#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާންގެ މައްސަލާގައި 241 ކޮމިޓީގެ ކުއްލި ބައްދަލުވުމަކަށް އެދިއްޖެ

ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލާގައި މަޖިލީހުގެ ތިން ކޮމިޓީއަކަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަތައް ކުރިއަށް ނުދާތީ ބައެއް ކޮމިޓީ ތަކުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް ހުށަހަޅާ ކޮމިޓީތަކުގައި މިމައްސަލަ އަވަހަށް ކުރިއަށް ގެންދިއުމަށް ބާރު އެޅުމަށް އެމްޑީޕީން މަސައްކަތް ފަށައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން އެ ގުރޫޕްގެ ނައިބް ލީޑަރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ، ރިލްވާންގެ މައްސަލާގައި ކަންހިނގަމުންދާ ގޮތް ސާފުކުރުމަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި ގައުމީ ސަލާމަތުގެ ކޮމިޓީ އަދި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށެވެ. އެއް މައްސަލައެއް މަޖިލީހުގެ ތިން ކޮމިޓީއަކަށް އެއް ފަހަރާ ހުށަހެޅި މިއީ ފުރަތަމަ ފަހަރެވެ.

ރިލްވާންގެ މައްސަލާގައި ކޮމިޓީ ތަކަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުދާތީ 241 ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ ތިން މެންބަރުން ކަމުގައިވާ މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީއާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިން ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ރިލްވާންގެ މައްސަލާގައި މަޖިލީހުގެ ގަވައިދުގެ 123 ވަނަ މާއްދާގެ ދަށުން 241 ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް މިހާރު އެމްޑީޕީން އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިކަމަށް އެދުނު ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.

މަޖިލީހުގެ ކޮމިޓީއެއްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި ކޮމިޓީގެ ބައްދަލުވުން ބާއްވަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެ އެވެ. އެކަމަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ 241 ކޮމިޓީގެ އިތުރުން ރިލްވާންގެ މައްސަލަ ހުށަހަޅާފައިވާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެސް އެ ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ރިލްވާންގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމަށް ވެސް އެމްޑީޕީން މިހާރު ނިންމާފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެގޮތަށް އަމަލުކުރަން ނިންމީ މިނިވަން މުއައްސާއެއް ކަމުގައިވާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ރިލްވާންގެ މައްސަލާގައި އެމްޑީޕީން އެދޭ މިންވަރަށް މަސައްކަތް ކުރާ ކަމަށް ގަބޫލުނުކުރައްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ އަހްމަދު ދީދީ ވާހަކަ ދައްކަވަނީ — ވީފޮޓޯ: އަހްމަދު ރިފާއު

“މިކޮމިޓީއަކީ ވެސް އަޅުގަނޑުމެންގެ ވަރަށް ސީނިއަ ބޭފުޅުން ޑެޕިއުޓީ ލީޑަރުން ރޮޒައިނާ އާދަމްއާއި އިމްތިޔާޒް ފަހްމީއާއި މިފަދަ ހަމަ ސީނިއާ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީއެއް. އެހެންވީމާ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިކަމާ އަޅުގަނޑުމެން ރައްޔިތުން އެދޭ ވަރަށް އަޑުއުފުއްލަވާފައި ނުވާ ކަމަށް ފެންނާތީ އަޅުގަނޑުމެން ހަމަ އެކޮމިޓީއަށް ވެސް ހުށަހަޅައިގެން އަޅުގަނޑުމެންނަށް ކުރެވެން އޮތްހާ މަސައްކަތެއް ވިއްޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލާގައި އަޅުގަނޑުމެން ހަމަ މިދަނީ ވެސް އަދި ދާނީ ވެސް ކުރަމުން،” މާރިޔާ ވިދާޅުވި އެވެ.

ރިލްވާންގެ އާއިލާއާ ހަވާލާދީ މާރިޔާ އިތުރަށް ވިދާޅުވީ ރިލްވާން ދިރިހުއްޓޭ ހޯދޭނެ ކަމުގެ އުއްމީދު ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ރިލްވާންގެ އާއިލާއާ ބައްދަލުކޮށް ދީފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މިމައްސަލާގައި އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އީވާ އަބްދުﷲ ވިދާޅުވީ ރިލްވާންގެ މައްސަލަ އެމްޑީޕީން ހުށަހެޅި ކޮމިޓީ ތަކުގެ ތެރެއިން މިހާތާނަށް ބޭއްވުނީ ގައުމީ ސަލާމަތުގެ ކޮމިޓީ އެކަނި ކަމަށާއި، އެކޮމިޓީ ބޭއްވީ ސިއްރުކޮށްގެން ކަމަށްވާތީ ކޮމިޓީގައި ދެކެވުނު ވާހަކަތައް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ފުލުހުން ހާޒިރުކޮށްގެން ބޭއްވި މިބައްދަލުވުމުގައި ވެސް މާއެދޭ ވަރުގެ މައުލޫމާތެއް މާ އެދެވޭ ވަރުގެ ޖަވާބުތަކެއް މިމައްސަލާގައި ލިބިފައި ނުވާ ކަމަށާއި ނަމަވެސް މެންބަރުންނަކީ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރާ ބަޔަކަށްވާއިރު މުއައްސަސާތަކުން ކޮމިޓީގައި މެންބަރުންނަށް ތެދު ބަހުން މައުލޫމާތު ދޭންޖެހޭ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ގައުމީ ސަލާމަތަށްޓަކައި ކޮމިޓީއެއް ސިއްރުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ކަމަށާއި ނަމަވެސް އޭގެ މާނައަކީ ކޮމިޓީއަށް މައުލޫމާތު ހާމަކުރަން ދެކޮޅު ހެދުން ނޫން ކަމުގައިވެސް އީވާ ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް ސިއްރު ކޮމިޓީގައި ހިނގާދިޔަ ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކޭކަށް ނޯންނާނެ. އެހެންނަމަވެސް އަޅުގަނޑު ހާމަ ފާހަގަކޮށްލަން ބޭނުން ޕްރެސް ކޮންފަރެންސެއްގައި ވެސް ފުލުހުން ދެއްވާނޭ މައުލޫމާތު އެ ސިއްރު ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ދެއްވީ. ނޯ ކޮމެންޓް. ނޯ ކޮމެންޓް. އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭނީ އެމޭރުމުންނޭ އެ ކޮމިޓީގައި ވެސް އޭ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވުން ފާޅުކުރަންޖެހޭ ކަމެއް،” އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ — ވީފޮޓޯ: އަހްމަދު ރިފާއު

އޭނާ ވިދާޅުވީ ރިލްވާންގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާތީ ސަރުކާރުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މިމައްސަލަ ބަލަމުންދޭތޯ އެމްޑީޕީން ޔަގީންކުރާނެ ކަމަށެވެ. އަދި ރިލްވާންގެ މައްސަލަ އެމްޑީޕީން މީގެ ކުރިން ވެސް އަމަލުކޮށްފައިވާ ގޮތަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މިއަދު މުޖުތަމައުގައި ބިރުވެރިކަން އެބައޮތް ކަމަށާއި އެމްޑީޕީން މަސައްކަތް ކުރަނީ އެ ބިރުވެރިކަން ފިލުވާލަދީ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އިބްރާހީމް ދީދީ ވިދާޅުވީ ރިލްވާންގެ މައްސަލަ މަޖިލީހުގެ ކޮމިޓީ ތަކަށް ހުށަހެޅުމުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އަދި ސަރުކާރުގެ ހިންގާ ޕާޓީ، ޕީޕީއެމްގެ މެންބަރުންގެ އަމަލުތައް ހުރީ ކަންބޮޑުވާންޖެހޭ ފަދަ ގޮތަކަށް ކަމަށެވެ.

ދީދީ ވިދާޅުވީ މިއަދު އަހްމަދު ރިލްވާން ގެއްލުނު ގޮތަކަށް މާދަމާ ކޮންމެވެސް އެހެން މީހެއް ގެއްލުމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ. ދިވެހި ގައުމުގެ ސަލާމަތާ ރައްކާތެރިކަން ގެއްލި ޖަންގަލީގެ ގާނޫނު ހިނގާ ހިސާބަށް ގައުމުގެ ހާލަތު ބަދަލުވަމުންދާ ތަން ފެންނަ ކަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދިވެހި ސިފައިންނާ ފުލުހުން އެމީހުންނަށް ލިބިފައިވާ ގާނޫނީ ބާރު ހެޔޮ ގޮތުގައި ބޭނުންކޮށްގެން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް މަސައްކަތް ކޮށްދިނުމަށް ވެސް ދީދީ އެދިވަޑައިގެންނެވި އެވެ.

“ގާނޫނު އަސާސީން ސިފައިންނާ ފުލުހުންނަށް އެބަ ލާޒިމްކުރޭ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ސަލާމަތްތެރިކަން ޔަގީންކުރުން. އަޅުގަނޑުމެންނަކީ އިރުއިރުކޮޅުން ހަނގުރާމަ ކުރާ ބައެއް ނޫން. ހަނގުރާމަ އެހެން ބަޔަކާ އެއްކޮށް ކުރަންޖެހޭނެ ބައެއް ކަމަކަށް ވެސް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެހެންކަމަށްވާ ކަމަށް ވަންޔާ ދިވެހިރާއްޖޭގެ ރައްޔިތުންގެ ބަޖެޓުން ހަރަދުކޮށްގެން މިގައުމުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި މިހިމެނޭ ދިފާއީ ބާރާ ދިވެހި ފުލުހުންގެ ބާރުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ސަލާމަތްތެރިކަން ނުބެލެހެއްޓޭ ކަމަށްވަނީނަމަ ދެން ކޮން ކަމެއްތޯ އަޅުގަނޑުމެން ކުރަން މިއުޅެނީ،” ކުރީގެ ބްރިގޭޑިއަ ޖެނަރަލް ވިދާޅުވި އެވެ.
މަޖިލީހުގެ 241 ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހީމް ދީދި ވާހަކަ ދައްކަވަނީ — ވީފޮޓޯ: އަހްމަދު ރިފާއު

ދީދީ އިތުރަށް ވިދާޅުވި ރިލްވާން ގެއްލުމުން ފުލުހުން އެމައްސަލަ ބަލަން ފެށީ ގެއްލިގެން ހޯދާތާ ދެ ހަފްތާ ފަހުން ބަޔަކު އެތަނަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ. ނަމަވެސް އޭރު މީޑިއާގައި އެ ވާހަކަ ދައްކަމުން ގޮސްފައިވާ ކަމަށާއި އެހެންކަމުން ފުލުހުން އެމައްސަލަ ބެލުން ފަސްކުރި ކަމަށް ވިދާޅުވެ އިބްރާހީމް ދީދީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރިލްވާންގެ ގެއްލިފައިވާތީ އޭނާ ހޯދުމަން ރިލްވާންގެ އާއިލާ އިން ވަނީ ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާ ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ. ރިލްވާން ގެއްލުނީ މިދިޔަ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވާއިރު، މިމައްސަލާގައި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.