September 19, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ފުލުހުން ހިންގާ ތަހުގީގާ މެދު ގިނަ ސުވާލުތަކެއް ކުރިމަތިކޮށް، މިއަދު މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.
“ސުވާލު މާޗު” ގެ ނަމުގައި ބޭއްވި އެ ހިނގާލުމުގައި ބޭނުން ކުރި ބޯޑުތަކުގައި ހުރީ ހުސް ސުވާލުތަކެވެ. “ރިލްވާން އަށް ވީ ކީއް؟”، “މަންޒަރު ދުށް މީހުންގެ ބަޔާން ނެގީ ކޮން އިރަކު؟،” “ވެއްޓުނު ވަޅި ކޮބާ؟”، “ކާރަށް އެރުވި މީހާ ކޮބައި؟”، އަދި “ހުޅުމާލެއާ ދުރަށް ތަހުގީގު ގެންދަނީ ކޯއްޗެއް ފޮރުވަން؟” ފަދަ ސުވާލުތައް އެ ބޯޑުތަކުގައި ފާހަގަކޮށްފައިވެ އެވެ.
ގަޑިއިރެއްހާއިރުގެ އެ ހިނގާލުމުގައި، ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ގޮތުން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ގޮތުން ތަހުގީގުގެ ބޭނުމަށް މާލޭގެ އެކި ތަންތަން ބަލައި ފާސްކުރީ ކޮންއިރަކު ކަމާއި ހުޅުމާލެ ބަލަން ތިން ހަފުތާގެ މުއްދަތު ނަގާނެތޯ އާއި ރިލްވާން ގެއްލުނު ރޭ ކާރަށް ފިރިހެނަކު އެރުވި ކަމަށް ބުނާއިރު އެއީ އަންހެނެއް ކަމަށް ފުލުހުން ބުނީ ކީއްވެތޯ އާއި އެރޭ ހުޅުމާލޭގައި ތިބި ފުލުހުން ކޮބައިތޯ ވެސް ހިނގާލުމުގައި ސުވާލުކޮށްފައިވެ އެވެ. އަދި އެ މައްސަލަ އަށް ސަރުކާރުން ވެސް އެކަށީގެންވާ ސަމާލު ކަމެއް ނުދޭ ކަމަށް ބުނެ އަޑު އުފުލި އެވެ.
ގެއްލިގެން ހޯދަމުން އަންނަ ރިލްވާންގެ ތަހުގީގާ މެދު ސުވާލުތައް ކުރިމަތިކޮށް މިއަދު ބޭއްވި ހިނގާލުން.—ހަވީރު ފޮޓޯ: ނިޝާން އަލީ
ގެއްލިގެން ހޯދަމުން އަންނަ ރިލްވާންގެ ތަހުގީގާ މެދު ސުވާލުތައް ކުރިމަތިކޮށް މިއަދު ބޭއްވި ހިނގާލުން.—ހަވީރު ފޮޓޯ: ނިޝާން އަލީ
“ރިލްވާން ފެންނަން ދެން އަޅުގަނޑުމެން މި ސުވާލުތައް ކުރިމަތި ކުރާނަން. އަޅުގަނޑުމެންގެ މަގްސަދަކީ ސަރުކާރު ޒިންމާދާރު ކުރުވުން،” އެ ހިނގާލުމުގައި ގޮވައިލި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެން އެ ހިނގާލުން ނިންމާލީ ހާއްސަ ދުއާއަކުންނެވެ. މި ހިނގާލުމުގައި ރިލްވާންގެ އާއިލާގެ އިތުރުން ހެޔޮ އެދޭ މީހުން ބައިވެރިވި އެވެ.