September 22, 2014
ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާގެ މައްސަލައިގައި ބޭރުގެ މާހިރަކު ތައްޔާރުކުރި ތަހްގީގު ރިޕޯޓް، އެމައްސަލައިގައި ތުހުމަތު ކުރެވޭ ބައެއްގެ ފޮޓޯތަކަކާއެކު މިއަދު ނެރެފި އެވެ.
މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ބޭރުގެ އަމިއްލަ ފާމަކާ ގުޅިގެން އެކުލަވާލާފައިވާ މިރިޕޯޓް ނެރެފައިވަނީ މިއަދު މޫކާއި ހޮޓެލްގައި މިކަމަށްޓަކައި ބޭއްވި ނޫސްވެރިންގެ ހާއްސަ ބައްދަލުވުމެއްގަ އެވެ. ރިލްވާންގެ މައްސަލަ ތަހުގީގުކޮށް ރިޕޯޓް އެކުލަވާލާފައިވަނީ އިނގިރޭސިވިލާތުގައި މިފަދަ މައްސަލަތައް ތަހުގީގުކުރާ އަމިއްލަ ކުންފުންޏަކުން ކަމަށް އެމްޑީއެން އިން ބުނެ އެވެ.
އެމްޑީއެންގެ ރައީސް ސަހިންދާ އިސްމާއިލް ވިދާޅުވީ މި ރިޕޯޓުގެ މަގުސަދަކީ ރިލްވާން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުން ކަމަށެވެ. އަދި މިރިޕޯޓުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ބަދަލުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޮލިސް އިންޓަސަހިންދާ ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް އެކުލަވާލުމަށް ތަހުގީގުކޮށްދިން އިނގިރޭސިވިލާތުގެ ފާމުގެ އެހީތެރިކަން ފުލުހުން ބޭނުންވާނަމަ އެފަރާތުގެ އެހީތެރިކަން ފުލުހުންނަށް ލިބޭނެ ކަމުގަ އެވެ. އަދި މިރިިޕޯޓް ފުލުހުންނަށް މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ރިޕޯޓުގައި ރިލްވާން ގެއްލުނު ހާދީސާއާއި ގުޅޭ ގޮތުން ވަކި ނިންމުމެއް ނިންމާފައި ނުވި ނަމަވެސް ގަބޫލު ކުރެވޭ ގަބޫލުކުރުން ތަކެއް ހިމަނާފައިވެ އެވެ. އަދި ރިލްވާން ގެއްލުނީތޯއާއި ނުވަތަ އަމިއްލައަށް ފިލީތޯއާއި އަމިއްލައަށް މަރުވީތޯ އާއި ނުވަތަ ރަހީނުކުރީތޯ ސުވާލުކޮށްފައިވެ އެވެ. އަދި އެސުވާލު ތަކުގެ ޖަވާބު ފުލުހުންގެ ތަހުގީގުން ސާފުކޮށްދިނުމަށް ވެސް ސަހިންދާ އެދިވަޑައިގެންނެވި އެވެ.
ތަހުގީގުކުރި ފަރާތުން އެކުލަވާލާފައިވާ ރިޕޯޓުގައި އެފަރާތަށް ފެނުނު ކަންކަމާއި ރިލްވާނަށްވީ ގޮތެއް ވުމުގައި ފެންނަން ހުރި ހެކިތަކެއް ވެސް ހިމަނާފައިވެ އެވެ. އަދި ރިލްވާނަށް އެވީގޮތެއް ވުމާއި ގުޅުން ހުރި މީހުންގެ ފޮޓޯއާއި އެމީހުންގެ ނަންތަކާއި އެމީހުންނާ ގުޅުންހުރި ބައެއް ޒާތީ މައުލޫމާތުތައް ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ. މިރިޕޯޓުގައި ފޮޓޯ އާންމުކޮށްފައިވާ ހަތަރު މީހުންނަކީ ވެސް މާލޭގެ ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ ބައެއް ރިޕޯޓުގައި ބުނެފައިވެ އެވެ.