#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލާނެ ކަމަށް ޕީއައިސީން ބުނޭ: އާއިލާ

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުން ޖަވާބުދާރީކޮށް ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލާނެ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީން) ބުނެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާ ބައްދަލުކުރުމަށްފަހު މީޑިއާއަށް މައުލުމާތު ދެމުން ރިލްވާން މަސައްކަތް ކުރި މިނިވަން ނިއުސްގެ ފަރާތުން ޒަހީނާ ރަޝީދު ވިދާޅުވީ ޕީއައިސީއާއި ބައްދަލުކުރަންޖެހުނީ ރިލްވާން ގެއްލުނުތާ 39 ދުވަސްވެފަވާއިރު އެ މައްސަލައާއި ގުޅިގެން އެއްވެސް ޖަވާބެއް ދީފައިނުވާތީ ކަމަށެވެ.

ޒަހީނާ ވިދާޅުވީ ރިލްވާން ގެއްލުނު ރޭ ފުލުހުންގެ އެއްވެސް އިހުމާލެއް ހިނގައިފައިވޭތޯ ބަލައިދިނުމަށް ޕީއައިސީގައި އެދިފައިވާނެ ކަމަށާއި ރިލްވާން ގެއްލުނު މައްސަލަ ވަރަށް ސީރިއަސްކޮށްބަލައި ފުލުހުން ޖަވާބުދާރީކޮށް ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައިދޭނެ ކަމަށް ޕީއައިސީން ބުނެފައިވާ ކަމަށެވެ.

“ފުލުހުން އެބަ ބުނޭ މިކަހަލަ ކަންތައްތައް ތަހުގީގު ކުރުމުގައި ފުލުހުންގެ ގާބިލުކަން އެބަހުއްޓޭ. ނަަމަވެސް 39 ދުވަސްވާއިރު އަޅުގަނޑުމެންނަށް އަންގާފައެއް ނެތް ރިލްވާން ގެއްލުވާލީތޯ ވަގަށްނެގޯތޯ ގެއްލުނީތޯއެއް. އަދި މި ކޭސްގެ ބާވަތެއްވެސް ހިއްސާކޮށްފައެއް ނެތް،” ޒަހީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިލްވާންއަށް ވީހިކިހެނެއްތޯއާއި އޭނާ ކޮބައިތޯނޭނގޭހާ ހިނދަކު ރާއްޖޭގައި މީހުން ގެއްލުވާލުމުގެ ސަގާފަތެއް އާންމުވެދާނެތީ ކަންބޮޑުވާ ކަމަށެވެ.

ރިލްވާން ގެއްލުނުތާ މަހަކަށްވުރެއް ގިނަދުވަސްވެފަވާއިރު ފުލުހުންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭތީ މައްސަލައެއްގެ ގޮތުގައި ޕީއައިސީއަށް ހުށަހެޅުން ލަސްކުރަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޒަހީނާ ވިދާޅުވީ އެއްބައި މައްސަލަތަކަކީ އޭގެ ބާވަތުން ތަހުގީގުކުރަން އުނދަގޫ މައްސަލަތަކެއް ކަމަށާއި އެހެންކަމުން ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ފުލުހުންނަށް ޖާގަދޭން ބޭނުންވާ ކަމަށެވެ.

ރިލްވާން ގެއްލުނުތާ 39 ދުވަސްވެފަވާއިރު ފުލުހުން މިއަދު ބުނެފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ފަހުން އެއްވެސް މީހަކަށް ހުޅުމާލެއިން އޭނާ ފެނި މުއާމަލާތް ކުރިން ކަށަވަރުކޮށްދެއްވިފައި ނުވާ ކަމަށާއި ރިލްވާން ދިރިއުޅޭ ފްލެޓް ސަރަހައްދުގައި ހިނގި ހާދިސާއާ ރިލްވާން ގެއްލުނު ހާދިސާއާ ގުޅުންހުރި ކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ރިލްވާން މައްސަލައިގެ ތަހުގީގުގައި މިހާތަނަށް 79 ތަނެއްގައި ހުރި 157 ކެމެރާއިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް އެތަކެތި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފްޓޭޖުތަކުން ކަށަވަރުވާ ގޮތުގައި އެންމެ ފަހުން އޭނާ ފެނިފައިވަނީ އޮގަސްޓް އަށް ވަނަދުވަހުގެ 12:55 ހާއިރު ހުޅުމާލޭ ފެރީ ޓާރމިނަލުން ކަމަށާއި އޭނާ ހޯދަން ހުޅުމާލޭ ކައިރި ސަރަހައްދުތަކަށް 521 މިނިޓްގެ ޑައިވްކޮށް އެ ޑައިވްތަކާއި 267197.5 އަކަމީޓަރުގެ ސަރަހައްދެއް ބަލައި އަދި ކަނޑުމަތިން 84 އުޅަނދެއް ފާސްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފައި ވެއެވެ.

ތަހުގީގުގައި މިހާތަނަށް މާލެއިން ނުވަ ގެއެއް ބަލައި ފާސްކޮށް ހުޅުމާލޭގެ ގޭގެއާއި ގުދަންތަކާއި ގަރާޖްތައް ހިމެނޭގޮތަށް 139 އަށް ވުރެ ގިނަ ތަން ބަލައި ބައެއް ރަށްރަށުގެ ގެސްޓްހައުސްތަކާއި ގޭގެ މިހާރުވެސް ބަލަމުން އަންނަ ކަމަށާއި މިހާތަނަށް 128 މީހުންނާ ސުވާލުކޮށް ބަޔާން ނަގައި 387 މީހަކާ ސުވާލުކޮށްފައިވާ ކަމަށާއި ހުޅުމާލޭގައި މީހުން ދިރިއުޅޭ 77 އެޕަޓްމަންޓަކުން 192 މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.