September 3, 2014
ގެއްލިގެން މިހާރު ހޯދަމުންދާ، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ނުފެނި ގިނަ ދުވަސްވާތީ އެ މައްސަލިގައި ސަމާލުކަން އިތުރު ކުރުމަށް އިއްޔެ ރާއްޖެ ޓީވީގެ ހަބަރުތައް ފުސްކޮށްލައިގެން ގެނެސްދީފި އެވެ.
ރާއްޖެ ޓީވީގެ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ ރިލްވާން ގެއްލުމުގެ ހިތާމައިގައި އެ ސްޓޭޝަނުގެ ހުރިހާ ހަބަރު ގަޑިތަކެއްގައި އެ ނޫސްވެރިޔާގެ ހަބަރުތައް ގެނެސްދޭއިރު ފޯކަސް އައުޓް ކޮށްލާފައި ނުވަތަ މަންޒަރު ފުސްކޮށްލާފައި ދައްކާފައިވާ ކަމަށެވެ. އަދި މިއީ “މިވަގުތު މަންޒަރުގައި ރިލްވާން ފެންނަން ނެތުމުން” އެކަމުގެ ސަމާލުކަން ކައްސާލިޔަ ނުދިނުމަށާއި އޭނާ ހޯދުމުގައި މަސައްކަތަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް އަސްވާޑް ވިދާޅުވި އެވެ.
ރިލްވާން ގެއްލުނު މައްސަލައަށް ސަމާލުކަން އިތުރުކުރުމަށް އެތަނުގެ މުވައްޒަފުން ކަޅު ހެދުމުގައ–. ފޮޓޯ ރާއްޖެޓީވީ
ރިލްވާން ގެއްލުނު މައްސަލައަށް ސަމާލުކަން އިތުރުކުރުމަށް އެތަނުގެ މުވައްޒަފުން ކަޅު ހެދުމުގައ–. ފޮޓޯ ރާއްޖެޓީވީ
ހަބަރުތައް ފުސް ކުރުމުގެ އިތުރުން ރާއްޖެ ޓީވީގެ މުވައްޒަފުން އިއްޔެ މަސައްކަތް ކޮށްފައިވަނީ ކަޅު ހެދުމުގަ އެވެ. އަދި އޭގެ އިތުރުން ކުރިއަށް އޮތްތަނުގައި ރިލްވާން ގެއްލުނު މައްސަލައާ ގުޅޭގޮތުން ތަހުގީގީ ރިޕޯޓްތައް ގެނެސްދިނުމާއި އޭނާ ހޯދުމަށް ހުރިހާ ފަރާތްތަކުން ކުރާ މަސައްކަތްތައް ވަކި ސެގްމެންޓެއްގެ ގޮތުގައި ހަބަރުގައި ގެނެސްދިނުން ވެސް ހިމެނޭ ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.
“އޭގެ އިތުރުން ރިލްވާން އަކީ ކާކުކަން އަންގައިދިނުމަށް ޕްރޮގްރާމްތަކާއި ރިޕޯޓްތައް ވެސް އަޅުގަނޑުމެން ގެނެސްދޭނަން،” އަސްވާޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ ޓީވީއަށާއި އެ ޓީވީގެ މުވައްޒަފުންނަށް ވެސް އެކި ފަހަރު މަތިން ގެއްލުންދީ، ފުރާނައަށް ނުރައްކާވާ ވަރުގެ ހަމަލަތައް ދީފައިވާ އިރު، ނޫސްވެރިންނަށް ދޭ މިފަދަ ހަމަލާތަކަކީ ވަރަށް ބޮޑަށް ތަހުގީގު ކުރެވެން ޖެހޭނެ ކަންތައްތައް ކަމަށެވެ. އަދި ނޫސްވެރިކަމުގެ އާއިލާގައި ހިމެނޭ ކޮންމެ މެމްބަރެއް އަދި ދިވެހި ރައްޔިތަކު ވަގަށް ނަގައި ގެއްލުވާލުމަކީ ގައުމީ ފެންވަރުގެ ތަހްގީގެއް ކުރިއަށް ގެންގޮސް މައްސަލައިގެ އަސްލު ސާފުވާންޖެހޭނެ ކަމެއް ކަމުގައި ވެސް އަސްވާޑް ވިދާޅުވި އެވެ.
ބޮޑެތި އިންޒާރުތަކެއް ލިބިފައި ވަނިކޮށް ގެއްލުނު ރިލްވާން ނުފެންނަތާ މިހާރު ގާތްގަނޑަކަށް މަހެއްވަރު ވަނީ އެވެ.
ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބުނާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.