#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާންއާ ގުޅޭ ރިޕޯޓް ނެރުނީ ސިޔާސީ މަގުސަދެއް ހާސިލް ކުރަން: ޕޮލިސް

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް އިން އިއްޔެ ރިޕޯޓެއް އާންމުކުރީ ސިޔާސީ ވަކި މަގުސަދުތަކެއް ހާސިލް ކުރުމަށް ކަމަށް ދެކޭ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ޔޫކޭގެ ތަޖުރިބާކާރު އިންވެސްޓިގޭޓަރަކާ ހަވާލުކޮށްގެން ދެ ހަފުތާގެ މުއްދަތަށް ޑިމޮކްރެސީ ނެޓްވޯކުން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓަށް ރައްދު ދީ، ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ “އެ ލިޔުމަކީ ޒިންމާދާރު ކަމެއް ނެތި، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް، ސާބިތު ހިފޭ ފަދަ މައުލޫމާތެއްގެ މައްޗަށް ބިނާކުރުމެއް ނެތި، ސިޔާސީ ވަކި މަގުސަދުތަކެއް ހާސިލް ކުރުމަށް އާއްމުކޮށްފައިވާ ލިޔުމެއް ކަމުގައި” ފުލުހުން ދެކޭ ކަމަށެވެ.

“ހަމަ އެހެންމެ އަހުމަދު ރިޟްވާން އަބްދުﷲ ހޯދުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުން ތަހުގީގު ކުރިއަށް ގެންދަނިކޮށް، ރައްޔިތުންގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންކުރުމުގެ މަގުސަދުގައި އާއްމުކޮށްފައިވާ އެ ލިޔުމުގެ ސަބަބުން ފުލުހުން ކުރަމުންދާ ތަހުގީގަށް ގިނަގުނަ ހުރަސްތަކެއް ކުރިމަތިވާނެ އެވެ،” ފުލުހުންގެ ވެބްސައިޓްގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި “ވަކި ބަޔަކު ރިލްވާން ފޮރުވިކަން ނުވަތަ ފޮރުވައިގެން ގެންގުޅޭކަން ރައްޔިތުންނަށް ވިސްނައި ދިނުމަށް”، އެކަން ކުރި ކަމަށް ތުހުމަތުކޮށް އާއްމު މީހުންގެ ފޮޓޯ އާއި ވަނަވަރު، ޑިމޮކްރެސީ ނެޓްވޯކްގެ ރިޕޯޓުގައި އާއްމުކޮށްފައި ވުމަކީ، އެ މީހުންގެ އިންސާނީ ހައްގުތައް ގެއްލި، އިންސާނީ ކަރާމާތަށް އުނިކަން ލިބި، އެ މީހުންނާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދި، އެ މީހުންގެ ސަަލަމާތާއި ރައްކާތެރިކަމަށް ނުރައްކާވާނެ ކަމެއް ކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ދެކެ އެވެ.

ފުލުހުން ބުނީ ރިލްވާން ގެެއްލުނު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާއިރު، އެ ތަހުގީގާ ގުޅޭ މައުލޫމާތުތައް އޭނާގެ އާއިލާ އާއި އެހެނިހެން ފަރާތްތައް މެދުވެރިކޮށް، “ވަކި މަގުސަދެއް ހާސިލް ކުރުމަށް” ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނި ގޮތުގައި ރިލްވާން ހޯދުމުގެ ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަނިކޮށް، އެ މައްސަލައާ ގުޅޭ ކަށަވަރު ނުކުރެވޭ މައުލޫމާތުތައް ހާމަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު މުޖުތަމައަށް ކޮށް، ބައެއްގެ މަސްލަހަތު ގެއްލުމުގެ ފުރުސުތު އޮތްއިރު، އެއީ ރައްޔިތުންނާ ހިއްސާކޮށްގެން ވާނެ މައުލޫމާތުތަކެއް ކަމުގައި ފުލުހުން ނުދެކެ އެވެ.

ރިލްވާންއާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް ނެރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝަހިންދާ (ވ) ވާހަކަ ދައްކަވަނީ.—ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
ރިލްވާންއާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް ނެރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝަހިންދާ (ވ) ވާހަކަ ދައްކަވަނީ.—ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން
“ދަންނަވަމެވެ. ފުލުހުން ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތާއި އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންނަށް ލިބޭ މައުލޫމާތުތައް އާއްމު ނުކޮށް ރައްކާތެރިކަމާ އެކު ބަލަހައްޓަމުން ގެންދަނީ އެ ފަދަ މައުލޫމާތުތަކަކީ އެތައް ބައެއްގެ މަސްލަަހަތުތައް އޭގައި ހިމެނޭ މައުލޫމާތުތަކަކަށް ވާތީ އެވެ. އަދި އެފަދަ މައުލޫމާތުތައް ހާމަކުރުމުގެ ސަބަބުން އެތައް ބައެއްގެ އިންސާނީ ހައްގުތައް ގެއްލި މުޖުތަމައުގެ އަމާންކަމަށް އެކަމުގެ ނޭދެވޭ އަސަރުކޮށް އެކަމުގެ ސަބަބުން މުޖުތަމައުގެ އާއްމު މަސްލަހަތު ގެއްލިގެން ދާނެތީ އެވެ،” ބަޔާނުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި، ރިލްވާންއާ ގުޅޭ ތަހުގީގު ޑިމޮކްރެސީ ނެޓްވޯކް އިން ކުރިއަށް ގެންދިޔަ ގޮތް ބަލައި އެ ކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ އެވެ. އަދި އެ ރިޕޯޓުގައި ޒާތީ މައުލޫމާތު އާއްމުކުރި މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާ ވެފައިވާ ކަމަށް ބުނެ މިހާރު ވެސް އެ މީހުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި ދިވެހި ފުލުހުންނަކީ އެމެރިކާ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ ފަދަ ގައުމު ތަކުން ތައުލީމާއި ތަމްރީނުގެ އިތުރުން ތަޖުރިބާ ލިބިގެން ތިބި، ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ބައެއް ކަމަށެވެ.

“އަދި ދިވެހި ފުލުހުންގެ މުއައްސަސާ އަކީ އެންމެ ކުދި ކުށްތަކުގެ މައްސަލަތަކުން ފެށިގެން ގޮސް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ކުރުމުގެ ހުނަރާއި ގާބިލްކަން ހުރި މުއައްސަސާއެއް ކަމުގައި ދަންނަވަމެވެ،” ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރިލްވާން ހޯދުމުގެ މަސައްކަތް ކިތަންމެ ގިނަ ދުވަސްތަކަކަށް ދިގުލައިގެން ދިޔަސް، ހަގީގަތާ ހަމައަށް ވާސިލް ވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް، ފޫހިކަމެއް ނެތި ފުލުހުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ރިލްވާންގެ އާއިލާ އަށް ދޭ ކަމަށެވެ.

“އަދި މި ހާދިސާގައި އެއްވެސް ފަރާތެއްގެ ކުށެއް ނުވަތަ އިހުމާލެއް ވާ ނަމަ އެ ފަރާތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގައި މޯލްޑިވްސް ޕޮލިސް ސަވިސް އިން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ވެސް ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،” ބަޔާނުގައިވެ އެވެ.

ރިލްވާންއާ ގުޅޭ ގޮތުން ޑިމޮކްރެސީ ނެޓްވޯކުން ނެރުނު ރިޕޯޓުގައި އޭނާ ގެއްލުމާ ގުޅިގެން މިހާތަނަށް ފެތުރިފައިވާ އަޑުތައް ވަކިވަކިން ބަލައި މައުލޫމާތު އެއްކޮށްފައިވެ އެވެ. އެ ރިޕޯޓުގައިވާ މައުލޫމާތުތަކަށް ޖުމްލަކޮށް ބަލާއިރު، ރިލްވާން “ގެއްލުނީ” އޭނާ އަށް މަރުގެ އިންޒާރުތަކެއްދީފައި ވަނިކޮށެވެ.

ރިޕޯޓް ނެރުމަށް އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން ވާހަކަ ދެއްކެވި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ ކުރީގެ ރައީސް ޝަހިންދާ އިސްމާއިލް ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު، ޔޫކޭގެ ތަޖުރިބާކާރު އިންވެސްޓިގޭޓަރަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔައީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. މީހުން ގެއްލުވާލުމާއި ވަގަށް ނެގުމަކީ ރާއްޖޭގައި މުޅިން އަލަށް ފާޅުވި ކުށުގެ އަމަލަކަށް ވާތީ އެ ބާވަތުގެ މައްސަލަތައް ތަހުގީގު ކުރުމުގެ ފުރިހަމަ ކުޅަދާނަކަމާއި ތަޖުރިބާ ފުލުހުންގެ ކިބައިގައި އަދި ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް 19 ސޮފްހާގެ އެ ރިޕޯޓުގައިވެ އެވެ.

ޝަހިންދާ ވިދާޅުވި ގޮތުގައި އިންވެސްޓިގޭޓަރަކާ ހަވާލުކޮށްގެން ނެރުނު އެ ރިޕޯޓުން ފުލުހުންގެ ތަހުގީގަށް ހުރަސްއެޅޭނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ.