September 1, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުނު މައްސަލަ އެމްޑީޕީން އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފި އެވެ.
މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދި ވިދާޅުވި ގޮތުގައި މައްސަލަ އިއްޔެ އަލުން 241 ކޮމިޓީ އަށް ހުށަހެޅުއްވީ ކުރިން މި މައްސަލަ ހުށަހެޅުމުން އެ ކޮމިޓީ ކުރިން ބަލައިދީފައި ނެތުމުންނެވެ. އަދި ރިލްވާންގެ މައްސަލާގައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ހާޒިރު ކުރެއްވި ނަމަވެސް، އެކަށީގެންވާ ގޮތުގައި ޖަވާބުދާރީވެވަޑައި ނުގަތުމުން ކަމަށް މާރިޔާ ވިދާޅުވި އެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ގެއްލުނު ރިލްވާންގެ މައްސަލަ ގައުމީ ސަލާމަތު ކޮމިޓީގެ އިތުރުން 241 ކޮމިޓީ އާއި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ވެސް އެމްޑީޕީން އޮތީ ހުށަހަޅައިފަ އެވެ.
“އަޅުގަނޑުމެން މި ފަހަރު ވެސް މި ހުށަހެޅީ މި މައްސަލާގައި ކޮމިޓީ ބާއްވައިދިނުމަށް. އެއީ މިހާތަނަށް މި މައްސަލާގައި މާ ބޮޑު ކުރިއެރުމެއް ލިބިފައި ނެތުމުން،” އެމްޑީޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މާރިޔާ ވިދާޅުވި އެވެ.
މަޖިލީހުގެ 241 ކޮމިޓީގެ އިތުރުން، ރިލްވާންގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓި އަށް ހުށަހަޅުއްވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މި މައްސަލަ ހުށަހަޅުއްވަނީ މި މައްސަލަ އެކަށީގެންވާ ގޮތެއްގައި ބަލަމުންދާ ކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މައްސަލަ ހުށަހެޅީ، އެޗްއާރުސީއެމް ޖަވާބުދާރީކުރުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
“ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަޅުގަނޑުމެން އެދޭ ވަރަށް [މި މައްސަލާގައި] މަސައްކަތް ކޮށްފައި ނެތް،” އޭނާ ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ޕޮލިސް ކޮމިޝަނަރު ހާޒިރުކުރެއްވި ބައްދަލުވުން ސިއްރު ކުރި ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ޕޮލިސް ކޮމިޝަނަރު ޖަވާބުދާރީވެވަޑައި ނުގަތެވެ.
“ރިލްވާން ގެއްލުނުތާ 24 ދުވަސް ވީއިރު، ސަރުކާރާއި ފުލުހުން އަމަލުކޮށްފައިވަނީ ހިތްހަމަޖެހޭ ގޮތެއްގައެއް ނޫން،” އީވާ ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިން މި މައްސަލާގައި އަޅާނުލާނަމަ، ސަލާމަތީ ބާރުތަކަކީ ރައްޔިތުންގެ ސަލާމަތުގައި ތިބި ބައެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި އެވެ.
“އެކަމުގެ ސަބަބުން ޖަންގަލީގެ ގާނޫނު މިދަނީ ފެތުރިގެން،” ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވި އެވެ.
މި މައްސަލާގައި އެމްޑީޕީން ކަންބޮޑުވެ މަޖިލީހަށް މައްސަލަ ހުށަހެޅި ނަމަވެސް، އެކަންކަން ކުރިއަށް ގެންދެވޭނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، ޕީޕީއެމްގެ އެއްބާރުލުން ލިބިގެން ކަމަށް އީވާ ވިދާޅުވި އެވެ.