September 4, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން، އޯގަސްޓް ހަތް ވަނަ ދުވަހުގެ ރޭ ގެއްލުނު މައްސަލާގައި ދެ މިނިސްޓަރަކާއި ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
ރިލްވާން ގެއްލުނުތާ 27 ދުވަސްވެފައިވާއިރު، އެ މައްސަލާގައި މައުލޫމާތު ސާފިކުރުމަށް މިއަދު ކޮމިޓީ އަށް ހާޒިރުކުރީ، ސީޕީގެ އިތުރުން ހޯމް މިނސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
އެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެނެވެ.
މަޖިލީހުގެ 241 ކޮމިޓީއަށް މި ބޭފުޅުން ހާޒިރުކުރިއިރު، ރިލްވާންގެ މައްސަލާގައި ރޭ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އެއްވެސް މުއައްސަސާއެއް ހާޒިރުކުރަން ފާހެއް ނުކުރެ އެވެ. އެހެންވެ އެކަމުގެ ކަންބޮޑުވުން އެމްޑީޕީގެ މެމްބަރުން ވަނީ ފާޅުކުރައްވައިފަ އެވެ.
ސޯޝަލް މީޑިއާގައި “މޮޔަމީހާ” ގެ ނަމުން މަޝްހޫރުވެފައިވާ ރިލްވާން، ގެއްލިފައިވާ އިރު، އޭނާ އަށް ވީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ކާރެއް ގެންގޮސްފައިވާ އިރު، ހަތަރު މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.
ރިލުވާން ހޯދުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް އެބަދާ ކަމަށާއި އޭނާ ގެއްލުނު މައްސަލައިގައި މިހާތަނަށް ދުއިސައްތައެއްހާ މީހުންނާ ސުވާލުކޮށް 80 އަށް ވުރެ ގިނަ މީހުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައިވެ އެވެ.