September 25, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމާ ބެހޭގޮތުން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ބަލައިގަންނަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ހޯލްގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށާއި އެކަން ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި އެ ރިޕޯޓުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް އެއްވެސް ހުރަހެއް އެޅޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ ފުލުހުންގެ އެދުމުގެ މަތިން ނެރެފައިވާ ރިޕޯޓެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
“އެކި ފަރާތްތަކުން ފުލުހުންނަށް މައުލޫމާތު ފޯރުކޮށް ދޭނީ އެކި ފެންވަރުގައި އެކި ގޮތްގޮތަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި ޑިމޮކްރަސީ ނެޓްވޯކުން ހުށަހަޅާފައިވާ ރިޕޯޓުގައިވާ މައުލޫމާތަކީ ފުލުހުންގެ އެދިވަޑައިގަތުމުގެ މަތިން ހުށަހަޅާފައިވާ މައުލޫމާތު،” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރިލްވާންގެ މައްސަލައިގައި މިހާތަނަށް ފުލުހުންނަށް އެކަށީގެންވާ ކުރިއެރުމެއް ހޯދިފައިނުވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެމްޑީއެންގެ ރިޕޯޓްގެ ބޭނުން ހިފައިގެން އެ ތަހުގީގު ބާރަށް ކުރިއަށް ގެންދަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުން ނެރޭ ރިޕޯޓްތަކަށް ފާޑު ކިޔުމުގެ ބަދަލުގައި ސަރުކާރުން ވެސް އެ ރިޕޯޓްތައް ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަމާ ސަރުކާރުން އަޅާ ނުލާ ނަމަ އެކަމުން އިތުރު ހަމަނުޖެހުންތަކެއް އުފެދިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
“ކޮންމެ ވާހަކައެއް އަޅުގަނޑުމެން ދަންނަވާއިރަށް ތިއީ ސިޔާސީ ކުޅިއޭ ވިދާޅުވެ އެކަމަށް ޖަވާބު ނުދެއްވީމާ އެއީ ގައުމީ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫން. ސިޔާސީ ޕާޓީތަކުން އަދި ވަކިން ޚާއްސަކޮށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުން ދައުލަތުގެ ކަންކަމާ ބެހޭގޮތުން ފާހަގަކުރައްވާ ކަންކަން ބަލައިގަންނަންޖެހޭ.” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ ރިޕޯޓް ފުލުހުން ބަލައިގަންނަންޖެހޭ ނަމަވެސް އޭގެ ސަބަބުން އެއްވެސް ބައެއްގެ ހައްގަށް އުނިކަމެއް ލިބިފައިވާ ނަމަ އެކަމެއް ފުލުހުން ބަލަންޖެހޭނެ ކަމަށެވެ. އަދި އެކަން ބެލުމަށް ފަހު ކުށެއް ނެތް ބަޔަކު ތިބި ނަމަ އެ ބަޔަކު އެކަމުން ބަރީއަކޮށް ދިނުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
“އަޅުގަނޑު އެދެން އެ މައުލޫމާތުތައް ބައްލަވާ އެއިން ގޯސް މައުލޫމާތެއް ވާ ނަމަ ނުވަތަ ރަނގަޅު ނޫން ވާހަކައެއް ދެކެވިފައިވާ ނަމަ އެކަމެއް ފާހަގަ ކުރައްވައި އަދި އެ ރިޕޯޓްގެ ސަބަބުން އެއްވެސް ބޭފުޅެއްގެ ނަފްސަށް ނުވަތަ ހައްގަކަށް ގެއްލުމެއް ލިބިފައިވާ ނަމަ އެކަމެއް ވެސް ބައްލަވައި ދެއްވުމަށް،” ނަޝީދު ވިދާޅުވި އެވެ.
މިރޭގެ އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުން ވެސް ވަނީ ރިލްވާން ގެއްލުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ފުލުހުން އެ މައްސަލަ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރާ ކަމާ މެދު ގިނަ މެމްބަރުން ސުވާލު އުފެއްދެވި އެވެ. އަދި ފުލުހުންގެ ކަންކަން ބަލާ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވެސް އެކަމާ މެދު ފިޔަވަޅެއް އަޅާފައި ނުވާތީ އެ ކޮމިޝަން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް ގިނަ މެމްބަރުން ވިދާޅުވި އެވެ.
އެ ބައްދަލުވުމަކީ އެ ޕާޓީގެ އާ ލީޑާޝިޕްގެ ދަށުން ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ބައްދަލުވުމެވެ.
ރިލްވާންގެ މައްސަލައިގައި އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެއީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.