September 19, 2014
ގެއްލިފައިވާ އަހުމަދު ރިލްވާން ހޯދަން ކުރާ މަސައްކަތް އަވަސް ކުރުމަށާއި އެ މައްސަލައާ ގުޅިގެން ކަން ބޮޑުވާ ކަންކަން ސަމާލު ކަމަށް ގެނައުމަށް ބޭއްވާ ހިނގާލުން “ސުވާލު މާޗް” މިއަދު މާލޭގެ މަގުތަކުގައި ބާއްވައިފި އެވެ.
އާޓިފިޝަލް ބީޗުގައި ހަވީރު 4:00 ޖެހި އިރު ފެށި ސުވާލު މާޗްގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ބައެއް އިސް ފަރާތްތަކާއި އާންމުން ބައިވެރިވި އިރު ސުވާލް މާޗް އިންތިޒާމްކޮށްފައި ވަނީ ރިލްވާންގެ އާއިލާގެ ފަރާތުންނެވެ. ސުވާލު މާޗްގައި ރިލްވާންގެ މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ މެންބަރުން ބައިވެރިވި އެވެ.
މިއަދުގެ ހިނގާލުމުގެ ތެރޭގައި ރިލްވާންގެ ބައްޕަ ވާހަކަ ދައްކަނީ — ވީ ފޮޓޯ: މުހައްމަދު ވަހީދު
ސުވާލު މާޗްގައި ބައިވެރިވި އެންމެން، ބެނާ އާއި ޕޯސްޓަރާއި ޝުއޫރުތައް ހިމެނޭ ލިޔުންތަކާއެކު ނުކުމެ މިއަދު ގޮވާލާފައި ވަނީ މީގެ 42 ދުވަސް ކުރިން ގެއްލުނު ރިލްވާން ގެ ތަހުގީގު ލަސްވަމުންދާތީ އެކަން އަވަސް ކޮށް ދިނުމަށާއި އެދެވޭ ތަހުގީގެއް ހިނގަމުން ނުދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
“ރިލްވާން ގެއްލުނުތާ 42 ދުވަސްވީއިރު ވެސް އޭނާއެއް ނުފެނުނު އެކަމާ އަހަރެމެން ކަންބޮޑުވޭ،” ގާތްގަނޑަކަށް 300 އެއްހާ މީހުންނާއެކު ކުރިޔަށް ގެންދިޔަ ސުވާލް މާޗްގެ ބައިވެރިން ގޮވާލަމުން ދިޔަ އެވެ. މީގެ އިތުރުން ވެސް ސުވާލު މާޗްގައި ރިލްވާން ގެއްލުނު ހާދިސާއާ ގުޅޭ އެތައް ސުވާލެއް އުފައްދައި ޝުއޫރު ފާޅު ކުރި އެވެ.
މިއަދުގެ ހިނގާލުމުގެ ތެރެއިން: ސުވާލު މާޗްގެ ނަމުގައި ބޭއްވި ހިނގާލުމުގައި ބޮޑެތި މަގުތަކަށް ނުކުތް — ވީ ފޮޓޯ: މުހައްމަދު ވަހީދު
އޭގެ ތެރޭގައި މިނިވަން ނިއުސް ނޫސްވެރިޔާ ގެއްލުނު ރޭ ހުޅުމާލޭގައި ހިނގި ކަމަށް ބުނާ ހާދިސާގެ ތަފްސީލަކީ ކޮބާތޯ އާއި އެރޭ ފުލުހުން އަތުލައިގަތް ވަޅި ކޮބާތޯ އާއި ކާރަކަށް އެރުވި ކަމަށް ބުނާ މީހާ ކޮބައިތޯ އާއި ކާރު ބަލައި ފާސް ކުރީ ކޮން އިރަކުތޯ ވެސް ސުވާލު ކޮށްފައި ވެއެވެ.
“ރިލްވާންގެ ތަހުގީގު ހުޅުމާލެއިން އެހެން ދިމާލަަކަށް ގެންދެވޭތޯ ފުލުހުން މަސައްކަތް ކުރަނީ ކީއްވެތޯ؟ އެދެވޭ ތަހުގީގެއް ނުކުރެވެނީ ކީއްވެތޯ؟” އެ އެންމެން މިއަދު މަގުމަތީގައި ސުވާލު ކުރި އެވެ.
މިއަދު ބޭއްވި ހިނގާލުމުގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު — ވީ ފޮޓޯ: މުހައްމަދު ވަހީދު
މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި ސުވާލު މާޗް ނިންމާލީ ވެސް މާޗް ފެށި އާޓިފިޝަލް ބީޗަށެވެ. ސުވާލް މާޗް ނިންމާލަމުން މިއަދު ވަނީ ދުއާއެއް ވެސް ކޮށްފައެވެ. މި ދުއާގައި ރިލްވާން އަވަހަށް ފެނި އެނބުރި އާއިލާ އާއި ރައްޓެހިންގެ ގާތަށް އައުމަށް އެދުމުގެ އިތުރުން މިފަދަ ހާލަތްތައް ދިމާވެފައިވާ މައިންނަށް ކެތްތެރިކަން ދެއްވުން އެދިފައި ވެއެވެ. ރިލްވާން އާއިލާގެ އަންހެން މެންބަރަކު ދުއާ އިއްވަމުން ދިޔައިރު ރިލްވާންގެ މަންމަ މިއަދު އާޓިފިޝަލް ބީޗްގައި ހުރެހެން ވަނީ ގިސްލާ ރޮއި ހަދާފަ އެވެ.
މިއަދުގެ ހިނގާލުމުގައި ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނި 2007 ވަނަ އަހަރު ވަޅި ޖަހައި ރާއްޖޭގައި މިހަކު މަރާލި ފަހުން މިހާތަނަށް 31 މަރު ހިނގާފައިވާ ކަމަށާއި ރިލްވާން ގެއްލުމުން މީހުން ވަގަށް ނެގުމާއި ރަހީނު ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގަތުމުގެ ބިރު އެބައޮތް ކަމަށެވެ.
ރިލްވާން ގެއްލިފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ރިލްވާން ހޯދަން ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުޅި ހުޅުމާލެ އެއްކޮށް ބަލައި ފާސް ކޮށްފައިވާ ކަަމަށާއި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓެޖްތައް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް މިހާތަނަށް އެ މައުލޫމާތުތަކުގެ ތަފުސީލެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.