September 8, 2014
މީގެ 31 ދުވަސް ކުރިން ގެއްލުނު ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދަން ކުރާ މަސައްކަތްތަކުގައި ސަރުކާރުން އިހުމާލު ވެފައި ނުވާ ކަަމަށާއި ސަރުކާރުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަމޯއާގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ސަމިޓް ގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ފަހު މާލެ ވަޑައިގަތުމުން އިބްރާހިމް ނާސިިރު އިންޓަނޭޝަނަލް އެއާޕޯޓްގައި (އައިއެންއައިއޭ) ގައި ނޫސްވެރިން ކުރިމަތި އެމަނިކުފާނާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުމޫނު ވިދާޅުވީ އެ މައްސަލައިގައި އެންމެ ފުރަތަމަ ބަޔާނެއް ނެރުނީ ޕީޕީއެމުން ކަމަށާއި ރިލްވާން ހޯދުމަށް ކުރާ މަސައްކަތުގައި ސަރުކާރުން އިހުމާލު ވެފައި ނުވާ ކަމަށެވެ.
“އަޅުގަނޑުމެންގެ ޕާޓި [ޕީޕީއެމް] ގެ ފަރާތުން އެކަން [ރިލްވާންގެ މައްސަލަ] ވަރަށް ގާތުން ބަލަމުން ގެންދަން. އެންމެ ފުރަތަމައިނުންވެސް ޕާޓީން އޮންނާނީ ނޫސް ބަޔާނެއް ވެސް ނެރެފަ. އަޅުގަނޑުމެން އެކަމާ ކަންބޮޑުވާ ކަމާއި އެ ނޫސްވެރިޔާ ގަދަވެ ސަލާމަތުން ހުރެ ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް. ދެން އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރޭ. ސަރުކާރުގެ އިސް ފަރާތް ތަކުން އެކަމަށް އިހުމާލު ކުރައްވާފައެއް ނެތް،” މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން މައުމޫނު ވިދާޅުވީި ރިލްވާން ގަދަވެ ސަލާމަތުން ހުރެ ފެނުމަކީ ކުރައްވާ އުންމީދެއް ކަމަށާއި އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މައުމޫނު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެއްލިގެން ހޯދާ ނޫސްވެރިޔާއާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ދެންނެވުމުން ވިދާޅުވީ “ނޫން ތިޔަކަށް ދެން އަޅުގަނޑު ބުނާނެ އެއްޗެއް ނޯންނާނެ ދެއްތޯ” ކަމަށެވެ.
އަދި ކުރީގެ ރައީސް ނަޝީދު ޓްވިޓާ މެދުވެރިކޮށް ވިދާޅުވެފައި ވަނީ ރިލްވާން ވަނީ ރަހީނު ކޮށްފައި ކަމަށެވެ. ނަމަވެސް އޭގެ އިތުރު އެއްވެސް ތަފްސީލެއް އެ މަނިކުފާނު ނުދެއްވައެވެ. ރިލްވާން ގެއްލިފައިވާ މަައްސަލައިގައި ފުލުހުން އެންމެ ފަހުން ހިއްސާ ކޮށްފައި ވަނީ އޭނާ ގެ ތަހުގީގާއި ގުޅޭ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވި ވާހަކައެވެ.