިންގެ ގުޅުން ވެސް މިހާރު އޮންނަނީ ސިޔާސީ ކަމަކަށް ވެފަ އެވެ. ގެއްލިގެން ހޯދާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް އަޑުއުފުލުމަކީ ސިޔާސީ ކަމަކަށް ވަނީ އެ އުސޫލުންނެވެ. ކޮންމެ ކަމެއް ވެސް ކޮންމެ ވެސް އެއްބަޔަކަށް ކަމަކު ނުދާނެ އެވެ. އެ ހިސާބުން އެވީ ސިޔާސީ ކަމަކަށެވެ. ނަމަވެސް ރިލްވާން ހޯދަންކުރާ މަސައްކަތަކީ ހަމަ ހަގީގަތުގައި ވެސް ސިޔާސީ ކަމަކެވެ. ސަބަބުތައް ގިނަ އެވެ.

ރިލްވާން ހޯދުމަށް އާއިލާ އިން ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ ނޫސްވެރިންގެ ހައްގުގައި އަޑުއުފުލުމަށްޓަކައި އެކުލަވައިލި މީޑިއާ ޓީމުގައި ކޮންމެ ވެސް ސިފައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައި ވެ އެވެ. އެ ގްރޫޕްގެ ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެ ހިޔާލު ފާޅުކުރުމުގެ ފުރުސަތު ވެސް ލިބިފައިވެ އެވެ. އެ ފަދަ ބައްދަލުވުންތަކުން އެނގުނު އެއް ކަމަކީ އެ ގްރޫޕްގެ މަސައްކަތް ވެސް އެއީ ސިޔާސީ މަސައްކަތެއް ކަމަށް ބަޔަކަށް ސިފަކުރެވިފައިވާ ކަމެކެވެ. އަދި ރިލުވާން ހޯދަން ކުރާ މަސައްކަތުގައި ދައުލަތުގެ މީޑިއާ އިން ބައިވެރި ނުވަނީ އެއީ ސިޔާސީ މަސައްކަތަކަށްވީމާ ކަމަށްވެ އެވެ.

މީޑިއާ ގްރޫޕްގައި ހަރަކާތްތެރިވާ ނޫސްވެރިޔަކު ބުނީ ރިލްވާންގެ މައްސަލާގައި ނޫސްވެރިން ކުރަމުން އަންނަ މަސައްކަތަށް ދައުލަތުގެ މީޑިއާ އިން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. ހުރިހާ މީޑިއާތަކުން ލައިވްކުރާ ގޮތަށް ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ކުރި މަސައްކަތުގައި ވެސް ދައުލަތުގެ މީޑިއާގެ ވެރިން އެއްބާރުލުން ނުދެއްވި ކަމަށާއި ޓީވީއެމްގެ “ރާއްެޖެ މިއަދު” ފަދަ ޕްރޮގްރާމްތަކުން ފުރުސަތު ނުދޭން ވެސް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.

“ވެގެން އުޅޭ ގޮތަކީ މަޖިލީހުގެ ރައީސަށް ސިޓީއެއް ހަވާލުކުރަން ރިލްވާންގެ އާއިލާ މީހުން މަޖިލިސް ކައިރި އަށް ދިޔަ ދުވަހު މި ގްރޫޕްގައި އިސްކޮށް އުޅޭ ނޫސްވެރިއަކު އެ ތަނަށް ދިޔަ. ނަމަވެސް އޭނާ އެ ތަނަށް ދިޔައީ އަމިއްލަ ހައިސިއްޔަތުން،” ނޫސްވެރިޔާ ބުންޏެވެ.

މިނިވަން ނޫހުގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ އެ ދުވަހު މަޖިލީސް ދޮށަށް ވަޑައިގެންނެވީ މުޒާހަރާކުރާކަށް ނޫނެވެ. އަދި އޭނާ ތަމްސީލުކުރެއްވީ ވެސް މީޑިއާ ގްރޫޕެއް ނޫނެވެ. އޭނާ އެތަނަށް ވަޑައިގެންނެވީ އޭނާގެ ސްޓާފެއްގެ އާއިލާއާ އެކުގަ އެވެ. ފަރުދީ ޒިންމާއެއް އަދާކުރެއްވުމަށެވެ. އެއީ ރިލްވާންގެ ހައްގުގައި މީޑިއާ ގްރޫޕުން ކުރާ މަސައްކަތްތައް ދައުލަތުގެ މީޑިއާ އިން ބޮއިކޮޓްކުރަންޖެހޭ ސަބަބެއް ނޫނެވެ. އަދި އެއީ ސިޔާސީ އެއްވުމެއް ނުވަތަ މުޒާހަރާއެއް ވެސް ނޫނެވެ.

ރިލްވާނާ ބެހޭ ގޮތުން ފުލުހުން ނުވަތަ ހަމައެކަނި ދައުލަތުގެ މުއައްސަސާއަކުން އާންމުކުރާ މައުލޫމާތެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ދައުލަތުގެ މީޑިއާ އިން ނުގެނެސްދިނުމަކީ ވެސް ސިޔާސީ ކަމަކެވެ.

ރިލްވާން ހޯދުމަށް ކުރާ މަސައްކަތުގައި ފުލުހުން ޒިންމާދާރުކުރުވުމަށް ގޮވާލައި އާއިލާ އާއި ރައްޓެހިންގެ ފަރާތުން ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމުން އެކަން ވެސް ވީ ސިޔާސީ ކަމަކަށެވެ.

ޕެޓިޝަންގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވި މިނިވަން ނޫހުގެ ނޫސްވެރިއެއް އަދި ރިލްވާންގެ ގާތް އެކުވެރިއެއް ކަމަށްވާ މާރިޔަތު މުހައްމަދު ބުނީ ޕެޓިޝަނުގައި ސޮއިކުރުމަށް ސަރުކާރުގެ ބައެއް އިސްވެރިން ދެކޮޅު ހެއްދެވި ކަމަށެވެ. ނަމަވެސް 5،000 މީހުންގެ ސޮޔާ އެކު މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޕެޓިޝަނުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ބައެއް ޕާލަމަންޓް މެންބަރުން ވެސް ސޮއިކުރައްވާފައިވާކަން ފާހަގަކުރަންޖެހެ އެވެ. ފަހަރުގައި ސޮއިކުރެއްވި ބޭފުޅުންނަށް މިކަން ސިޔާސީ ކަމެއްގެ ގޮތުގައި ނުވަނީ ކަމަށް ވެދާނެ އެވެ.

ޚަބަރު ފެތުރުމާއި ކަންކަން ނުފޫޒު ފޯރުވުމުގަ އާއި ކުދިކުދި ކަންކަން އެންމެ ބޮޑަށް ސިޔާސީ ކުރާ ޕްލެޓްފޯމަށް ބަލަމާ ހިނގާށެވެ. ރިލްވާންގެ މައްސަލާގާއި ސޯޝަލް މީޑިއާގައި ހިނގާ ޒުވާބުތަކަށް ބަލައިލުމުން ވެސް ފާހަގަކުރެވެނީ އެއް ކަމެކެވެ. ބައެއް ފަރާތްތަކުން މިކަން ސިޔާސީކުރަން މަސައްކަތްކުރާ ކަމެވެ.

ރިލްވާނަކީ މިނިވަން ނޫހުގައި މަސައްކަތްކުރާ ނޫސްވެރިއަކަށް ވެފައި އިދިކޮޅު އެމްޑީޕީގެ ފަރާތްތަކާއި ގާތް ގުޅުމެއް އޮވެ އެވެ. އޭނާ ސޯޝަލް މީޑިއާގައި “މޮޔަމީހާ”ގެ ނަމުގައި ވަރަށް ގިނަ ކަންކަމަށް ފާޑުކިޔާ މީހަކެވެ. ދީނީ ހަރުކަށިކަމާ ދެކޮޅަށް ވެސް އަޑު އުފުލަ އެވެ. ނަތީޖާއަކީ އޭނާ ގެއްލުމާ ގުޅިގެން އެންމެ ގިނައިން ކަންބޮޑުވުން ފާޅުކަމުން ގެންދަނީ ވެސް މިހާރުގެ ސަރުކާރުގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔާ ފަރާތްތަކެވެ. ހާއްސަކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އެ ހިސާބުން އެކަން ވެސް އަނެއްކާ އެވީ ސިޔާސީ ކަމަކަށެވެ.

ރިލްވާން ހޯދުމުގެ މަސައްކަތުގައި މިހާތަނަށް ފުލުހުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެންމެ ބޮޑު އެއް ސަބަބަކަށް ވެފައި ވަނީ އެކަށީގެންވާ މައުލޫމާތު ހާމަނުކުރުމެވެ. މާދަމާ އަށް މަސް ދުވަސްވާ އިރު ބުރާސްފަތި ދުވަހާ ޖެހެންދެން ހާމަކޮށްފައި ވަނީ ވަރަށް މަދު މައުލޫމާތެކެވެ. މީގެ ސަބަބުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވެ އެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ފުލުހުން މިކަން މާ ބޮޑު ސީރިއަސް ކަމެއްގެ ގޮތުގައެއް ނުނަގަ އެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ފުލުހުން ވަނީ އެ މީހުން ކުރަމުންދާ މަސައްކަތުގެ ތަފްސީލެއް ހާމަކޮށްފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުން ރިލްވާން ގެއްލުނު ފަހުން، އޭނާއާ ގުޅުން ހުރިކަމަށް ތަހުގީގަށް ބެލެވޭ އެއްވެސް ނިޝާނެއް ފެނޭތޯ ހުޅުމާލޭގެ ފަޅުތެރެއާއި، ހުޅުމާލޭ ކައިރި ސަރަހައްދުތަކުގެ 521 މިނިޓްގެ ޑައިވް ކޮށްފައި ވެ އެވެ. މި ޑައިވްތަކާއި ފީނުންތަކުގައި ޖުމްލަ 267197.5 އަކަމީޓަރުގެ މޫދުގެ ސަރަހައްދެއް ބަލާފައިވާ އިރު މިހާތަނަށް ހުޅުމާލޭ ފަޅުގެ ސަރަހައްދުގައި އަޅާފައި އޮތް ސަފާރީތަކާއި އޮޑިދޯނިފަހަރު ބަލައި ފާސްކޮށްފައި ވެ ވެއެވެ. މި މައްސަލައާއި ގުޅިގެން 18 އުޅަނދެއް ވަނީ ބަލައި ފާސްކޮށްފައި ވެ އެވެ.

“އަދި މިމައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ 4 މީހަކު ރާއްޖެ އިން ބޭރަށް ނުދެވޭގޮތަށް ކޯޓު އަމުރެއްގެ ދަށުން ވަނީ ފުރުން މަނާކުރެވިފައެވެ. މީގެ އިތުރުން އަހްމަދު ރިޟްވާން އަބްދުﷲ ދަތުރުކޮށްފައިވާ ކަމަށް ބެލެވޭ މަގުތަކުގައި ހުރި ސެލް ޓަވަރުތަކަށް ހިޓްވެފައިވާ 638000 އަށްވުރެ ގިނަ ފޯނުނަންބަރުތައް އެނަލައިޒް ކުރެވެމުންދެއެވެ.” ފުލުހުން ނެރުނު ބަޔާނެއްގައި ވެ އެވެ.

ރިލްވާން ހޯދުމުގައި ފުލުހުން އަމަލުކުރާ ގޮތް ވެސް އެއް ބަޔަކު ވަނީ ސިޔާސީ ކޮށްފަ އެވެ. ކަމާ ބެހޭ އިދާރާތައް ޒިންމާދާރުކުރުވުމުގައި މަޖިލީހުން އެކަށީގެންވާ ދައުރެއް އަދާނުކުރާތީ އެކަން ވެސް އެއް ބަޔަކު ނަގަނީ ސިޔާސީ ކަމެއްގެ ގޮތުގަ އެވެ. ތަފާތު ޓީވީ ޕްރޮގްރާމްތަކުގައި މީޑިއާގެ އެކި ފަރާތްތަކުން ދައްކާ ވާހަކަ ވެސް އެއް ބަޔަކަށް ވަނީ ސިޔާސީ ކަމަކަށެވެ. ރިލްވާން މައްސަލާގައި ރާއްޖެ ޓީވީން އިސް ނަގައިގެން މަސައްކަތްތަކެއް ކުރާތީ އެކަން ވެސް ވަނީ ސިޔާސީ ވެފަ އެވެ. ނަމަވެސް ހަގީގަތަކީ ނޫސްވެރިންގެ ކަންކަމުގައި ނޫސްވެރިން ނޫޅޭ ނަމަ ދެން އެކަން ކުރާނެ ބައެއް ނުތިބޭނެ ކަމެވެ. ރާއްޖޭގެ ހާލަތު މިހާ ހިސާބަށް ގޮސްފައި ވަނީ ސިޔާސީ ބައެއްގެ އިހުމާލުންނެވެ. ސަރުކާރުގެ އިހުމާލުންނެވެ. ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލުންނެވެ. އެ ތަންތަން ޒިންމާދާރުކުރަން އޮތް މަޖިލީހުގެ އިހުމާލުންނެވެ. އެހެންކަމުން ނޫސްވެރިއަކު ގެއްލުމުން އެ ކުރާ މަސައްކަތް ވެސް ވާނީ ސިޔާސީ މަސައްކަތަކަށެވެ.