September 4, 2014
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ނޫސްވެރިންގެ ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ މިއަދު ބައްދަލުކޮށްފި އެވެ.
ރިލްވާންގެ މައްސަލައިގައި އެކި މީޑިއާތައް ގުޅިގެން އެކުލަވާލާފައިވާ ކޮމެޓީން ބުނީ މިއަދު ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިންނަށް ދިމާވާ އެކިއެކި ނުރައްކާތައް މަޖިލީހުގެ ރައީސާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ މަޖިލީހަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް އެދުމުގެ އިތުރުން ނޫސްވެރިންނާއި މީޑިއާ އިދާރާތަކަށް ދީފައިވާ ގެއްލުންތަކަށް އިންސާފު ލިބުން ލަސްވަމުންދާތީ އެކަން ވެސް މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ.
އެ ކޮމެޓީން ބުނީ ނޫސްވެރިއަކު ގެއްލުމަކީ އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށެވެ. އަދި ނޫސްވެރިންގެ ޒިންމާ ފުރިހަމައަށް އަދާ ކުރުމަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި ކަމެއް ކުރުމުގެ އިތުރުން އެކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް ދެއްވި ކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ. އަދި ޝަރީއަތްތައް އަވަސް ކުރުމަށް ހެއްކާ ބެހޭ ބިލާއި ޖިނާއީ އިޖްރައާތުގެ އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މަސީހު ވިދާޅުވި ކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ.
“ނޫސްވެރިންނަށް ބިރު ދެއްކުންތައް ކުރިމަތި ވިޔަސް ނޫސްވެރިންގެ ވާޖިބު އަދާކުރުން ހުއްޓާނުލަން ވެސް ވިދާޅުވި. އެކަމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ،” އެ ބައްދަލުވުމުގައި ބައިވެރިވި މިނިވަން ނިއުސްގެ ޑެޕިއުޓީ އެޑިޓާ ޒަހީނާ ރަޝީދު ވިދާޅުވި އެވެ.
އެ ކޮމެޓީން މީގެ ކުރިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނާއި މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު )އިބޫ( އާ ވެސް ބައްދަލުކޮށްފަ އެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާން ހޯދުމުގެ މަސައްކަތް ފުލުހުން ވެސް އާއިލާ އިން ވެސް އަންނަނީ ކުރަމުންނެވެ.